ފާއިތުވި ގާދިއެއްހާއިރުގެ ތެރޭގައި ގާޒާއަށް ވަރުގަދަ ހަމަލާތަކެއް ދީ ގިނަ ބަޔަކު ޝަހީދު ކޮށްލައިފިއެވެ. މިއާ އެކު މިއަދު ޝަހީދުވި މީހުންގެ ޖުމްލަ އަދަދު ވަނީ 214 އަށް އަރާފައެވެ.
އަލްޖަޒީރާގެ ނޫސްވެރިން ބުނީ, ފާއިތުވި ގަޑިއިރު ތެރޭގައި އިޒްރޭލުން އާދަޔާ ހިލާފު ވަރުގަދަ ހަމަލާތަކެއް ގާޒާގެ އެތަން މިތަނަށް އަމާޒު ކޮށް ދީފައި ވާ ކަމަށާއި އެގޮތުން އަލް ޔަމަނީ ހޮސްޕިޓަލް ލަރިރިން ކާރެއް ގޮއްވާލައި, ޝާތީ ރެފިއުޖީ ކޭމްޕަށް އާދަޔާ ހިލާފު ވަރުގަދަ ހަމަލާތަކެއް ދީފައި ވާ ކަމަށެވެ.
ޝާތީ ރެފިއުޖީ ކޭމްޕަކީ, އުތުރު ގާޒާއާ ޖެހިގެން އޮންނަ ގާޒާ ސިޓީގައި އޮންނަ ބައިބޯ ކޭމްޕެކެވެ.
މިއާއެކު ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 10,596 އަށް އަރައިގެން ދިޔައީއެވެ. ޒަހަމްވި މީހުންގެ އަދަދު ވަނީ 26,457 އަށް އަރާފައެވެ. ޝަހީދުވި މީހުންނާއި ޒަހަމްވި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ޒުވާނުންނާއި ކުޑަކުދިންނެވެ.
ޖުމްލަ 4,324 ކުޑަކުދިން ޝަހީދު ކޮށްލާފައި ވާ އިރު އދ ގެ އިދާރާތަކުން ބުނެފައި ވަނީ މިއީ އާދަޔާ ހިލާފު މަތީ އަދަދެއް ކަމަށާއި ގާޒާގެ ރައްޔިތުންގެ މުސްތަގުބަލާ މެދު ސުވާލު އުފެދޭ ކަމަށެވެ.
އިއްޔެއެކޭ އެއްގޮތަށް މިއަދުވެސް ގާޒާގެ އުތުރުން މީހުން ބޭލުމުގެ މަސައްކަތް އިޒްރޭލު ސިފައިން ވަނީ ކޮށްފައެވެ. އިއްޔެ 5000 މީހުން ފައިބައިގެން ދިޔަ އިރު މިއަދު 15,000 މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ. މިއާއެކުވެސް ގާޒާގެ އުތުރުގައި 300,000 އެއްހާ މީހުން އަދިވެސް އެބަތިއްބެއެވެ.
އިޒްރޭލުން ބުނާގޮތުގައި ހަމަލާތައް ފެށިފަހުން މި ވީ 32 ދުވަހުގެ ތެރޭގައި ހަމާސްގެ 132 ޓަނަލެއް ވަނީ ގޮއްވާލާފައެވެ.
އިޒްރޭލުން ގާޒާގެ އުތުރާއި ދެކުނާއި އަދި މެދުތެރެއަށް ހަމަލަ ދެމުން އަންނަ އިރު, ސްކޫލުތަކާއި, ހޮސްޕިޓަލްތަކާއި މީހުން އުފުލާ ވެހިކަލްތަކާއި އެމްބިއުލާންސް ތަކާއި އެހީގެ ސާމާނު އުފުލާ ޓްރަކުތަކަށް ވެސް ދަނީ ހަމަލާ ދެމުންނެވެ.
މި ހަމާތަކުގެ ބޭރުން ގާޒާއާ ވަކިން އޮންނަ ހުޅަނގު އައްސޭރީގެ އެކި ތަންތަނަށް ވެސް ހަމަލާދީ ރެއިޑްކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރަމުންވެސް އެބަގެންދެއެވެ.
ހުޅަނގު އައްސޭރިން 164 މީހުން ޝަހީދު ކޮށްލާފައި ވާއިރު, 2,100 މީހަކު ވަނީ ޒަހަމްވެފައެވެ. އަދި ހައްޔަރު ކޮށްގެން އިޒްރޭލުގެ ޖަލުތަކަށް ގެންދިޔަ މީހުންގެ އަދަދު ވަނީ 2,200 އަށް އަރާފައެވެ.
އިޒްރޭލުން ބުނަމުން ދަނީ މި ހަމަލާތަކުގެ އަމާޒަކީ ހަމާސް ނައްތާލައި, ހަމާސް އިން އަސީރުންގެ ގޮތުގައި ގެންދިޔަ އިޒްރޭލުގެ މީހުން ސަލާމަތް ކުރުން ކަމަށެވެ. އަދި ހަމަލާތަކަށް ފަހު ގާޒާގެ މައްޗަށް ބާރު ނުފޯރުވާނެ ކަމަށް ޔަހޫދީ ބައެއް ޖެނެރަލުން ބުނަމުން ދިޔަ ނަމަވެސް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނީ, ޒަމާންގަނޑެއް ވަންދެން ގާޒާ ދެން އޮންނާނީ އިޒްރޭލުގެ ބެލުމުގެ ދަށުގައި ކަމަށެވެ.
މުޅި ޕްލޭނަކީ ގާޒާ އެއްކޮށް ހިސޯރު ކުރުން ކަމަށް އިޒްރޭލުގެ ޑިފެންސް އިންޓެލިޖަންސް ރިޕޯޓެއް އާންމުވެފައި ވާ ކަމަށް ރޭ ސީއެންއެންގެ ޕްރޮގްރާމެއްގައި އަމަންޕޫރު ބުނެފައި ވެއެވެ. އޭނާ ބުނީ އެ ރިޕޯޓުން ދައްކާ ގޮތުން, ޕްލޭނަކީ ގާޒާގެ ރައްޔިތުން މިސްރަށް ބޭލުން ކަމަށެވެ. ނަމަވެސް އެވާހަކަ ނަތަންޔަހޫގެ އިސް މުޝީރު ދޮގުކުރަމުން ބުނީ, އަމާޒަކީ ގާޒާ މިނިވަން ކޮށް ހަމާސް ނައްތާލުން ކަމަށާއި ދެން އެތާނގައި ހަމާސްއެއް ނޯންނާނެ ކަމަށެވެ.
ހަމަލާތަކަށް ފަހު ދެ ދައުލަތް ވަކިން އުފެދުމުގެ ފުރުސަތު ލިބިގެން ހިނގައިދާނެ ކަމަށް ވިދާޅުވަމުން އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ, ގާޒާގައި މިހާރު ހިނގަމުން ދަނީ އިންސާނިއްޔަތާ ހިފާލު އެންމެ މަތީ ދަރަޖައިގެ ޖަރީމާތަކެއް ކަމަށެވެ. އދ ގެ އެތައް އޮފިޝަލަކު މަރުވެފައި ވާ އިރު, 2 މިލިއަނެއްހާ މީހުން ތިބީ އިންސާނީ ބޮޑުކާރިސާއެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަމަލާތައް ހުއްޓާލުމަށާއި އިންސާނީ އެހީ ފޯރުކޮށް ދެވޭނެ މަގުތައް ފުޅާކުރުމަށް ވެސް އޭނާ ގޮވާލައްވާފައި ވެއެވެ.