ދިވެހިންގެ އެހީގައި ގާޒާގެ ކުޑަކުދިންނަށް ކުޅޭ ތަކެތި ބަހާ އެކުދިންގެ ހިތްތަކަށް އުފާވެރިކަން ގެނުވައި ދީފިއެވެ.
ގާޒާގެ ކުޑަކުދިންނަށް ކުޅޭ ތަކެތި ބަހާފައި ވަނީ އިޒްރޭލުން، ފަލަސްތީނުގެ ގާޒާއަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން ގެދޮރު ގެއްލި ބިކަހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހުޅުވާލި ފަންޑުގެ އެހީއިންނެވެ. އެ ފަންޑަށް ދިވެހިންގެ ފަރާތުން 28 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަދިޔާ ކޮށްފައި ވާއިރު ހާލުގައި ޖެހިފައި ތިބި އެތައް ސަތޭކަ މުސްލިމުންނަށް އެ ފަންޑުގެ ޒަރިއްޔާއިން ގެންދަނީ އެހީތެރިކަން ފޯރު ކޮށްދެމުންނެވެ.
އައިއޭސީން ބުނީ އެކި ކަހަލަ ޒަހަމްތައް ލިބިފައިވާ ކުޑަކުދިންނަށް އެ ޖަމިއްޔާގެ މެންބަރުން ޒިޔާރާތްކޮށް އެކުދިންނާ ވާހަކަ ދައްކާލާ އުފާ ކޮށްދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން އަގްސާ ހޮސްޕިޓަލްގައި 700 ކުއްޖަކަށް ޒިޔާރަތްކޮށް ކުޅޭސާމާނު ބަހާފައިވާ ކަމަށާއި އަދި އެގޮތަށް އެކަން ކޮށްފައި ވަނީ މިވަގުތަކީ އެކުދިންނާއި ވާހަކަ ދައްކާލާ ކުޅެ ސަމާސާ ކޮށްލަން ޖެހޭ ވަގުތު ކަމުގައި ދެކޭތީ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުންވެސް 200 އާއިލާއަކަށް ނަގުދު ފައިސާ ބެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ފައިސާ ބަހަމުންދަނީ އާއިލާއަކަށް 500 ޔޫއެސް ޑޮލަރުގެ މަގުން ކަމަށް އެ ޖަމިއްޔާ އިން ވަނީ މައުލޫމާތު ދީފައެވެ. ފައިސާ ބަހަަމުން ދަނީ ފިހާރަތަކާއި ބައެއް މާރުކޭޓުތައް ހުންނަ ދޭރް ބަލަހްގެ ހިސާބުގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް އައިއޭސީން ވަނީ މައުލޫމާތު ދީފައެވެ.
މި ވަގުތަކީ ގާޒާގެ ރައްޔިތުންނަށް ވަރަށް އުނދަގޫ އަދި ހިތާމަވެރި ދަނޑިވަޅެއްކަން ފާހަގަ ކޮށް އައިއޭސީން ބުނީ ބިރުވެރިކަމާއި ނާމާން ކަމުގެ ތެރޭގައި ދިރިއުޅެމުންދާ އެރައްޔިތުންނާއިއެކު އަޅުގަނޑުމެން ތިބިކަން ހާމަކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މަހުގެ 7 އިން ފެށިގެން އިޒްރޭލުން ގާޒާއަށް ހަމަލާ ދޭން ފަށާފައިވާ އިރު އައިއޭސީން ގާޒާއަށް އެހީވުމަށް ރިލީފް ފަންޑު ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހުއެވެ. އައިއޭސީ އަކީ ރާއްޖެއިން ބޭރުގައި ގުދުރަތީ ކާރިސާތަކުގެ އިތުރުން އެހެނިހެން ގޮތްގޮތުން ހާލުގައި ޖެހޭ އެކި ގައުމު ތަކުގެ މީހުންނަށް މީގެ ކުރިންވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމްއިއްޔާއެވެ. އަދި މި ޖަމްއިއްޔާގެ އެންމެ ބޮޑު އެއް އަމާޒަކީ އެންމެނަށްވެސް ދެމެހެއްޓެނިވި ރަނގަޅު ދިރިއުޅުމެއް ފޯރުކޮށް ދިނުމެވެ. އަދި މި އެހީތެރިކަމުން ލިބޭ ފައިސާއިން 12 ޕަސެންޓު، ކެމްޕެއިން ހިންގައި ބެލެހެއްޓުމާއި ދެމެެހެއްޓުމާއި އިދާރީ ހިންގުމާއި ތަރައްގީއަށް ނަގާނެ ކަމަށް އޭއައިސީން ވަނީ ބުނެފައެވެ.
ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކު ފަލަސްތީނަށް އެހީވުމަށް ހިންގާ ފައިސާ ހޯދުމުގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ ފަންޑުތަކަށް ފައިސާގެ އެހީ ފޯރުކޮށްދެމުން އަންނަ ކަން ފާހަގަ ކުރެވެއެވެ. މިގޮތުން ބައެއް މުވައްސަސާތަކުގެ އިިތުރުން އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.
ގާޒާގެ މުސްލިމުންނަށް އެހީވުމަށް ދިވެހި ސަރުކާރުން 2 މިލިޔަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފައެވެ.