ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން 11 އަހަރަށް ޖަލަށްލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް މާދަމައަށް ތާވަލު ކޮށްފިއެވެ.
މި އަޑުއެހުން ތާވަލު ކޮށްފައިވަނީ މާދަމާ މެންދުފަހު 2:00 އަށެވެ. މި މައްސަލައިގެ އަޑުއެހުމެއް ތާވަލު ކޮށްފައި މިވަނީ އަޑުއެހުމެއް ނުބާއްވާތާ ދުވަސްތަކެއް ފަހުންނެވެ.
މި މައްސަލައިގައި މީގެ ކުރިން ވެސް ޔާމީން ވަނީ މި މައްސަލައަކީ އިސްތިއުނާފުގެ މައްސަލައަކަށް ވާތީ މި މައްސަލަ އަވަސްކޮށް އަދި ވަގުތު ދިގުލައިގެންދާ ގޮތަށް ކުރިއަށް ގެންގޮސް ދެއްވުން ނިހާޔަތަށް އެދޭ ކަމަށް ވިދާޅުވެފައެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ. އޭގެ ދެ މަސް ފަހުން ކުއްލި ގޮތަކަށް ކުރިމިނަލް ކޯޓުން ވަނީ 52.6 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ޔާމީންއަށް އަމުރުކޮށްފައެވެ.
އެމައްސަލައިގައ މިއަދު ސިވިލް ކޯޓުން ވަނީ ޖޫރިމަނާ ފައިސާ ހޯދުމަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ހުކުމްކޮށްފައެވެ.
އާރަށުގެ މައްސަލާގައި އިއްވާފައިވާ ހުކުމާއެކު ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދެވި ރައީސް ޔާމީން ވަނީ ދާދިފަހުން ގެކޮޅަށް ބަދަލުކުރައްވާފައެވެ. އަދި އެއަށްފަހު މިހާރު އެމަނިކުފާނު ހުންނެވީ ރަށު ބަންދެއްގައެވެ.