ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ ގަރާރު ފާސްވުމުން ބަޖެޓް ފާސްކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށާއި މި މަހުގެ 30ގެ ކުރިން ބަޖެޓް ފާސްކުރާނެ ކަމަށް އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ބިގޭ މިހެން ވިދާޅުވީ، މިއަދު ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ފަހު ނޫސްވެރިންނަށް ދެއްވި މައުލޫމާތުގެ ތެރެއިން 'ދަ ޕްރެސް' ގެ ނޫސްވެރިޔާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ބިގޭ ވިދާޅުވީ، މަޖިލީހުގެ ގަވާއިދަށް އިސްލާހުތަކެއް ގެންނަން ހުށަހަޅާފައިވާ އިރު އެ މައްސަލަ ބާއްވާފައި އޮތް ކަމަށާއި ނަޝީދު ވަކި ކުރުމުގެ މައްސަލަ ކުރިއަށް ނުގެންދިއުމުން މަޖިލީހުގެ އެހެނިހެން މަސައްކަތްތައް ވެސް ހުއްޓިފައިވާ ކަމަށެވެ.

އެގޮތުން މަޖިލީހުގެ ގަރާރުގެ މަސައްކަތް ނިމުމުން ހުއްޓިފައި ހުރި މަސައްކަތް ކުރިއަށް ދާނެ ކަމަށް ބިގޭ ވިދާޅުވިއެވެ. މިއަދު ސުޕްރީމް ކޯޓުން ނިންމި ނިންމުމާއެކު ލިބިގެން ދިޔަ މިނިވަންކަމާއި މަޖިލީހުގެ އަމީން އާންމަށް ލިބުނު ބާރުގެ ތެރެއިން މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުން ކުރިއަށް ދާނެ ކަމަށް ބިގޭ ވިދާޅުވިއެވެ.

ބަޖެޓަކީ މި މަހުގެ 30 ގެ ކުރިން ފާސްކުރަން ޖެހޭ ބަޖެޓަކަށް ވީއިރު، އެ ބަޖެޓްތައް ފާސްކުރުމުގެ ކަންކަން ވެސް ކުރިއަށް ގެންދާނެ ކަމަށް ބިގޭ ވިދާޅުވިއެވެ. އަދި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނާއި މަޖިލީހުގެ މެންބަރުންނަކީ މީގެ ކުރިންވެސް އެވަގުތަކާ ހާލަތަށް ބަަލައި ނިންމަންޖެހޭ ކަންކަން ނިންމުމަށް މަސައްކަތް ކުރައްވާ ބައެއް ކަން ބިގޭ ފާހަގަ ކުރެއްވިއެވެ. 24 ގަޑިއިރު މަސައްކަތް ކޮށްގެން ވެސް ދީފައިވާ މުއްދަތަަކަށް ނިންމަންޖެހޭ މަސައްކަތެއް ނުނިންމަވާ ތިއްބަވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ބިގޭ ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމުގައި ހުންނެވުމުން، ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދެވުމުން ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހެޅި މައްސަލަ ނިންމައި މިއަދު ހުކުމް ކުރީ އެމްޑީޕީއާ އެކޮޅަށެވެ. ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެޖެންޑާ ކުރާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަށް ކަމަށް ކަނޑައަޅައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ކުރިއަށް ނުގެންދަން ނިންމާފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަަމަށެވެ.

މީގެ އިތުރުން މަޖލީހުގެ ރިޔާސަތު މަޖިލީހުގެ ރައިސާއި ނައިބު ރައީސަށް ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ގަވައިދުން ކަނޑައަޅަން ޖެހޭ 5 މެންބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ. ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމީ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރައީސާއި ނައިބު ރައީސް ނޫން މެންބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ.

މި މައްސަލަ ނިމުމާއެކު އަންނަ އާދިއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވަނީ ނިންމާފައެވެ. ނަމަވެސް އަދި އެޖެންޑާ މެންބަރުންނަށް ފޮނުވާފައެއް ނުވެއެވެ. މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެއެވެ. އެހެންކަމުން އާދިއްތަ ދުވަހުގެ ޖަލްސާއަށް ނަޝީދު ވަކިކުރުން އެޖެންޑާ ކުރާނެއެވެ.