މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ވެސް މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެމްޑީޕީން މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ދެވަނަ ފަހަރަށް ހުށަހަޅައި އެ މައްސަލައިގެ ގަރާރު ހުށަހެޅުމަށް އެޖެންޑާކުރީ މިދިޔަ މަހުގެ 29 އަށެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމުގައި ހުންނެވުމުން މައްސަލަ ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ. އެހެންކަމުން އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް މިދިޔަ ހަފްތާގައި މައްސަލަ ވައްދައިފައެވެ.

އެހެންވެ، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި އޮތުމުން، ނަޝީދުގެ ގަރާރުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް އީވާ ވަނީ ހާމަކުރައްވައިފައެވެ.

އެމްޑީޕީން ހުށަހެޅި މައްސަލައިގެ އެންމެ ފުރަތަމަ އަޑުއެހުން އިއްޔެ ހެނދުނު 10 ޖެހިއިރު ބާއްވައި، މިއަދު ހެނދުނު 9 ޖެހިއިރު ފަހު އަޑުއެހުން ވަނީ ބާއްވައިފައެވެ.

ދެ ގަޑިއިރަށް ކުރިއަށް ދިޔަ އެ އަޑުއެހުމުގައި މި މައްސަލަ އަށް ތަދައްހުލުވި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި ޑިމޮކްރެޓުންގެ އިތުރުން މައްސަލަ ހުށަހެޅި އެމްޑީޕީ އާއި ދައުލަތާއި މަޖިލީހުގެ ފަރާތްތަކުގެ ހުރިހާ ހުށަހެޅުންތަކާއި ރައްދުތައް ވަނީ ދީފައެވެ. އަޑުއެހުން ނިންމަވާލައްވަމުން މައްސަލައިގެ ހުކުމް ކުރާ ތާރީހެއް އިއުލާނުނުކުރައްވައެވެ. ނަމަވެސް އެ މައްސަލައިގައި ވީހާ ވެސް އަވަހަށް ގޮތެއް ނިންމަވަން މަސައްކަތްކުރައްވާނެ ކަމަށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވިއެވެ.

މި މައްސަލައިގައި ޑިމޮކްރެޓުން ބުނީ، މި މައްސަލައިގެ ތެރެއަށް ސުޕްރީމް ކޯޓަކަށް ނުވަދެވޭނެ ކަމަށާއި މަޖިލީހުގެ ތެރެއިން މި މައްސަލަ ހައްލުކުރެވޭނެ ކަމަށެވެ. މަޖިލީހުގެ އިދާރާ އިން ވަނީ މިއަދުގެ އަޑުއެހުމުގައި މި މައްސަލަ މަޖިލީހުގެ ތެރެއިން ހައްލުކުރުމަށްޓަކައި ހަތަރު ކަމެއް ހުށަހަޅައިފައެވެ. ނަމަވެސް މައްސަލަ ހުށަހެޅި އެމްޑީޕީ އާއި، މައްސަލައަށް ތަދައްހުލުވެފައިވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި މަޖިލިސް ތަމްސީލުކުރާ ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން އެދުނީ ކޯޓުން ހައްލެއް ހޯދައިދިނުމަށެވެ.