މާލޭގެ ގެއެއްގައި މެއިޑެއްގެ ގޮތުގައި މަސައްކަތް ކުރާ އަންހެނަކު، ކުޑަކުއްޖަކަށް އަނިޔާ ކުރި މައްސަލައިގައި ހައްޔަރު ކޮށްފިއެވެ.
ރޭ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން އިން ފެންނަނީ އެނދުމަތީ އިށީދެގެން އެ އަންހެން މީހާ އިންނަ އިރު އޭނާގެ ފައި މަތީގައި އޮތް ބާލީހެއްގެ މަތީގައި ކުޑަކުއްޖަކު ބާއްވައިގެން ނިންދަވަން ފައި ހަލުވާ މަންޒަރެވެ. މޭ މައްޗަށް އެއް އަތް ހުރަސްކޮށްގެން އޮތް އެ ކުއްޖާގެ ގެ އެ އަތް މައްޗަށް ނަގާ މޫނުމަތީގައި އެ އަންހެން މީހާ ތިން ހަތަރު ފަހަރަކު ޖަހާތަން ފެނެއެވެ.
އެއާއެކު އެ ކުއްޖާ ރޯން ފަށައެވެ. އެ ކުއްޖާ ރޯން ފެށުމުން ކުއްޖާ މަސަަލަސް ކުރާފަދަ ގޮތަކަށް ވާހަކަ ދައްކައި އަނެއްކާ ވެސް އެ އަންހެން މީހާ ފައި ހަލުވަން ފަށައެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ، މާލޭގެ ގެއެއްގައި ގެންގުޅޭ އިންޑިއާ މީހަކު އޭނާ އުޅެމުން އައި އެ ގޭގެ ކުޑަކުއްޖަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް މިދިޔަ މަހުގެ 24 ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 22 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން ބުނީ މި އަންހެން މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
ގޭގައި ބައިތިއްބާ ބިދޭސީ މަސައްކަތްތެރިންނަށް ކުދިންނަ ބަލަން ހަވާލުކޮށްގެން މީގެ ކުރިން ވެސް ކުދިންނަށް އަނިޔާކޮށްފައިވާ މައްސަލަތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައި ވެއެވެ.