ފަލަސްތީނުގެ ނަސްލު ނައްތާލަން ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓާލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހާރުން މިހާރަށް ހަމަލާތައް ދިނުން ހުއްޓާލައި، ފަލަސްތީނުގެ ނަސްލު ނައްތާލަން ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓާލުމަށެވެ.

ނަޝީދު ވިދާޅުވީ، މުޅި ދުނިޔެ ވެސް އޮތީ އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ކަމަށެވެ. އަދި އިޒްރޭލުން ހަމަލާތައް ހުއްޓާ ނުލައިފިނަމަ މުޅި ދުނިޔެ އިޒްރޭލާ ދެކޮޅަށް ތެދުވުމަކީ ގާތް ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން އިޒްރޭލުން ހަމަލާތައް ދެމުން ގެންދާ އިރު، ގާޒާގައި މިހާރު ހަމަލާ އަމާޒު ނުކުރާ ތަނެއް ނެތެވެ. އުތުރަކީ ހަނގުރާމައިގެ މައިދާނެއް ކަމަށް ބުނެ، ދެކުނަށް ދާން އާންމު ރައްޔިތުންނަށް އިންޒާރު ކޮށް ދަތުރު ކުރަމުން ދާ ގާފިލާތަކަށް ވެސް ހަމަލާ ދެއެވެ. މެދުތެރެއިން ނުސެއިރަތު ރެފިއުޖީ ކޭމްޕާއި ދެކުނުން ހާން ޔޫނިސް އަށް ވެސް ދަނި ހަމަލާ ދެމުންނެވެ.

އެންމެ ވަރުދަގައަށް ހަމަލާތައް އަމާޒު ކުރަމުން ގެންދަނީ، އުތުރުގައި ހުންނަ އަލް ޝިފާ ހޮސްޕިޓަލާއި އިންޑޮނީޝިއަން ހޮސްޕިޓަލަށް ލޮޅުން އަރާވަރު ކައިރިއަށެވެ. އެގެ އިތުރުން އުތުރުގައި އޮންނަ އެންމެ ބޮޑު ރެފިއުޖީ ކޭމްޕް ޖަބަލިއާ އަށް ވެސް ހަމަލާތައް އަމާޒު ކުރަމުން ގެންދެއެވެ.

މީގެ އިތުރުން ހުޅަނގު އައްސޭރީން އަގަބާ، ގަލްގީލިއާ އަދި ބަލަތާ އޭރިއާއަށް ވެސް ދަނީ ހަމަލާތައް އަމާޒު ކުރަމުންނެވެ.

ހިއުމަން ރައިޓްސް ވޮޗުން ބުނީ، އިޒްރޭލުގެ ހަމަލާތައް އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒު ކުރަމުން ދާ އިރު ބަލި މީހުން އުފުލާ އެންމިއުލާންސް ތަކަށް ވެސް ހަމަލާ ދެމުން ގެންދާ ކަމަށެވެ.

މިހާތަނަށް 10،328 މީހަކު ޝަހީދު ކޮށްލާފައި ވާ އިރު 4000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.