މިހާރު އޮލިމްޕަސް ސިނަމާގައި އަޅުވާފައި އޮތް ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމު "ނޮވެމްބަރ" ހދ ކުޅުދުއްފުށީގައި އަޅުވާގޮތަށް ހަމަޖެހިއްޖެއެވެ.

އެ ފިލްމުގެ ތިން ޝޯއެއް އެރަށުގައި ދައްކަން ނިންމާފައިވާއިރު މި ފިލްމު ކުޅުދުއްފުށީގައި އަޅުވާނީ މި މަހު 14، 15 އަދި 16 ވަނަ ދުވަހުގެ ރޭ 20:30 ގައި ހދ އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ހޯލުގައެވެ. ރަށުގެ ސީސަލް ގްރިލްއިން ޓިކެޓް ގަންނަން ލިބެން ހުރިއިރު 9715523 އަށް ގުޅައިގެންވެސް ޓިކެޓްގެ ކަންތައް ހަމަޖެއްސޭނެއެވެ. ކުޅުދުއްފުށި ސިޓީގައި މި ފިލްމު އަޅުވަން ނިންމާފައިވާއިރު މި ފިލްމު ވަނީ މި މަހު ހަތެއް އަދި އަށްވަނަ ދުވަހުގެ ރޭ ގއ ވިލިނގިލީގައިވެސް އަޅުވާފައެވެ.

މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ޝޫޓިންތައް ނެގީ ސިންގަޕޫރު އަދި އައްޑޫގައެވެ. ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައި ވަނީ އައިޝަތު ފުއާދު ތައުފީގު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކުރާ "ނޮވެމްބަރ"ގެ ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދެވެ. ފިލްމުގެ ސިނަމޮޓޮގްރަފީ ތައްޔާރުކުރާނީ އަހްމަދު ޝިނާން އަދި އަލީ ޝިފާއު އެވެ. "ނޮވެމްބަރ" އަކީ ލޯބީގެ ރަހަތައް އެކުލެވިގެންވާ ފިލްމެކެވެ. މި ފިލްމަކީ ޖުމައްޔިލް އާއި މަޖުދާ ކަޕްލް އެއްގެ ގޮތުގައި ފެނިގެންދާނެ ފަހު ފިލްމުވެސްމެއެވެ. މި ފިލްމުގެ ޓިކެޓް އޮލިމްޕަހުން މިހާރު ގަންނަން ލިބޭނެއެވެ. ޝޯއެއްގެ ޓިކެޓެއް 150 ރުފިޔާ އަށް ލިބޭނެއެވެ. ހަމަގައިމުވެސް އަހަރުގެ ފުރަތަމަ ފިލްމާއި އަހަރުގެ ފަހު ފިލްމު އެޅުވުމުގެ ޝަރަފު ލިބިގެން ދިޔައީ ޑާކްރެއިނަށެވެ. މި ކުންފުނީގެ ފިލްމެއް މިއަހަރު ފެބްރުއަރީ މަހު ވަނީ އޮލިމްޕަހުގައި އަޅުވާފައެވެ. އެއީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އެކްޓިން ދާއިރާ އަށް ނުކުތް "ބީވީމާ" އެވެ.