އެމްއެންޔޫގެ ލެކްޗަރާ، އަލީ ހަފީޒަށް އަނިޔާވި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާ 2 އަހަރަށް ޖަލަށްލައިފިއެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ ރ. އިނގުރައިދޫ ޝަމްއާން އަބްދުއްޝަކޫރުގެ މައްޗަށެވެ.

މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު 5 ޖަހާ ހާއިރު އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ބާރު ސްޕީޑްގައި ސައިކަލު ދުއްވާފައި ދަނިކޮށް މަގު ހުރަސްކުރި އަލީ ހަފީޒުގެ ގައިގާ ޖެހި ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ ޝަމްއާންގެ މައްޗަށް ވަނީ އަނިޔާއެއް ދިނުމުގެ ދައުވާކޮށްފައެވެ.

ދައުވާއަށް ޖަވާބުދާރީވަމުން ޝަމްއާން ވަނީ އެ ދައުވާއަށް އިއުތިރާފުވެފައެެވެ. އަދި އިއުތިރާފުވެފައިވަނީ މަޖުބޫރު ކަމެއް ނެތި އަމިއްލައަށް ކަމަށް ވަނީ ބުނެފައެވެ. އިއުތިރާފުވެފައިވާތީ އަވަސް ނިޔާ އަޑުއެހުމެއް ވަނީ ބާއްވާފައެވެ.

އެ މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ޝަމްއާންގެ މައްޗަށް ދެ އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވީ ނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމަށްފަހު ދެން އޭނާ ތަންފީޒުކުރަން ޖެހޭނީ 1 އަހަރާއި 10 މަހާއި 29 ދުވަހެވެ.

އެކްސިޑެންޓުގައި އަނިޔާވި އުމުރުން 50 އަހަރުގެ އަލީ ހަފީޒަކީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ލެކްޗަރާއެކެވެ. ހަފީޒް ވަނީ 18 އަހަރު ކިޔަވައި ދިނުމުގައި ހޭދަކޮށްފައެވެ.