މާލެ މަގުމަތިން ފެނުނު ކަންޒު ކަހަނބު ކާށިދޫއަށް ގެންގޮސް ޗަސްބިން ސަރަހައްދަށް ދޫކޮށްލާފައިވާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އީޕީއޭއިން ބުނީ އެ ކަންޒު ކަހަނބު ފެނިފައިވަނީ މި ހަފްތާގެ ކުރީކޮޅު މާލޭގެ މަގުމަތީގައި އޮއްވާ އާންމުންގެ މީހަކަށް ކަމަށާއި އީޕީއޭއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެކަންޒު ކަހަނބު އީޕީއޭގެ ބެލުމުގެ ދަށުން ކ. ކާށިދޫގެ ޗަސްބިން ސަރަހައްދަށް ގެންގޮސް އެތަނަށް ދޫކޮށްލާފައިވާ ކަމަށް އީޕީއޭއިން ވަނީ ބުނެެފައެވެ.

އީޕީއޭއިން ވަނީ އެ ކަންޒު ކަހަނބު ނަގައިގެން އެ ބެލެހެއްޓި މީހުންނަށާއި އެ ކަންޒު ކަހަނބު ކާށިދޫއަށް ގެންގޮސްދިނީތީ ވެލާ އެކްސްޕްރެސް ސްޕީޑް ބޯޓަށާއި ކާށިދޫ ކައުންސިލަށް ވެސް ޝުކުރު އަދާކޮށްފައެވެ.

ކަންޒު ކަހަނބަކީ ގާނޫނުގެ ދަށުން ރައްކާތެރިކޮށްފައިވާ ޖަނަވާރަކަށްވާއިރު އީޕީއޭ އިން ވަނީ ކަންޒު ކަހަނބު އޮޅުކޮށްގެން އުޅޭ ފަރާތްތަކުން އެތަކެތި އެ އެޖެންސީއާ ހަވާލުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އެ ފަދަ ޖަނަވާރެއް މަގުމަތިން ފެނިއްޖެ ނަމަ އެ އެޖެންސީގެ ހޮޓްލައިން ނަންބަރު، 7980379 ގުޅާ ރިޕޯޓު ކުރުމަށް ވެސް އީޕީއޭއިން ވަނީ އެދިފައެވެ.

އީޕީއޭއިން ބުނީ ކާށިދޫ ޗަސްބިން ސަރަހައްދަކީ 2021 ވަނަ އަހަރު ހިމާޔަތް ކުރެވިފައިވާ ސަރަހައްދެއް ކަމަށާއި އެ ސަރަހައްދަކީ ކަނޑޫފާ، ކުށްޅަވައްފާ އަދި ކަށިކޭލާއި ރުކުގެ މުއްސަނދިކަން ލިބިފައިވާ ރާއްޖެއިން މަދުން ނޫނީ ނުފެންނަ ކަންޒު ކަހަނބުގެ އެންމެ ބޮޑު އާބާދީއެއް ރިކޯޑް ކުރެވިފައިވާ ސަރަހައްދު ކަމަށެވެ.

ގިނަ އަދަދެއްގެ ކަނބިލިވެސް އެ ސަރަހައްދުގައި ދިރިއުޅޭ ކަމަށާއި އެ ސަރަހައްދަކީ ކަންޒު ކަހަނބުގެ މައިގަނޑު ކާނާ ކަމުގައިވާ ކަށިކެޔޮލާއި ބޯކެޔޮ އަދި ކުއްޅަވައް މޭވާއާއި މާރުނަ ވިނައިން ތިޔާގި މާހައުލެއް ކަމަށް އީޕީއޭއިން ބުނެއެވެ.