އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރައްވާ ޖަލްސާ އަށް ވެސް ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރު އެޖެންޑާކުރެވޭނެ ކަމަށް، މައްސަލަ ހުށަހެޅި އެމްޑީޕީން ސުޕްރީމް ކޯޓުގައި ބުނެފިއެވެ.
މިއަދުގެ އަޑުއެހުމުގައި އެމްޑީޕީގެ ވަކީލު އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ، މުއިއްޒު ހުވާކުރައްވާ ޖަލްސާގެ އެޖެންޑާގައި ފުރަތަމަ ވެސް އޮންނަން ޖެހޭނީ ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރުގެ މަސައްކަތް ކަމަށެވެ. އޭނާ މިހެން ވިދާޅުވީ، މުއިއްޒަށް ހުވާ ނުކުރެއްވޭނެ ހާލަތެއް ނެތް ކަމަށާއި، އެ ޖަލްސާ ބޭއްވޭނެ ކަމަށް ދައުލަތުގެ ފަރާތުން އިއްޔެގެ އަޑުއެހުމުގައި ބުނުމުންނެވެ.
އަފީފް ވިދާޅުވީ، މުއިއްޒު ހުވާކުރައްވާ ޖަލްސާގެ އެޖެންޑާގައި ނަޝީދުގެ މައްސަލަ ފުރަތަމަ ހިމެނެން ޖެހޭ ސަބަބަކީ މަޖިލީހުގެ ޖަލްސާއެއްގައި ކުރަން ޖެހޭ އެހެނިހެން ކަންކަން ކުރަން ވާނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލަ ނިންމާފައި ކަމަށް މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވާތީ ކަމަށެވެ. ނަޝީދު ވަކިކުރުމަށް އެދި މަޖިލީހަށް އެމްޑީޕީން ގަރާރު ވެއްދި ނަމަވެސް، ޖަލްސާއަކަށް އެ ގަރާރު ހުށަނާޅައެވެ.
ދައުލަތުގެ ފަރާތުން ވާހަކަ ދެއްކެވި ބަންޑާރަނައިބުގެ އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވީ، މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ރ) އަށް ބަލާއިރު ބުނަނީ ވަކި ދެ ކަމެއް ނުކުރެވޭނެ ކަމަށެވެ. އެއީ މަޖިލީހަށް ހުށަހެޅިފައިވާ ކަމަކަށް ބަހުސްކުރުމާއި، ފާސްކުރަން ޖެހޭ ކަމެއް ފާސްކުރުމަށެވެ. އޭނާ ވިދާޅުވީ އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ މަސައްކަތެއް އެކަމުގައި ނުހިމެނޭ ކަމަށެވެ.