"އަހަރެން ހުރީ ދަރިންނާއެކު، އެކުދިންނަށް ކާއެތިކޮޅެއް ދެވޭތޯ. އެ ކުދިން ބަނޑުހައި ހޫނުކަމުގައި ތިބޭތާ އެތައް ދުވަހެއް ވެއްޖެ. އެ ކުދިންނަށް ދިނުމަށްޓަކައި އަހަރެން އަތައް ކާއެތިކޮޅެއް ނެގި ވަގުތު އިޒްރޭލުގެ މިސައިލް ހަމަލާ އަމާޒުވީ މި ސްކޫލުގެ އިމާރާތައް. އަހަރެންގެ އަންހެން ދަރިފުޅު ވަނީ އެ ހަމަލާގައި ވަރަށް ބޮޑަށް ޒަހަމްވެފަ" މިއީ އިއްޔެ ހައްދު ފަހަނަޅާފައިވާ އިޒްރޭލު ސިފައިން ޖަބާލިޔާ ރެފިއުޖީ ކޭމްޕުގައި އދ އިން ހިންގާ ސްކޫލަކަށް ދިން ހަމަލާގައި ޒަހަމްވި ކުޑަކުއްޖެއްގެ މަންމަގެ ވާހަކައެވެ.

ޖަބާލިޔާގައި ހުންނަ އަލް-ފަހޫރާ ސްކޫލަށް އިޒްރޭލުން ދިން ހަމަލާގައި 15 މީހުން ޝަހީދުވެ 70 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. ފުރަތަމަ މިސައިލް ހަމަލަ ދީފައި ވަނީ ސްކޫލްގެ ގޯތިތެރެއަށެވެ. ގޯތި ތެރޭގައި ޖަހާފައިވާ ޓެންޓުތަކުގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ވެސް ތިބިއިރު ދެވަނަ މިސައިލް ހަމަލަ ދީފައި ވަނީ ސްކޫލްގެ އިމާރާތާށެވެ.

އަލް-ފަހޫރާ ސްކޫލަށް އިޒްރޭލުން ދިން ހަމަލާގައި ޝަހީދުވި މީހުންނާއި ޒަހަމްވި މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ދަނީ

މި ހަމަލާގައި ގިނަ އަދަދެއްގެ ކުޑަކުދިންނަށްވެސް އަނިޔާވެފައި ވާއިރު ފަލަސްތީނުގެ، އިންޑޮނީޝިއަން ހޮސްޕިޓަލުގެ އިމެޖެންސީ ސަރަހައްދު ގައި ހުރި އަންހެނަކު ވަނީ އޭނާގެ ހިތުގެ ޝަކުވާތައް އަލް-ޖަޒީރާ ނޫސްވެރިންގެ ކުރިމަތީގައި ބަންޑުންކޮށްލާފައެވެ.

ހިތްދަތިކަމާއި، މާޔޫސްކަމާއެކު އެ އަންހެން މީހާގެ ވާހަކަ ފަށައިގަތީ އަސަރާ އެކުގައެވެ. "އަހަރެންގެ ގެ ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްފަ، މި ސްކޫލު ނޫނީ އަހަރެމެން ބޯހިޔާވަހިކަން ހޯދާނެ އެއްވެސް ތަނެއް ނެތް. އަހަރެމެން ހީކުރީ ސްކޫލަކީ ރައްކާތެރި ތަނަކަށް ވާނެކަމަށް. އެކަމަކު އެއީ ކުށް ހީއެއް. މިހާރު ރައްކާތެރި އެއްވެސް ތަނެއް ނެތް." އެ އަންހެން މީހާ ބުންޏެވެ.

މީގެ އިތުރުން އެ އަންހެންމީހާ ބުނީ ބޯނެ ފެން ފޮދެއް، ކާނެ އެއްޗެއް، އަންނައުނެއް އަދި ކަރަންޓެއް ނެތް ވެސް ކަމަށެވެ. ކުދިން ބަނޑުހައިވެގެން ރޮމުން ދާއިރު ގާޒާއަށް އޮއްސަމުން ދަނީ މިސައިލުތައް ކަމަށާ، ކުދިން ޝަހީދު ވަމުން ދާއިރު އެކުދިންގެ ހަށިގަނޑުގެ ބައިތައް ވަކިވެފައިވާ ކަމަށް އެ އަންހެން މީހާ ވަނީ ބުނެފައެވެ. "އަހަރެމެންގެ ދަރިންގެ ގައިން ލޭ އޮހޮރެމުން ދާއިރު މުޅި ދުނިޔެ މި އޮތީ އެ މަންޒަރު ބަލަން" އެ އަންހެން މީހާ ބުންޏެވެ.

ފަލަސްތީނުގެ ގާޒާއަށް ދެމުން ދާ ހަމަލާތައް މިހާރު އަމާޒު ކޮށްފައި ވަނީ ރެފިއުޖީ ކޭމްޕުތަކާ، ސްކޫލާ، ހޮސްޕިޓަލު ތަކަށެވެ. މި ހަމަލާތަކަކީ ހަމާސްގެ މުޖާހިދުންނަށް އަމާޒުކޮށް ދެމުން ގެންދާ ހަމަލާތަކެއް ކަމުގައި ޔަހޫދީން ބުނަމުން ގެންދިޔަ ނަމަވެސް، މިއީ ކަނޑައެޅިގެން 'ދޮގެއްކަން' މުޅި ދުނިޔެއަށް ވަނީ ސާބިތުވެފައެވެ.

އެމެރިކާ އާއި އިޒްރޭލުގެ މަކަރުވެރި ރޭވުމުގެ ދަށުން ނަސްލެއް ނެތިކޮށްލުމަށް އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ގާޒާއަށް ދެމުން ދާ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެފައި ވާއިރު، އެތައް ބައެއްގެ ގޮދޮރު ވަނީ އެއްކޮށް ސުންނާފަތި ވެފައެވެ. ގާޒާގެ ރައްޔިތުންނަށް ވަގުތީ ހިޔާވަހިކަން ހޯދަން މަޖުބޫރު ވެފައި ވާއިރު އިޒްރޭލުން ވަނީ އެތަންތަނަށްވެސް ހަމަލާތައް ދޭން ފަށާފައެވެ.