ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް މަޖިލީހަށް ވައްދާފައިވާ ގަރާރު އަދި ހުށަނާޅާތީ ދިމާވެފައިވާ މައްސަލައަކީ މަޖިލީހުގެ ނިޒާމުގެ ތެރެއިން ހައްލުކުރެވޭނެ މައްސަލައެއް ކަމަށް އެ އިދާރާ އިން ބުނެފިއެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޑެންގޫ ހުމުގެ އާލާސްކަންފުޅާ އުޅުއްވާތީ، ނަޝީދުގެ މައްސަލަ ކުރިއަށް ނުދާތީ އީވާ ނޫން މެންބަރަކު ރިޔާސަތު ބަލަހައްޓައިގެން ވިޔަސް އެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ކަނޑައަޅައިދިނުމަށެވެ.

މި މައްސަލައިގައި މަޖިލީހުގެ އިދާރާ އިން ސުޕްރީމް ކޯޓުގައި އިއްޔެ ބުނީ، އެ ނޫން ގޮތަކަށް އަމަލުކުރެވޭނީ މަޖިލީހުގެ ގަވައިދު އިސްލާހުކުރުމަށް ފަހު ކަމަށެވެ. މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ އިއްޔެ ވިދާޅުވި ގޮތުގައި:

  • މަޖިލީހުގެ އިދާރާގެ ފަރާތުން މިހާރު ވެސް ވާނީ ގަވައިދު އިސްލާހުކުރުމަށް ލަފާ ދީފައި
  • ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތުމުން އާންމު ޖަލްސާއެއްގައި މަޖިލީހުގެ ގަވައިދު އިސްލާހުކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް

މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ، މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައި ހާއްސަ އިޖުރާއަތެއް ކަނޑައަޅާފައި އޮއްވައި އެ އިޖުރާއަތަށް އަމަލުނުކުރެވޭ ހާލަތެއްގައި އެ އިޖުރާއަތާ ދުރަށް ގޮސް މަޖިލީހުގެ ޖަލްސާތަކާއި އާންމު އިޖުރާއަތުގެ ދަށުން ގަވައިދުގެ 44 ވަނަ މާއްދާގެ ދަށުން ރިޔާސަތު ބަލަހައްޓާނެ މީހަކު ކަނޑައެޅުމަކީ މަޖިލީހުގެ އިދާރާ އަށް ލިބިގެންވާ ބާރެއް ނޫން ކަމަށާއި، އެ ބާރު ލިބިގެން ވަނީ މަޖިލީހަށް ކަމަށެވެ.

އޭނާ ވިދާޅުވީ، މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، އަދިވެސް ގަރާރު ހުށަނާޅާ ކަމަށާއި، އެހެންކަމުން އެ މާއްދާގައިވާ ބަޔާންކޮށްފައިވާ ހާލަތު އަދި އުފަންނުވާތީ މިހާރު ދިމާވެފައިވާ މައްސަލައަކީ މަޖިލީހުގެ ނިޒާމުގެ ތެރެއިން ހައްލުކުރެވިދާނެ މައްސަލައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެއާއެކު ހަތަރު ކަމެއް ނިއުޝާ ހުށަހެޅުއްވިއެވެ. އެއީ:

  • މަޖިލީހުގެ ގަވައިދުގެ 108 ވަނަ މާއްދާގެ (ށ) ގެ ދަށުން އާންމު ކޮމިޓީން އިސްނަގައި ގަވައިދަށް ގެންނަން ފެންނަ އިސްލާހެއް ނިންމައި މަޖިލީހުން ގޮތެއް ނިންމައި ތަޅުމަށް ހުށަހެޅުން
  • މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގެ ދަށުން ހިންގުމުގެ އުސޫލަށް ބަދަލު ގެނައުމަށްޓަކައި މެންބަރަކު ގަރާރެއް ހުށަހެޅުން، މިއީ ދިގު މަރުހަލާއެއް ކަން ފާހަގަކުރެއްވި
  • މަޖިލީހުގެ ގަވައިދުގެ 249 ވަނަ މާއްދާގެ (ށ) ގެ ދަށުން މަޖިލީހުގެ ގަވައިދަށް ގެންނަން ފެންނަ އިސްލާހެއް މައްސަލައެއްގެ ގޮތުގައި ހުށަހެޅުން، އިސްލާހު ހުށަހަޅުއްވާފަ މިހާރު ވެސް މެންބަރަކު އެބަ އޮތް ކަމާއި އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންކަން ބުނުމުން، އެޖެންޑާކުރުމަށް ވާނީ ނައިބު ރައީސަށް ދަންނަވާފައި ކަން ފާހަގަކުރެއްވި
  • ގަވައިދުގެ 205 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާއްސަ އިޖުރާއަތާ އެއްގޮތަށް މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅިފައި ނެތުމުން، މިއީ މަޖިލީހުގެ ގަވައިދުގެ 250 ވަނަ މާއްދާގެ ދަށުން ގަވައިދުގަ ނެތް ކަމެއް ދިމާވެއްޖެ ކަމަށް ބަލައި އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މަޖިލީހުން ގޮތެއް ނިންމުން

މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން، މަޖިލީހަށް ހުށަހެޅިފައިވާ އެހެން ކަމަކާ މެދު ބަހުސްކުރެވޭނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުުރުމުގެ ގަރާރާ މެދު ގޮތެއް ނިންމުމަށްފަހުގައެވެ. އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުން، ޖަލްސާ އަށް ގަރާރު ހުށަހަޅަން ވާނެއެވެ. ނަމަވެސް ނަޝީދު މަގާމުން ވަކިކުރުމަށް ވައްދާފައިވާ ގަރާރު އަދި ހުށަނާޅައެވެ.