މި ސަރުކާރުން ކުރިޔަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ފްލެޓް ލިބޭ 4،000 މީހުންގެ ލިސްޓާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބަލަމުންދާ މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް އޭސީސީއިން ހައުސިން މިނިސްޓްރީއަށް ވަދެއްޖެއެވެ.

"ދަ ޕްރެސް" އަށް ކަށަވަރު ވެފައިވާ ގޮތުގައި ފްލެޓް ހަވާލުކުރުމުގެ މައްސަލައިގައި އޭސީސީގެ ކުއިކް ރެސްޕޯންސް ޓީމްއެއް ވަނީ ހައުސިން މިނިސްޓްރީއަށް ގޮސް ހަރަކާތްތެރި ވާން ފަށާފައެވެ.

ފުރަތަމަ ފުލެޓް ލިބޭނެ 4000 މީހުން ސަރުކާރުން ކަނޑައަޅާ، ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައިވަނީ ޕޮއިންޓު ދިނުމުގެ އުސޫލާ ހިލާފަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެ ގޮތުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް އެ ކޮމިޝަނުން ބަލަމުންދާތީ ފްލެޓްތައް ހަވާލުކުރުމާ ގުޅުންހުރި ހުރިހާ ކަމެއް އޭސީސީއިން އިއްޔެ ވަނީ ހުއްޓުވައިފައެވެ.

ފްލެޓްއަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓްދީފައިވާ ގޮތާމެދު ހިތްހަމަނުޖެހި، ހައުސިން މިނިސްޓްރީއަށް ގޮސް ގިނަ ބަޔަކު ވަނީ އިހްތިޖާޖުވެސް ކޮށްފައެވެ. ހައުސިން މިނިސްޓްރީ ދަށަށް އެއްވެ ތިބި މީހުންނާ ބައްދަލު ކުރައްވާ ހައުސިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު، އޭރު ވިދާޅުވީ ޕޮއިންޓް ދީފައިވަނީ ފޯމްގައި ފުރިހަމަކޮށްފައި ހުރި މައުލޫމާތުތަކަށް ބެލުމަށްފަހު ކަމަށެވެ.

ގިނަ ބަޔެއްގެ ޝަކުވާތައް ހުރުމާއެކު އެ މިނިސްޓްރީއިން ވަނީ ފްލެޓްގެ ދާއިމީ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ. އިއްޔެއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 4:00އާ ހަމައަށް "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީއިން ބުނެއެވެ.

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތް ކުރަމުންދާ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ހޮނިހިރު ދުވަހު ވަނީ އާންމު ކޮށްފައެވެ. ހައުސިން މިނިސްޓްރީ އިން އާންމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން ތިން ކޮޓަރީގެ ފްލެޓަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން ފްލެޓް ލިބެނީ 76 މާކްސް އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން ފްލެޓް ލިބެނީ 73 މާކްސް އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.