ފުވައްމުލަކު ސިޓީގައި އިއްޔެއާއި މިދިޔަ އަންގާރަ ދުވަހު ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް މާލެ ގެނެސް ފަރުވާދެމުންދާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެފިއެވެ.

އިއްޔެ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެ އެކްސިޑެންޓުގައި އަނިޔާ ލިބިފައިވަނީ ސައިކަލު ދުއްވަން އިން ޒުވާނާއަށެވެ. ކާރު ދުއްވަން އިން މީހާއަށް އަނިޔާ ލިބިފައި ނުވި ނަމަވެސް ކާރު ހަލާކުވުމުގެ އިތުރުން ކާރުގޮސް ޖެހުނު ފާރުންވެސް ބައެއް ވަނީ ވެއްޓިފައެވެ.

އެކަމާ ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ލިރާރު "ދަ ޕްރެސް" އަށް ވިދާޅުވީ އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބިފައިވަނީ 43 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އޭނާގެ ފައިގެ ކަށިގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށާއި އަދި އެތެރެހައްޓަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާ ކަމަށް ލިރާރު ވިދާޅުވިއެވެ.

އެ މީހާއަށް މިހާރު ފަރުވާދެމުން ގެންދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ކަމަށް ލިރާރު ވިދާޅުވިއެވެ.

މިދިޔަ އަންގާރަ ދުވަހު އެމްޓީސީސީގެ ވެހިކަލަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި 19 އަހަރުގެ ޒުވާނަކަށް އަނިޔާ ލިބިފައިވެއެވެ. އެ ޒުވާނާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު މާލެ ފޮނުވާލާފައިވާއިރު ލިރާރު ވިދާޅުވީ އެ ޒުވާނާއަށް މިހާރު ފަރުވާދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށެވެ. ލިރާރު ވިދާޅުވީ އެ ޒުވާނާގެ ބޮލުގެ ވާތް ފަރާތަށް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުގެ ބަހެއް ހޯދަން "ދަ ޕްރެސް" އިން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.