އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ހަނގުރާމަކޮށް ޖިހާދުވުމަށް ދިވެހިން ގޮސްފައިވޭތޯ ބެލުމުގެ މަސައްކަތް ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓާ (އެންސީޓީސީ) އިން ފަށައިފިއެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ފަލަސްތީނަށް ޖިހާދުވުމަށް 3 ދިވެހިން ގޮސްފައިވާ ކަމަށް ބުނެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއް އެންސީޓީސީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

އެ ޕޯސްޓް ފޭސްބުކުން ފެނުމާއެކު ޕޯސްޓްކޮށްފައިވާ މީހާ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާތަނަށް އެއީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޖިހާދަށް ފަލަސްތީނަށް އެއްވެސް ދިވެއްސަކު ގޮސްފައިވާކަން އަދި އެންސީޓީސީ އަށް އަދި އެނގިފައި ނުވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

3 ދިވެހިން ފަލަސްތީނަށް ހަނގުރާމައަށް ގޮސްފައިވާ ކަމަށް ބުނެ ފޭސްބުކްގައި ޕޯސްޓްކޮށްފައި ވަނީ "އަހްމަދު ފިރާޒް" ނަމަކަށް ކިޔާ މީހެކެވެ.

އެންސީޓީސީއިން އިއްޔެ ކުރި އެކްސްގައި ޓްވީޓެއްގައި ވަނީ ހާލަތުގެ ސަބަބުން އުފެދޭ ބަލިކަށިކަމުގެ ފައިދާ ނަގައިގެން ޖަޒްބާތާ ކުޅެލައި ޓެރަރިޒަމްއާ ދިމާލަށް މީހުން ލަންބުވާލާ ކަމަށެވެ. އަދި ބުއްދިއާ، ވިސްނުުމުގެ ހުނަރު ތަރައްގީކޮށް އިލްމު އުނގެނިގެން އެފަދަ ކަންކަމުން ރައްކާތެރި ވެވިދާނެ ކަމަށެވެ.

ބޭރުގެ ހަނގުރާމަތަކަށް އަދި ހަނގުރާމަތައް ހިނގާ ސަރަހައްދުތަކަށް ދިއުމަކީ ޓެރެރިޒަމް މަނާކުރުމުގެ ގާނޫގައި މަނާކޮށްފައިވާ ކަމެކެވެ. އެ ގާނޫނުގައިވާ ގޮތުން ހަނގުރާމައެއް ހިނގާ ސަރަހައްދަކަށް އެހީ ފޯރުކޮށްދިނުންމަށްދާ ނަމަވެސް އެކަމަށް ހާއްސަ ހުއްދައެއް ހޯދަން ޖެހޭނެއެވެ.