މި ސަރުކާރުން ކުރިޔަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ 4،000 މީހުން ކަނޑައެޅުމުގައި އެއްވެސް އިހުމާލެއް ވެފައި ނުވާނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް މިފަދައިން ވިދާޅުވީ ޕްލޭނިން މިނިސްޓްރީން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އަކްރަމް ވިދާޅުވީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ވަރަށް ގިނަ ބަޔަކު ޝަކުވާ އުފުލާ މިނިސްޓްރީ އަށް އެއްވުމުން ކަމަށެވެ. އަދި ފްލެޓާ ގުޅުން ހުރި ކަންކަން ދެން ކުރިއަށް ގެންދާނީ ޝަކުވާ ހުށަހެޅުމުން އެ ޝަކުވާތަށް ބެލުމަށްފަހު ކަމަށް ވިދާޅުވެފައި ވާނެ ކަމަށެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ކަމާ ގުޅުން ހުރި ކަންކަން ހުއްޓާލުމަށް އެންގީ އެފަދައިން ވިދާޅުވި ފަހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފްލެޓް ދިނުމުގައި އެއްވެސް އިހުމާލެއް ވެފައި ނުވާނެ ކަމަށާއި އޭސީސީއިން މިނިސްޓްރީ އަށް އައުމުން އޭސީސީ އިން ބޭނުންވި ހުރިހާ މައުލޫމާތެއް ދީފައި ވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި އަންނަ ސަރުކާރުން އައިސް ބެލިނަމަވެސް ފިޔަވަޅު އެޅޭނެ ޖާގައެއް ނޯންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ.

އަކްރަމް އިތުރަށް ވިދާޅުވީ އަންނަ އަހަރު ނިމުމުގެ ކުރިން 4،000 ފްލެޓް ނިންމާ އެ ތަނުގައި ރައްޔިތުންނަށް ދިރިއުޅެން ފެށޭނެ ކަމަށެވެ.

އެންމެ މީހެއްގެ ވެސް ޝަކުވާއެއް އޮތް ނަމަ އެކަމަށް ޖަވާބުދާރީވާނެ ކަމަށާއި ފެލްޓް ދިނުމުގެ ޝަރުތެއްގެ ގޮތުގައި މާލޭގައި ދިރިއުޅޭތާ 15 އަހަރުވުން ކަނޑައަޅާފައި އޮތް އިރު އެއަށް ވުރެ ގިނަ އަހަރު ވަންދެއް މާލޭގައި ދިރިއުޅުމަކީ ޕޮއިންޓް އިތުރުވާނެ ކަމެއް ނޫންކަން ވެސް އަކްރަމްގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ ފްލެޓްތަކަށް އެދި ހުށަހެޅި ފޯމްތައް މިނިސްޓްރީ އިން ވަރަށް ބޮޑު ޓީމެއް ނަގައިގެން ބެލުމަށްފަހު މައްސަލަ ހުރި ފޯމްތައް ރަނގަޅު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 200،000 މިނެޓު ފޯމު ހުށަހެޅި ފަރާތްތަކާ ވާހަކަ ދެއްކިފައިވާނެ ކަމަށާއި 200،000 މެސެޖު އަދި 200،000 އީމެލް ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސްކީމްގެ ދަށުން މާކްސްއެއް ދިނުމުގެ ހައްގު އެއްވެސް އިވެލުއޭޓަރަކަށް ވެސް ނޯންނާނެކަން ކަމަށާއި މާކްސްދީފައި ވާނީ ފޯމް ހުށަހެޅި ފަރާތުން ދީފައިވާ މައުލޫމާތާ އެއް ގޮތަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މާކްސް ނަގާނީ ފޯމް ހުށަހަޅާ ފަރާތުގެ ދަރިން ތިބި އަދަދަށް، ދިރިއުޅޭ ތަނުގައި ކޮޓަރި ހުރި އަދަދަށް ނުވަތަ ދިރިއުޅޭ ތަނުގައި ފާހާނާ ބޭނުން ކުރުމުގެ ހާލަތު ހުރި ގޮތް އަދި ކައްކާ ކެއުމުގެ ހާލަތު ހުރި ގޮތަށް ބެލުމަށްފަހު ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ސޯޝަލްމީޑިއާގައި ތަކުގައި ދައުރު ކުރަމުންދާ މައުލޫމާތުތަށް ހާއްސަ ޓީމެއް ނަގައިގެން ބަލަމުން ދާއިރު އަދި މިހާތަނަށް ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ސައްހަ ޝަކުވާއެއް ފާހަގަވެފައި ނުވާ ކަމަށް ވެސް އާރިފް ވަނީ ވިދާޅުވެފައެވެ.