މި ސަރުކާރުން ކުރިޔަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ 4،000 މީހުން ކަނޑައެޅި ގޮތާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު އޭސީސީއަށް ހިނގައްޖެއެވެ.
މާލެ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގައި 20،697 މީހުން ކުރިމަތިލާފައިވީ ނަމަވެސް 13،000 މީހުން ޝަރުތު ހަމަވާ ކަމަށް ސަރުކާރުން ކަނޑައަޅާ އެ އެންމެންނަށްވެސް ފްލެޓް ދޫކުރާނެ ކަމަށް ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ.
ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް މިދިޔަ ހޮނިހިރު ދުވަހު އާންމުކޮށްފައިވާއިރު އެކަމާ ގުޅިގެން ނުރުހުން ފާޅުކޮށް އާންމުންގެ ގިނަ ބަޔަކު ވަނީ ހައުސިން މިނިސްޓްރީގައި އިހުތިޖާޖުވެސް ކޮށްފައެވެ.
މިއަދު އާންމުންގެ ގިނަ ބަޔަކު އޭސީސީއަށް ގޮސްފައިވަނީ ފްލެޓުގެ ދާއިމީ ލިސްޓާ ގުޅޭ ޝަކުވާތައް ސިޓީއަކުން އޭސީސީއަށް ހަވާލުކުރުމަށެވެ.
ފްލެޓްގެ މި މައްސަލައާ ގުޅިގެން އާންމުންގެ ނުރުހުން އިންތިހާއަށް ބޮޑުވެފައިވަނިކޮށް އިއްޔެ ހަވީރު ޕްލޭނިން މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ފުރަތަމަ ބުރުގައި ފްލެޓް ލިބޭ 4،000 މީހުން ކަނޑައެޅުމުގައި އެއްވެސް އިހުމާލެއް ވެފައި ނުވާނެ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ ފްލެޓްތަކަށް އެދި ހުށަހެޅި ފޯމްތައް މިނިސްޓްރީ އިން ވަރަށް ބޮޑު ޓީމެއް ނަގައިގެން ބެލުމަށްފަހު މައްސަލަ ހުރި ފޯމްތައް ރަނގަޅު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 200،000 މިނެޓު ފޯމު ހުށަހެޅި ފަރާތްތަކާ ވާހަކަ ދެއްކިފައިވާނެ ކަމަށާއި 200،000 މެސެޖު އަދި 200،000 އީމެލް ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސްކީމްގެ ދަށުން މާކްސްއެއް ދިނުމުގެ ހައްގު އެއްވެސް އިވެލުއޭޓަރަކަށް ވެސް ނޯންނާނެކަން ކަމަށާއި މާކްސްދީފައި ވާނީ ފޯމް ހުށަހެޅި ފަރާތުން ދީފައިވާ މައުލޫމާތާ އެއް ގޮތަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މާކްސް ނަގާނީ ފޯމް ހުށަހަޅާ ފަރާތުގެ ދަރިން ތިބި އަދަދަށް، ދިރިއުޅޭ ތަނުގައި ކޮޓަރި ހުރި އަދަދަށް ނުވަތަ ދިރިއުޅޭ ތަނުގައި ފާހާނާ ބޭނުން ކުރުމުގެ ހާލަތު ހުރި ގޮތް އަދި ކައްކާ ކެއުމުގެ ހާލަތު ހުރި ގޮތަށް ބެލުމަށްފަހު ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މައްސަލަބޮޑުވާނެތާ ހައުސިން ފްލެޓޭ ކިޔާފަ ލަގްޒަރީ ފެންވަރަށް ފުލެޓު އެޅީމާ. ކުރީ ސަރުކާރުގަ މުއިއްޒުމެން އެޅިކަހަލަ ހޮރުތަކެއް ހެދިނަމަ މައްސަލަޖައްސާނެ މީހަކު ނުވީސް.