އައްޑޫ ސިޓީ އިން ފުރަތަމަ ބުރުގައި ދޫކުރުމަށް ނިންމާފައިވާ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު މި ނޮވެމްބަރު މަސް ނިމުމުގެ ކުރިން އިއުލާން ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫ ސިޓީ އިން ގޯތި ދޫނުކުރާތާ 26 އަހަރު ފަހުން، މިއަހަރު ޖަނަވަރީ މަހު ގޯތި ދޫކުރުމަށް ނިންމާ ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު ވަނީ ގޯއްޗަށް އެދި ފޯމު ހުށަހަޅާފައެވެ. އެހެންނަމަވެސް ގޯތި ދޫކުރުން ލަސްވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް އައްޑޫ ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
މިކަންބޮޑުވުންތަކާ ގުޅިގެން 'ދަ ޕްރެސް' އިން ކުރި ސުވާލަށް ޖަވާބުދެމުން އައްޑޫ ސިޓީ ކައުންސިލުން ބުނީ ފުރަތަމަ މަރުހަލާގައި ދޫކުރުމަށް ހަމަޖެހިފައިވާ 1000 ގޯތި ދޫކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އަދި އައްޑޫ އިން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރާނީ ލިބިފައިވާ ޕޮއިންޓާ އެކު ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން ބުނީ އެހެންނަމަވެސް މި ލިސްޓު އާންމުކުރާނެ ސީދާ ވަކި ތާރީހެއް ބުނަން އަދި ދަތިކަމަށެވެ.
އައްޑޫ ސިޓީ ދޫކުރާ ގޯތިތައް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފައި ވަނީ ރިޔާސީ އިންތިހާބުގެ ވޯޓުލުން ބާއްވަން 2 ދުވަހަށް ވެފައި ވަނިކޮށް، ސެޕްޓެމްބަރު މަހު 06 ވަނަ ދުވަހުއެވެ. އެ ދުވަހު އާންމުކުރި ލިސްޓާއެކު ސިޓީ ކައުންސިލުން ބުނީ ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދިނުމަށް ހަމަޖެހިފައި ވާއިރު ގޯތި ލިބޭ މީހުންނަށް ގޯތި ދިނުމަށް ހަމަޖެހިފައި ވަނީ އެކި ދުވަސްތަކަށް ބަހާލައިގެން ކަމަށެވެ.
އައްޑޫގެ ހަތަރު ރަށަކުން ޖުމްލަ 4،052 ގޯތި ދޫކުރުމަށް ހަމަޖެހިފައި ވާއިރު ފުރަތަމަ މަރުހަލާގައި ޖުމްލަ 1000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ؛
- ހިތަދޫއިން 500 ގޯތި
- ފޭދޫއިން 300 ގޯތި
- ހުޅުދޫއިން 100 ގޯތި
- އަދި މީދޫއިން 100 ގޯއްޗެވެ.
ހުޅުދޫ އާއި މީދޫ އިން 2،000 އަކަފޫޓުގެ ގޯތި ދޫކުރާއިރު ހިތަދޫއާއި ފޭދޫއިން ދޫކުރުމަށް ހަމަޖެހިފައި ވަނީ 1،500 އަކަފޫޓުގެ ގޯއްޗެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ލިސްޓުގައި ހިމެނޭ އެހެން ފަރާތްތަކަށް ދެވަނަ މަރުހަލާގައި ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި ދޫކުރެވޭނީ އަވަށްތަކަށް އިތުރުކުރެވުނު ބިންތަކުގެ ލޭންޑްޔޫޒް ޕްލޭން ހަދައި ސާވޭގެ މަސައްކަތް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ. އަދި ކައުންސިލްގެ އަމާޒަކީ 2024 ޖޫންމަހުގެ ނިޔަލަށް މިހާރު އާންމުކުރެވިފައި ލިސްޓުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ގޯތިދޫކޮށް ނިންމުން ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.