ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ވެސް މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެމްޑީޕީން މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް މިއަދު ހަވީރަށް ތާވަލުކޮށްފިއެވެ.
'އެކްސް' ގައި ކުރި ޕޯސްޓެއްގައި ސުޕްރީމް ކޯޓުން ބުނީ، މި މައްސަލައިގެ ހުކުމް އިއްވުން މިއަދު ހަވީރު 4 ޖަހާއިރު އޮންނާނެ ކަމަށެވެ. ސުޕްރީމް ކޯޓުން ކުރި ޕޯސްޓުގައިވާ ގޮތުން، ހުކުމް އިއްވުން ޔޫޓިއުބް މެދުވެރިކޮށް ވަގުތުން ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެމްޑީޕީން މިދިޔަ ހަފްތާގައި ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމުގައި ހުންނެވުމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދެވުމުން، އެ ހާލަތުގައި އެހެން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނެ ގޮތެއް ކަނޑައަޅައިދިނުމަށް އެދިއެވެ.
ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅާފައިވާތީ އީވާ ވަނީ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަން ހާމަކުރައްވައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އަށް ސިޓީ އެއް ވެސް ފޮނުއްވައިފައެވެ.
މި މައްސަލައިގެ ޝަރީއަތުގެ އެންމެ ފަހު އަޑުއެހުމުގައި ޑިމޮކްރެޓުން ބުނީ، މި މައްސަލައިގެ ތެރެއަށް ސުޕްރީމް ކޯޓަކަށް ނުވަދެވޭނެ ކަމަށާއި މަޖިލީހުގެ ތެރެއިން މި މައްސަލަ ހައްލުކުރެވޭނެ ކަމަށެވެ. މަޖިލީހުގެ އިދާރާ އިން ވަނީ މިއަދުގެ އަޑުއެހުމުގައި މި މައްސަލަ މަޖިލީހުގެ ތެރެއިން ހައްލުކުރުމަށްޓަކައި ހަތަރު ކަމެއް ހުށަހަޅައިފައެވެ.
ނަމަވެސް މައްސަލަ ހުށަހެޅި އެމްޑީޕީ އާއި، މައްސަލައަށް ތަދައްހުލުވެފައިވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި މަޖިލިސް ތަމްސީލުކުރާ ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން އެދުނީ ކޯޓުން ހައްލެއް ހޯދައިދިނުމަށެވެ.