އިޒްރޭލުން ގާޒާ ފުނޑުފުނޑު ކޮށްލުމަށް ހިންގާ ޖަރީމާ ފުޅާ ކޮށް ގާޒާ އަށް ނިއުކްލިއާ ބޮމެއް ވައްޓާލަން އިޒްރޭލުގެ މިނިސްޓަރުން ވާހަކަ ދައްކަން ފަށައިފިއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ, ހަމާސް ނައްތާލުމަށްޓަކައި ގާޒާ އެއްކޮށް ފުނޑުފުނޑު ކޮށްލަން ނިއުކްލިއާ ބޮމެއް ވައްޓާލަން އޭނާގެ ކެބިނެޓުގެ މިނިސްޓަރުން އެދެމުން ދާ ކަމަށެވެ. އަދި އެއީ އޮތް އޮޕްޝަނެއް ކަމަށް ވެސް އެމީހުން ބުނާ ކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.
އިޒްރޭލުގެ މިވާހަކަތަކާ ގުޅިގެން ސައުދީ އަރައްބިއްޔާއިން ވަނީ ވަގުތުން އެވާހަކަތައް ކުށްވެރި ކޮށް ބަޔާނެއް ނެރެފައެވެ. ސައުދީން ބުނީ އިޒްރޭލުގެ އެވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި އެ ފަދަ ވާހަކަތަކުން ދޭހަވަނީ, އިޒްރޭލުގެ ސަރުކާރުގެ ތެރޭގައި އަށަގެންފައިވާ ނުލަފާ ކަމާއި ހައްދުފަހަނައަޅާ ދިޔުން ކަމަށެވެ.
އަދި އެވާހަކަ ދެއްކި މިނިސްޓަރު ވަގުތުން މަގާމުން ވަކިކޮށް ސަސްޕެންޑް ކުރަން ނުކެރުމުން ދައްކައި ދެނީ ޔަހޫދީ ސަރުކާރުގެ ތެރޭގައި, އިންސާނިއްޔަތަށް ވެސް އަހަންމިއްޔަތު ކަމެއް ނެތުމާއި އިހުތިރާމެއް ނެތުމުގެ އިތުރުން ރަނގަޅާއި ނުބައިވެސް ވަކިނުވުން ކަމަށެވެ.
ގާޒާއަށް ނިއުކްލިއާ ބޮމެއް ވައްޓާލަން ގޮވާލީ, އިޒްރޭލުގެ ހެރިޓޭޖް މިނިސްޓަރު އަމިޗާއި އެލިޔަހޫއެވެ. އޭނާ އަކީ ވަތަނީ މީހެކެވެ.
އިޒްރޭލުން ގާޒާ ފުނޑުފުނޑު ކޮށްލުމަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 25,000 ޓަނުގެ ގޮވާތަކެތި އަޅާފައި ވާ އިރު މިއީ އެމެރިކާއިން ޖަޕާނުގެ ހީރޯޝީމާ އަށް ވައްޓާލި 13,000 ޓަނުގެ އެޓޮމިކް ބޮމުގެ ދެގުނައަށް ވުރެ ގިނަ އަދަދެއްގެ ގޮވާތަކެއްޗެވެ.
ކެނޑި ނޭޅި ބޮމާއި, މިސައިލާއި ޑްރޯން ހަމަލާގެ އިތުރުން ޓޭންކަރު ތަކުން ހަމަލާ ދެމުން ގެންދާ އިރު, ގާޒާ މިހާރު ފެންނަނީ ވީރާނާވެ ހަނަފަސް ވެފައި ވާ ސަހަރާއެއް ފަދައިންނެވެ. 1.2 މިލިއަން މީހުން ދިރިއުޅެމުން ދިޔަ ގާޒާގެ އުތުރު ދޫކޮށް 700,000 އެއްހާ މީހުން ދެކުނަށް ފައިބާފައި ވާއިރު ބާކީ ތިބި މީހުން ދިރިއުޅެމުން ގެންދާ ރެފިއުޖީ ކޭމްޕްތައް ވެސް ވަނީ ސުންނާފަތި ކޮށްލާފައެވެ. ބައިބޯ 3 ކޭމްޕެއް ގާޒާގެ އުތުރުގައި އޮންނަ އިރު އެއިން ކޮންމެ ކޭމްޕެއްގެ މެދަށް ހަމަލާ ދީ ބޮޑު އަވަށެއްހާ ތަން ވަނީ ބިމާ ހަމަކޮށްލާފައެވެ.
އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން އެންމެ ބައިބޯ ޖަބަލިއާ ކޭމްޕަށް މިއަދުވެސް ވަނީ ހަމަލާ ދީފައެވެ. މިއީ މި ކޭމްޕަށް އަމާޒު ކޮށް ހަމަލާ ދޭ 4 ވަނަ ފަހަރު ކަމަށް ވާއިރު, އެ ކޭމްޕުގެ މެދުތެރެ އެކީ އެކަށް ވަނީ ބިމާ ހަމަވެފައެވެ.
އެތައް ބަޔަކު ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެފައި ވާ އިރު ފުނޑުފުނޑު ވެފައި ވާ އިމާރާތްތަކުގެ ދަށުގައި ވެސް ގިނަ ބަޔަކު ވެއްޖެއެވެ. އިދާރާތަކުން ބުނީ, ވަޅުލެވިފައި ވާ މީހުން ނެގުމުގައި ގޮންޖެހުންތައް ކުރިމަތިވެފައި ވާ ކަމަށާއި ކޮންކްރީޓުތައް ނަގާނެ ވަސީލަތެއް, އުޅަނދެއް ވެސް ސަލާމަތުން ނެތް ކަމަށެވެ.
ކަލޭމެން ތިބޭ ބަޔާން ނެރިލަ ނެެރިލަ