ހޮސްޕިޓަލްތަކުގައި ހަމާސް ގެ މުޖާހިދުން އޮޕަރޭޓް ކުރަމުން ގެންދާ ކަމަށް ތަކުރާރު ކޮށް ބުނަމުން އެތަންތަން ހުސްކުރަން އަންގާ ވަށައިގެން ކައިރި ސަރަހައްދުތަކަށް ބޮން އަޅާތާ ހަފްތާއެއްގެ ފަހުން ހޮސްޕިޓަލަށް ބޮން އަޅައިފިއެވެ.
ގާޒާގެ ސިއްހީ އިދާރާއިން ބުނީ، އެތާނގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލްގައި މިވަގުތު 5000 މީހަކު އެޑްމިޓް ކޮށްގެން ފަރުވާދެމުން ގެންދާ އިރު އެޑްމިޓް ނުކުރެވި ތިބި 800 މީހަކާއި ހިމާޔަތް ހޯދަން ވަދެތިބި އާންމުންނާއެކު ޖުމްލަ 40،000 އެއްހާ މީހުން ތިއްބާ އިޒްރޭލުން ބޮން އެޅީ ހޮސްޕިޓަލްގެ ކޮމްޕައުންޑަކަށް ކަމަށެވެ. އެވަގުތު އެތަނުގައި ގިނަ އަދަދެއްގެ ބަޔަކު ތިބި ކަމަށާއި އެ ހާދިސާގައި 13 މީހަކު ޝަހީދުވެ އެއްތައްބަޔަކު ޒަހަމްވި ކަމަށެވެ.
އާންމުވި ބައެއް ވީޑިއޯ ތަކުން ޝަހީދުވެ ތަޅުންގަނޑުގެ އެތަން މިތަނުގައި މީހުންތައް ތިބިތަން ފެންނަމުން ދިޔަ އިރު ބޮޑެތި ޒަހަމްތައް ލިބިފައި ތިބި އެތައް ބަޔަކުވެސް އެތަން މިތާނގައި ތިއްބެއެވެ. އެއާއެކު އާންމުން ރޮމުން ކޮޅުކޮޅު މައްޗަށް ދުވާތަންވެސް އެ ވީޑިއޯ ތަކުން ފެނެއެވެ.
މިހާތަނަށް މުޅި ގާޒާގެ 50 ޕަސެންޓް އިމާރާތް ބޮން އަަޅާ ހަލާކު ކޮށްލާފައި ވާއިރު، ގާޒާގެ އެތަން މިތާނގައި ހުންނަ ހޮސްޕިޓަލްތަކުގެ ތެރެއިން 20 ތަނެއް އެއްކޮށް ވަނީ ހަލާކުވެ ބަންދުކޮށްފައެވެ. ދެން ހުރި ތަންތަނުގެ ތެރެއިން އެންމެ ބޮޑެތި 4 ތަނާ ކައިރިއަށް ވަށައިގެން ބޮން އަޅަމުން އަޅަމުން ގޮސް އެންމެ ފަހުން ސީދާ ހޮސްޕިޓަލަށް އަމާޒު ވާނޭހެން ބޮން އަޅަން ފެށީ ރޭގައެވެ.
ރޭ އެންމެ ބޮޑު 4 ހޮސްޕިޓަލަށް ހަމަލާ ދީފައި ވާ އިރު، ކުޑަކުދިންގެ 2 ހޮސްޕިޓަލް ކަމަށް ވާ އަލް ތަންތީސީ އާއި އަލް ނާސިރް އަށް ވެސް ވަނީ ހަމަލާ ދީފައެވެ. ދެން ހަމަލާ ދިނީ އިންޑޮނީޝިއަން ހޮސްޕިޓަލަށެވެ. މިތަންތަނަށް އަމާޒު ކޮށް ދިން ހަމަލާތަކުގައި މާގިނަ ބަޔަކު ޝަހީދު ނުވި ނަމަވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ މިއިން ކޮންމެ ތަނަކުންވެސް ޒަހަމްވެފައެވެ.
އިޒްރޭލުގެ މިހަމަލާތަކުގައި އަދި ސީދާ ހޮސްޕިޓަލްގެ މައި އިމާރާތަށް އަމާޒެއް ނުކުރެއެވެ. ނަމަވެސް ހޮސްޕިޓަލްގެ ކޮމްޕައުންޑް ތެރޭގައި ހުންނަ އެކިއެކި އިމާރާތްތަކަށް އަމާޒުކޮށް ހަމަލާ ދިނުމުގެ ސަބަބުން، ބާކީ މިހާރު ނުވެއްޓި ހުރީ ނުވަތަ އެއްކޮށް ފުނޑުފުނޑު ނުވެ ހުރީ މައި އިމާރާތް އެކަންޏެވެ. އެތަންތަނަށް ވެސް އެކިވަރުގެ ގެއްލުން ވަމުން އަންނަ އިރު، ބިއްލޫރިތައް ތެޅުމާއި ސީލިން ވެއްޓުމާއި އިމާރާތުގެ ބައެއް ބައިތައް ބިންދައިގެން ވެއްޓުން ފަދަ ހާދިސާތައް ވަނީ ހިނގާފައެވެ. މީގެ އިތުރުން އަލް ރަންތީސީ ހޮސްޕިޓަލްގެ 3 ވަނަ ފަންގެފިލާއަށް މިސައިލް ހަމަލާއެއް ދީ އެތާ ތިބި 8 ކުޑަކުއްޖަކު ޝަހީދު ކޮށްލާފައި ވެއެވެ.
ހަބަރުތައް ބުނާގޮތުން އަލް ޝިފާއަށް މިއަދު ހަމަލާތައް އަމާޒު ކުރަމުން ގެންދާ އިރު އެތާ ތިބި ޑޮކްޓަރުންނާއި ނަރުހުން ބުނަމުން ދަނީ ޝަހީދު ވިޔަސް އެތާ ތިބި ބަލި މީހުން ދޫކޮށްފައި ނުދާނެ ކަމަށެވެ.
މިހާރު އަލް ޝިފާ ހޮސްޕިޓަލާއި އިންޑޮނީޝިއަން ހޮސްޕިޓަލް ޔަހޫދީ ސިފައިން ވަށާލާފައި ވާ އިރު، އެއްގަމު މަގުން ބަޑީގެ ހަމަލާތައް ބަދަލު ކުރާ އަޑުވެސް އިވެމުން ދާ ކަމަށް ރިޕޯޓަރުން ބުނެއެވެ. ރޭގެ ހަމަލާތަކުގައި ހޮސްޕިޓަލްތަކުގެ އިތުރުން އެ ހޮސްޕިޓަލް ތަކާ ކައިރީގައި ހުންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕާއި ޝަތީ ރެފިއުޖީ ކޭމްޕަށް ވެސް ވަނީ ހަމަލާ ދީފައެވެ.
ހަމާސްގެ މުޖާހިދުން ހޮސްޕިޓަލްތައް ބޭނުން ކުރާ ކަމަށް ބުނެ އިޒްރޭލުން އެތަންތަނަށް ހަމަލާ އަމާޒު ކުރަމުން ދިޔަ ނަމަވެސް އެތަންތާނގައި ހަމާސްގެ އެއްވެސް ހަރަކާތެއް ނުހިނގާ ކަމަށް އެ ޖަމާއަތުން ބުނެއެވެ.