މަރިޔަމް މަޖުދާ (މަޖޫ) އޭ ބުނުމުން މިއަދު ނޭނގޭ ދިވެއްސެއް މަދުވާނެއެވެ. ހިތްގައިމު ގިނަ ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ މަޖޫ ވަނީ ބެލުންތެރިންގެ އިތުބާރު ފުރިހަމައަށް ހޯދާފައެވެ. 2014 ވަނަ އަހަރު ފިލްމު "ހުޅުދާން" އިން ދިވެހި ފިލްމު އިންޑަސްޓްރީގައި ފައިތިލަ ސާބިތުކޮށްލި މަޖޫ ގިނައިން ފެނިފައިވަނީ ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމުތަކުންނެވެ.

ގައުމީ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ބަތަލާގެ އެވޯޑުވެސް އުފުލާލާފައިވާ މަޖޫ މިހާރު ތައްޔާރު ވަމުން އަންނަނީ އަންނަ މަހު ރިލީޒްކުރާ "ނޮވެމްބަރ" މި ފިލްމަށެވެ. ޑާކްރެއިންގެ އެންމެ އަގުބޮޑު ޕްރޮޖެކްޓް "ނޮވެމްބަރ" އަކީ މީގެ ހަތަރު އަހަރު ދުވަހެއްހާ ކުރިން އިއުލާންކުރި ފިލްމެކެވެ. ފިލްމު ޝޫޓްކޮށް ރިލީޒްކުރަން ނިންމާފައިވަނިކޮށް ކޮވިޑްގެ ވަބާ ކުރިމަތިވުމާއެކު ފިލްމު އެޅުވުން ފަސްވަމުން ގޮސް މިއަހަރު ފިލްމު ރިލީޒްކުރަން ތައްޔާރުވަނީއެވެ.

"އަސްލު ނޭނގޭ މިއަހަރު ފިލްމު ރިލީޒްކުރާނެ ކަމެއްވެސް. ހޯޕް ގެއްލުވައެއްނުލަން އެކަމަކު ވެސް. އެއީ މި ފިލްމަކީ ވަރަށް ބުރަ މަސައްކަތެއް. އަބަދުވެސް ހޯޕްކޮށްގެން ހުންނަނީ ކޮންމެއަހަރަކުވެސް މިއަހަރު މި ފިލްމު ފެންނާނެއޭ. އެހެންވެ މިއަހަރު މިއޮތީ އަންނަ މަހު ފިލްމު ރިލީޒްކުރާ ގޮތަށް. ޑިސެމްބަރު ހަތަރެއް ނައިސްގެން ކެތްމަދުވެފައި މިހާރު މިހުންނަނީ،"

ފިލްމު

ފިލްމުގައި މަޖޫ ފެނިގެންދާނީ ދިވެހި ޓީޗަރެއްގެ ރޯލުން ކަމަށާއި ދިރިއުޅުމުގައި ދިމާވާ ކަމަކުން މުޅި ދިރިއުޅުން ބަދަލުވެގެންދާ ގޮތް ފިލްމުން ދައްކުވައިދޭނެ ކަމަށްވެސް ބަތަލާ މަޖޫ ވަނީ ބުނެފައެވެ. ފިލްމުގެ މުޅި ޓީމުގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށާއި އޭގެ ތެރެއިން އައިޝަތު ފުއާދު، އަލީ ޝިފާއު (ޗިއްޕެ)، ޝިނާން، އިސްމާއިލް ވަޖީހު އަދި ސޭންޑީގެ ނަން ފާހަގަކޮށްލާ ކަމަށް މަޖޫ ބުންޏެވެ. ބަތަލާ ބުނީ ޝޫޓިން ކުރިއަށްދިޔައިރު އެންމެ އުނދަގޫވީ ބީޗުގައި ޓައިމްލޭޕްސް އެއް ނަގަން ބައިންދާފައި އިންދާ ކަކުނި އެރުމުން ކަމަށެވެ. ޝޫޓިން ނިންމާލެވުނީ ވަރަށް އަމާން ކަމާއި މަޖާކޮށްކަމަށްވެސް ބަތަލާ ވަނީ ބުނެފައެވެ. ޝޫޓްކުރާ ކޮންމެ ދުވަހަކީ ވެސް ވަރަށް މަޖާ ދުވަހެއް ކަމަށާއި ޝޫޓްކުރާއިރު ވަގުތު ދާ ގޮތްވެސް ގިނަ ފަހަރު ނޭނގޭ ކަމަށް ވެސް މަޖޫ ވަނީ ބުނެފައެވެ.

"މި ފިލްމަށް ކުރާ އުންމީދު އަސްލު ވަރަށް ބޮޑު. ޝޫޓިން ނިންމާފައި ކޮވިޑް އާ ދިމާވި ކަންތައްތަކެއްގެ ސަބަބުން މި ފިލްމު އޮލިމްޕަހަށް އަންނަން ލަސްވި. ދެން މިއީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތެއް ފެނިގެންދާނެ ފިލްމެއް. އަދި ރާއްޖޭގައެއް ނީންނާނެ މިވަރަށް ސްޕެންޑު ކޮށްގެން ދިވެހި ފިލްމެއް ހަދާފައެއް،"

ފިލްމުގެ އިތުރުން ޑްރާމާ ސިލްސިލާތައް ވެސް ކުޅެފައިވާ މަޖޫ ބުނީ އެކްޓްކުރުމަކީ ކުޑައިރުން ފެށިގެންވެސް ވަރަށް ކުރާ ހިތްވާ ކަމެއްކަމަށެވެ. ފިލްމު ކުޅެން ފުރުސަތު ލިބުމުން އޭގައި ބޭނުން ހިފަން އެނގުނީވެސް ފިލްމު ކުޅެން ބޭނުންވެފައި ހުރި ވަރުން ކަމަށްވެސް ބަތަލާ މަޖޫ ވަނީ ބުނެފައެވެ. އެންމެ ފުރަތަމަ ފުރުސަތު ލިބުމުން ކުރެވޭނެ ކަމެއް ބާވައޭ ހިތަށް އެރި ކަމަށާއި ފުރަތަމަ ކުޅުނީ ލަވައެއްކަމާއި، ލަވައިގެ ތެރެއިން ފިލްމީ ދާއިރާއަށް ނުކުމެވުނީ ކަމަށް މަޖޫ ބުންޏެވެ. ކުރިއަށް އޮތްތަނުގައި މަޖޫ ކުޅެލަން ބޭނުންވަނީ ކޮންކަހަލަ ރޯލެއްތޯ ސުވާލު ކުރުމުން އޭނާ ބުނީ ފިލްމީ ދާއިރާގައި މިހާރު ގިނަ ރޯލުތަކެއް ކުޅެވިއްޖެ ކަމަށާއި ދެން ބޭނުންވަނީ ހާއްސަ އެހީއަށް ބޭނުންވާ އޯޓިސްޓިކް މީހެއްގެ ރޯލު ކުޅެން ކަމަށެވެ. ތަފާތު ރޯލަކުން މަޖޫ ފެންނަން ބޭނުންވަނީ ތަފާތު އެކްޓިން އެއް މަޖޫ އަށް ދެއްކޭނެ ކަމަށް ގަބޫލުކުރާތީ ކަމަށްވެސް ބަތަލާ ވަނީ ބުނެފައެވެ. ބަތަލާ މިވަގުތު މަސައްކަތްކުރަމުން އަންނަނީ ޑާކްރެއިންގެ ޝޯޓް ފިލްމުތަކެއްގައެވެ.

ބަތަލާ މަޖުދާ---

ޑާކްރެއިން އެންޓަޓެއިންމަންޓުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ނޮވެމްބަރ ގައި މަޖޫގެ ދައްކުވައިދީފައިވަނީ ވަރަށް މޮޅު އެކްޓިންނެއް ކަމަށެވެ. އެއީ މިހާތަނަށް މަޖޫގެ އެންމެ މޮޅު މަސައްކަތް ކަމަށް ވެސް މޮގާ ވަނީ ބުނެފައެވެ.

"އަސްލު ވަރަށް މޮޅު ތަރިއެއް މަޖޫ އަކީ. ވަރަށް ފަހުރުވެރިވޭ މަޖޫއާ ދޭތެރޭ،" މޮގާ ބުންޏެވެ.

މިދާއިރާ އަށް އަލަށް ނުކުންނަ ކުދިންނަށް މަޖޫވަނީ ނަސޭހަތެއްދީފައެވެ. މަޖޫ ބުނީ ފިލްމު ކުޅުމަކީ ހިތްވަރެއް ހުރިއްޔާ ކުރަން ވަރަށް ރަނގަޅު ކަމެއް ކަމަށާއި ކޮންމެ ކުއްޖަކުވެސް ބަލަންވީ އެކުއްޖަކަށް ދެއްކޭނެ އެންމެ މޮޅު ހުށައެޅުން ދެއްކޭތޯ ކަމަށެވެ. އަދި ހިތްވަރުކޮށްގެން މި ދާއިރާއިން ދެވެން އޮތް އެންމެ ކުރިއަށް ދާން މަސައްކަތް ކުރަންޖެހޭނެ ކަމަށާއި މިއީ މަސައްކަތްކުރަން ވަރަށް ރަނގަޅު ދާއިރާއެއް ކަމަށެވެ.

މަޖޫ ވަނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބެލުންތެރިންގެ ލޯތްބާއި އިތުބާރު ހޯދާފައެވެ. ކޮންމެ ކެރެކްޓާއެއް ކުޅެލަން ލިބުނުނަމަވެސް މަޖޫގެ ހުނަރު ފެނިގެންދެއެވެ. އެނގޭހާވެސް ކަމަކީ ކޮންމެ ރޯލެއް ކުޅެލަން މަޖޫ އަށް ލިބުނު ނަމަވެސް އެ ރޯލުން އޭނާގެ އެންމެ ބެސްޓް ދެއްކޭތޯ މަސައްކަތްކުރާނެ ކަމެވެ. ހަމަގައިމުވެސް ބެލުންތެރިން މާޔޫސްކޮށް ނުލާނެއެވެ. މަޖޫގެ އުންމީދަކީ "ނޮވެމްބަރ" ބެލުންތެރިންނަށް ކަމުދިޔުމެވެ. ފިލްމު މާސްޓަޕީސް އަކަށްވުމެވެ.