އިޒްރޭލުން ހުއްޓުމެއް ނެތި ދެމުން ގެންދާ ނުރައްކާތެރި ހަމަލާތަކުގައި ގާޒާގެ އެތައްހާސް ރައްޔިތުންނެއްގެ ފުރާނަ ގެއްލެމުން ދާތީ ކަންބޮޑުވެވަޑައިގެން އީރާނުގެ ރައީސް އެބްރާހިމް ރައީސީ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މަޝްވަރާ ކުރައްވައިފިއެވެ.

ދެބޭފުޅުން ފޯނުން ކުރެއްވި މަޝްވަރާތަކުގައި، ގާޒާގައި އިޒްރޭލުން ހިންގާ ގަތުލުއާންމާ ގުޅިގެން ދުނިޔޭގެ އެތަން މިތަނުގައި ނުރުހުން ފާޅުކޮށް ރުޅިވެރިކަން އުފެދެމުން ދާ ކަމަށާއި އެކަން ދިގުދެމިގެން ދާ ނަމަ އެއީ ސަރަހައްދީ ހަމަޖެހުމަށް އޮތް ގޮންޖެހުމެއް ކަމަށް ރައީސީ ވިދާޅުވިއެވެ. އަދި އިޒްރޭލުން އަޅާފައިވާ ހުރަސްތައް ނައްތާލައި ހާލުގައި ޖެހިފައި ވާ ގާޒާގެ ރައްޔިތުންނަށް އެހީވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގޭ ހަރަކާތަކަށް އީރާނުން އަބަދުވެސް ތާއީދު ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ބިންތައް ހިފައިގެން ތިބި މީހުން [ޔަހޫދީންނާ] ދެކޮޅަށް ތެދުވުމަކީ ފަލަސްތީނުގެ މުޖާހިދުންގެ ހައްގެއް، އިޒްރޭލުން ބިންތައް ހިފާ އަޅުވެތި ކުރަމުން ދަނީ އެމެރިކާއިން ފައިސާ އާ މަދަދު ދޭތީ"
ރައީސީ

މި ފޯންކޯލްގައި މޯދީ ވިދާޅުވީ، ގާޒާ އަށް އިންސާނީ އެހީތެރިކަން ފޯރު ކޮށްދެވެކަން ޔަގީން ކުރުން ކުރުމުގެ އިތުރުން ހަމަނުޖެހުން އިތުރަށް ފުޅާވެގެން ދިޔަ ނުދިނުން ވެސް މުހިންމު ކަމަށެވެ.

އިޒްރޭލުން ގާޒާއަށް ހަމަލާ ދެމުން ގެންދާ އިރު، އިޒްރޭލުގެ އިތުރުން ލުބުނާނު ފަޅިން ހިޒުބުއްލޯ އާވެސް އިޒްރޭލުން ދަނީ ކުރިމަތިލަމުންނެވެ. ހިޒުބުއްލޯގެ ހަމަލާތައް އިޒްރޭލުގެ ތެރެއަށް އަމާޒު ކުރަމުން ގެންދާ އިރު އެ ހަމަލާތަކުގައި އިޒްރޭލުގެ ބައެއް ތަންތަނާއި ތަކެއްޗަށް ދަނީ ގެއްލުން ލިބެމުންނެވެ. ރައްދުގައި އިޒްރޭލުން ހިޒްބުއްލޯގެ މަގާމުތަކަށް ބޮން އަޅާ ބޮޑެތި ހަތިޔާރު ގުދަންތައް ދަނީ ގޮއްވާލަމުންނެވެ. އެފަދަ ހަމަލާތަކުގައި ހިޒުބުއްލޯ ފަޅިން 50 މީހަކު މަރުވެފައި ވާ އިރު ހިޒްބުއްލޯގެ ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ ތެރެއިން ބައެއް މީހުން ޒަހަމްވެފައި ވެއެވެ.

އިޒްރޭލުން ހަމާސް އާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައަށް އިންޑިއާ އިން ތާއީދު ކުރެއެވެ. އެގަމުން ބުނެފައި ވަނީ، އިޒްރޭލަށް ތާއީދު ކުރަނީ ޓެރަރިސްޓުން ނައްތާލުމަށް ކުރާ ހަނގުރާމައެއް ކަމަށް ވާތީ ކަމަށާއި އާންމުން ޝަހީދު ވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އިންޑިއާއިންވެސް ގަބޫލު ކުރަނީ ރަޝިއާ އާއި ޗައިނާވެސް ގަބޫލު ކުރާ ފަދައިން ހައްލަކީ 2 ދައުލަތް ވަކިން ގާއިމުވެފައި އޮތުން ކަމަށެވެ.

އިންޑިއާއަކީ އީރާނާއާއި އަދި އިޒްރޭލާވެސް ގާތް ގުޅުމެއް އޮންނަ ގައުމެކެވެ. ވިޔަފާރީގެ މުއާމަލާތްތަކުގައި ތެލުގެ ވިޔަފާރި އީރާނާއެކު ކުރާ އިރު، ހަތިޔާރުގެ ވިޔަފާރި ކުރަނީ އިޒްރޭލާއެކުގައެވެ.