ކާވެނީގެ ކުރިން ވެވޭ އެއްބަސްވުމުގެ ސަބަބުން އެކުގައި ހާސިލުކޮށްފައިވާ މުދަލާއި ފައިސާ ބެހުމުގެ ބާރު ކޯޓަށް ލިބޭ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.
ކާވެނީގެ ކުރިން ވެވޭ އެއްބަސްވުން ނުވަތަ ޕްރީ-މެރިޓަލް އެގްރީމަންޓަކީ ކައިވެނިކުރާއިރު އެ ކައިވެނީގައި ހިމެނޭ ދެ ފަރާތުން ދިރިއުޅުން ބިނާކުރުމުގައި ތަބާވާނެ މައިގަނޑު އުސޫލުތައް ބަޔާންކޮށް ދެ ފަރާތުގެ ދެމެދުގައި ލިޔުމަކުން ވެވޭ އެއްބަސްވުމެކެވެ.
ކާވެނި ކޮށްދިނުމަށް އެދި ހުށަހަޅާ ފޯމާއެކު އެ އެއްބަސްވުން ކޯޓަށް ހުށަހަޅަން ވާނެ ކަމަށް ފެމިލީ ކޯޓުން ބުނެއެވެ. އަދި ކާވެނި ކޮށްގެން އުޅޭ ދެމަފިރިންވެސް ދިރިއުޅުން ބިނާކުރުމުގައި ތަބާވަނެ މައިގަނޑު އުސޫލުތައް ބަޔާންކޮށް ދެ ފަރާތުގެ ދެމެދުގައި ލިޔުމަކުން އެއްބަސްވުމެއް އެކުލަވާލުމަކަށް ގާނޫނީ ހުރަހެއް ނެތް ކަމަށްވެސް އެ ކޯޓުން ވަނީ ބުނެފައެވެ.
ފެމިލީ ކޯޓުން ބުނީ ކާވެނީގެ ކުރިން ވެވޭ އެއްބަސްވުން އެކުލަވާލަން ވާނީ އިސްލާމީ ޝަރީއަތުގެ އުސޫލުތަކާއި ރާއްޖޭގައި އަމަލު ކުރެވެމުންދާ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އެފަދަ އެއްބަސްވުމުގެ ސަބަބުން ވަރިކުރުމުގެ ހުއްދަ ދިނުމުގެ ކުރިން ނުވަތަ ކާވެނި ރޫޅައިދިނުމުގެ ކުރިން ނުވަތަ ވަރި ރަޖިސްޓަރީ ކޮށްދިނުމުގެ ކުރިން ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލާއި ފައިސާ އެ ދެމަފިރިންގެ މެދުގައި އަދުލުވެރި ބެހުމަކުން ބެހުމުގެ ބާރު ކޯޓަށް ލިބޭނެ ކަމަށް ފެމިލީ ކޯޓުން ވަނީ ބުނެފައެވެ.
ފެމިލީ ކޯޓުން އިތުރަށް ބުނީ އެ ފަދަ އެއްބަސްވުމެއް ދެމަފިރިންގެ މެދުގައި ކޮށްފައިވާ ނަމަވެސް ނުވަތަ ކޮށްފައި ނެތް ނަމަވެސް އިސްލާމީ ޝަރީއަތުން ދެމަފިރިންކުރެ ކޮންމެ ފަރާތަކަށްވެސް ލިބެންޖެހޭ އެންމެހައި ހައްގުތައް ފުރިހަމައަށް އެ ފަރާތަކަށް ލިބިދެވޭނެ ކަމަށެވެ.