މީރާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެ އިދާރާއަށް ނުލިބި ހުރި 231,503,281 ރުފިޔާ ތިންވަނަ ކުއާޓާގައި ލިބިއްޖެއެވެ.
މީރާގެ މި އަހަރުގެ ތިންވަނަ ކުއާޓާ ރިޕޯޓުގައި ބުނީ ޑަނިން ނުވަތަ އެކި ގޮތްގޮތުން މުއާމަލާތް ކޮށްގެން 129 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށާއި ޑިއުސް ކްލިއަރަންސްގެ ދަށުން 61 މިލިއަން ރުފިޔާއާއި ހަނދާން ކޮށްދިނުމަށް ގުޅައިގެންނާއި މެއިލްކޮށްގެން ކުރެވުނު މަސައްކަތްތަކުން 36 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ. އަދި ބޭންކް އެކައުންޓް ފްރީޒްކުރުމުގެ ޕޮލިސީގެ ދަށުން 3.7 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާގެ އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
މީރާގެ ތިން ވަނަ ކުއާޓާގެ ޖުމްލަ އާމްދަނީގެ ގޮތުގައި 6.32 ބިލިއަން ރުފިޔާ ލިބިފައި ވާއިރު އެއީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާއާ އަޅާބަލާއިރު 17.3 ޕަސެންޓްގެ ކުރިއެރުމެކެވެ. އެގޮތުން މިދިޔަ އަހަރު ތިންވަނަ ކުއާޓާގައި އެ ކުންފުނީގެ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 5.39 ބިލިއަން ރުފިޔާއެވެ.
މި ކުއާޓަރުގައި ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއް ކަމަށް މީރާއިން ފާހަގަކޮށްފައި ވަނީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސްއާއި ޓީޖީއެސްޓީއާއި ޖީޖީއެސްޓީއާއި ރިޒޯޓުތަކުގެ ކުލި އަދި ފަރުދުންގެ އާމްދަނީން ނަގާ ޓެކުހުގެ އިތުރުން އެއާޕޯޓް ޓެކުހައި ފީގެ ގޮތުގައި ބަލައިގަތް އާމްދަނީ މިދިޔަ އަހަރުގެ މި ކުއާޓާއާ އަޅައިބަލާއިރު އިތުރުވެފައިވާތީއެވެ. އެހެންނަމަވެސް ބޭންކް އިންކަމް ޓެކްސް އަދި ނަން-ރެޒިޑެންޓް ވިތުހޯލްޑިން ޓެކުހުގެެ ގޮތުގައި ބަލައިގަތް އާމްދަނީ ވަނީ ދަށްވެފައެވެ.
މީރާއިން ބުނީ ޖޫން މަހުން ފެށިގެން އޮގަސްޓު މަހާއި ދެމެދު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2022 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 11.8 ޕަސެންޓް އިތުުރުވެފައިވުމާއެކު ޓީޖީއެސްޓީ އަދި އެއާޕޯޓް ޓެކުހާއި ފީ ގެ ގޮތުގައި ބަލައިގަނެފައިވާ އާމްދަނީ އިތުރުވެފައިވާ ކަމަށެވެ. އަދި ޓެކުހުގެ އާމްދަނީއަށް ބަލާއިރު މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާއާ އަޅާބަލާއިރު 33.0 ޕަސެންޓް އިތުރުވެފައިވާ ކަމަށް މީރާއިން ބުނެއެވެ.
މީރާއިން ބުނީ ޓެކުހުގެ އާމްދަނީގެ އިތުރުން މީރާއަށް ބަލައިގަންނަ އެހެނިހެން އާމްދަނީތަކުގެ ޖުމުލަ 993.52 މިލިއަނަށް އެރި ނަމަވެސް އެއީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާއާ އަޅައިބަލާއިރު 389.15 މިލިއަން ރުފިޔާގެ ދަށްވުމެއް ކަމަށެވެ.
ތިންވަނަ ކުއާޓާގައި ޓެކްސް ބަޔާން ހުށަނާޅާ 266 ފަރާތަކާއި ދައުލަތަށް ފައިސާ ދައްކަންޖެހި، ނުދައްކާ ތިބި 322 ފަރާތަކަށް އެކަން ހަނދާންކޮށްދީ ފައިނަލް ނޯޓިސް ހަވާލުކޮށްފައިވާ ކަމަށް މީރާއިން ބުނެއެވެ. އަދި ދައުލަތަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކަށް މީރާއިން ވަނީ ލުއިގޮތްތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން މީރާއިން ބުނީ ފައިސާ އެކި ދުވަސްތަކަށް ބަހާލައިގެން ދެއްކޭނެ ގޮތް 46 ފަރާތަކަށް ހަމަޖައްސާދީފައިވާ ކަމަށާއި އެއީ ޖުމްލަ 204 މިލިއަން ރުފިޔާގެ ޓެކްސް ފައިސާ ކަމަށެވެ.