ދިވެހި ފިލްމު "ބަވަތި" އިން ފިލްމީ ދާއިރާއަށް ތައާރަފްވި ޑައިރެކްޓަރު އިލްޔާސް ވަހީދުގެ ތިން ވަނަ ފީޗާ ފިލްމު "ފްރީ ޑެލިވަރީ" ގެ ނަން ވެސް ތަފާތެވެ. އިއްލެ ކުރިން އުފެއްދި ދެ ފީޗާ ފިލްމުގެ ޖޯންރާ އާ ވެސް މުޅިން ތަފާތު ފިލްމެކެވެ. މި ފިލްމަކީ ޑާކް ކޮމެޑީއެކެވެ. ފިލްމުގެ ޓީޒާ އެންމެ ފުރަތަމަ ދައްކާލިއިރު ވެސް ހިތުގައި ސުވާލު އުފެދުނެވެ. އިއްލެ އަށް ޑާކް ކޮމެޑީ އެއް ބެލުންތެރިންނަށް ކަމުދާނެހެން ގެނެސްދެވިދާނެ ކަމުގެ ސުވާލެވެ.
ކޮންމެފަހަރަކުވެސް ހިތްހަމަޖައްސާލަނީ އިއްލެ ގެނެސްދިން ދެ ފީޗާ ފިލްމަކީ ވެސް ބޮޑު ހިޓަކަށްވުމުންނެވެ. މި ފިލްމުވެސް ސަޅި ވާނެ ކަމަށް ހިތަށް ވިސްނައިދިނީމެވެ. ކޮންމެއަކަސް އޮލިމްޕަހަށް ދާން ގެއިން ނުކުތީމެވެ. ވިއްސާރައިގައި ޖެހުނެވެ. ގަޑިއަށް ނުދެވިދާނެތީ ވަރަށް ހާސްވިއެވެ. ފިލްމުގެ އެއްވެސް ތަންކޮޅެއް މިސްކޮށްލަން ބޭނުންނުވާތީއެވެ. އެކުގައި އޮލިމްޕަހަށް ގެންދިޔަ ކުއްޖާއާއެކު އޮލިމްޕަހަށް ވަދެ ސީޓުގައި ރަނގަޅަށް ހަމަޖެހިނުލަނީސް ފިލްމުގެ ކާސްޓުން ސްޓޭޖް މައްޗަށް އެރިއެވެ.
ހުރިހާ އެންމެންވެސް ދެއްކީ މި ފިލްމު ތަފާތުވާނެ ވާހަކައެވެ. ފިލްމު ޑައިރެކްޓްކޮށް ލިޔުނީ އިއްލެއެވެ. ޕްރޮޑިއުސް ކުރީ އާސިމް އަލީ، އާމިރާ އަލީ އަދި އިލްޔާސް ވަހީދު (އިއްލެ) އެވެ. އެޑިޓިން ކަންކަމުގައި މުހައްމަދު އަބްދުލް ޣަނީ (ޑޫ މޯ) މަސައްކަތް ކުރި އިރު ފިލްމުގެ މިއުޒިކް ހެދީ ޝަހީދު ލެގަސީއެވެ. ސިނަމޮޓޮގްރަފީ ގެ ފަހަތުގައި ވަނީ ސަމާހް އިބްރާހީމެވެ. އޭނާ އަކީ ‘އެހެނަސް’ އަދި ‘ޔާރާ’ ސީރީޒްގެ ވެސް ސިނަމޮޓޮގްރަފަރވެ.
- މައިގަނޑު ތަރިން
ރައުފަތު ސޯދިގު (ބިލީ)، ތާތި އާދަމް (ސަނާ)، އައިޝާ (ސަނާ)، ޝާރިފް (ސިރާޖް) އަދި ވާޝިޔާ (ޖޫލީ) އެވެ.
- މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)
ތާތި (ސަނާ) އާއި ބިލީ އަކީ އެއްގޭގައި ދިރިއުޅެމުން އަންނަ ރޫމް މޭޓްސްއެވެ. އަދި މި ދެމީހުންނަކީ އެއް ރެސްޓޯރަންޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފުންވެސް މެއެވެ. ދުވަހުގެ ޑިއުޓީއަށް ދަނީ ވެސް އެކުގައެވެ. އައިޝާ (ސަނާ) އަކީ ވެސް އެ ރެސްޓޯރަންޓުގައި މަސައްކަތްކުރާ މުވައްޒަފެކެވެ. އައިޝާ (ސަނާ) އަކީ ވަރަށް ޒަމާނީ "ތުއި" އަންހެން ކުއްޖެކެެވެ. ސޯޝަލް މީޑިއާގައި ހަރަކާތްތެރި އައިޝާ (ސަނާ) އަކީ ވަރަށް ފެޝަނަށް ލޯބިކުރާ ކުއްޖެެއްވެސް މެއެވެ. ކޮންމެއަކަސް މިތިން މީހުންނަކީ އެއް ރެސްޓޯރަންޓެއްގައި މަސައްކަތްކުރާ ގާތް ތިން މުވައްޒަފުންނެވެ. ކާއެއްޗެހި ޑެލިވަރީއަކަށް ތާތި (ސަނާ) ދާންޖެހެއެވެ. އިރުއޮއްސި ހައެއް ޖެހިއިރު ދިން އޯޑަރު ހިފައިގެން ރޭގަނޑު އަށެއް ޖެހިއިރު ދާންޖެހޭތީ ސަނާ ހުރީ ކުޑަކޮށް ޖެހިލުންވެފައެވެ.
ޑެލިވަރީ ލަސްވެގެން އޯޑަރު ކުރި މީހާ އެއްޗެހި ކިޔާފާނެތީއެވެ. ކޮންމެއަކަސް ސައިކަލަށް އަރައި ސަނާ ނައްޓާލީ ހުޅުމާލެ ދިޔުމަށެވެ. ކާއެއްޗެހި ޑެލިވަރީ ކުރާ ގެއަކީ ހުޅުމާލޭގައި ހުންނަ ގެއަކަށް ވުމުން ތަންކޮޅެއް އަވަހަށް ކާއެއްޗެހި ފޯރުކޮށްދިނުމަށް ސަނާ ބާރު ސްޕީޑުގައި ނައްޓާލިއެވެ. ނަމަވެސް އެ ޑެލިވަރީވެގެންދިޔައީ ސަނާގެ ހަޔާތުން ދުވަހަކުވެސް ފޮހެވިގެން ނުދާ ވަރުގެ ޑެލިވަރީއަކަށެވެ. ހިޔާލެއް ފިކުރެއް ނެތި ސަނާ އެގެއަށް ވަދެ ލިފްޓަށް އެރިއެވެ. އެޕާޓްމަންޓް ނަންބަރު ފެނުމުން ދޮރުގައި ޓަކި ޖަހަން އަތް ހިއްލާލި އިރު އެ ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. ސަލާމް ގޮވާލުމަށްފަހު ސަނާ ދޮރު ހުޅުވާލީ މަރުވެފައި އޮތް މީހަކު ފެންނާނެ ކަމަށް އުންމީދު ކޮށްގެންނެއް ނޫނެވެ. އޭރު ސިރާޖު ކައިރީ މަރުވެފައި އޮތް އަންހެނެއްގެ ހަށިގަނޑު އޮތެވެ. ގަތް ބިރެއްގެ ސަބަބުން ސަނާ އަވަހަށް ދުއްވައިގަތީ އެތަނުން ފިލުމަށެވެ. މާނޭވާ ލަމުން އޭނާ އެތަނުން ނުކުމެ ރަސްފަންނަށް ދިޔައެވެ. އެއީ އޭނާގެ "ހެޕީ ޕްލޭސް" އެވެ. ސިރާޖަށް ފިލަން އަވަހަށް އަންނަން ހަދައިގެން ސަނާ އަށް ނޭނގުނީ އޭނާގެ ޔުނިފޯމުގައި އިން ނަން ޓެގްކޮޅުވެސް ވެއްޓުނު ކަމެވެ.
މީހާ ހަމައަކަށް އަޅުވާލުމަށް ފަހު ރެސްޓޯރަންޓަށް ދިޔައީ ފަހަރުގައި ވެސް ބޮޑު ކަމެއް ދިމާވެގެން އުޅޭނެއޭ ހިތަށް އަރުވާފައެއް ނޫނެވެ. ރެސްޓޯރަންޓަށް ދިޔައިރު އައިޝާ (ސަނާ) އެއް ނެތެވެ. ސިރާޖު ބަޔަކު މީހުން ފޮނުވީ "ސަނާ" ހޯދައިގެން ގެނައުމަށެވެ. ނަމަވެސް އެމީހުންނަށް ކިޑްނެޕްކޮށްގެން ގެނެވުނީ އެހެން ސަނާ އެކެވެ. ސަނާ ކިޔާ ދެމީހަކު އުޅެންޏާ ހަމަ މިއީ ވެދާނެ ގޮތެކެވެ. ތާތި (ސަނާ) ހާސްވިއެވެ. އައިޝާ (ސަނާ) ސަލާމަތްކުރަން ބޭނުންވިއެވެ. ބިލީ ގޮވައިގެން ހުޅުމާލެ ދިޔައީ އައިޝާ (ސަނާ) ހޯދުމަށެވެ. އަނެއްކާވެސް ގޮސް އެގެއަށް ވަނެވެ. ކަމަކު ދާކަށް ނެތެވެ. އައިޝާ (ސަނާ) އިނީ އެމީހުންގެ ހައްޔަރުގައެވެ. ސިރާޖަށް ބިލީ މެން ފެނުމާއެކު އެމީހުންވެސް ގެނެސް އައިޝާ (ސަނާ) މެން ގާތު ބޭތިއްބިއެވެ. ތާތި (ސަނާ) އަށް ފެނުނު ކަންތައް އެއްވެސް މީހަކު ކައިރީ ނުދައްކަން ސިރާޖު އަމުރު ކުރިއެވެ.
އެހިސާބުން ސިރާޖަށް ކޯލެއް އައެވެ. އަންހެނުން ގުޅާތީ އެ ތިން މީހުން ސިރާޖުގެ "ގޭންގު" އާ ހަވާލުކޮށްފައި ދިޔައެވެ. އެތަަނުގައި ސީން އެއް ކުޅެލުމަށްފަހު ތިން މީހުން އެގެއިން ސަލާމަތްވެގެން ނުކުތެވެ. ސީދާ ޕޮލިސް ސްޓޭޝަނަށް މިސްރާބު ހުރިއިރު އެ ތިން މީހުންގެ އަވަސް ހިނގުމަށް ހުއްޓުމެއް އެރީ ޕޮލިސް ސްޓޭޝަނަށް ސިރާޖު ވަތްތަން ފެނިފައެވެ. ސިރާޖަކީ ޓީވީ ތަކަށްވެސް އިންޓަވިއުދޭ މަތީ މަގާމެއްގައި ހުރި ފުލުހެކެވެ. ތާތި (ސަނާ) ގެ ގޮތް ހުސްވިއެވެ. ފުލުހަކު، މީހަކު މަރާލީއޭ ބުނުމުން ގަބޫލުކުރާނެ ފުލުހެއް ޕޮލިސް ސްޓޭޝަނުގައި ނުހުންނާނެ ކަން އެނގޭތީއެވެ. ދެން ހަނދާނީ ކިހިނެއްކަން ވިސްނަމުން ތިން މީހުންވެސް ހިނގަން ފެށިއެވެ. އެ ކަންތައްގަނޑުން މި ތިން މީހުން ސަލާމަތްވާ ގޮތާއި ފިލްމުގެ މޮޅު ޕްލޮޓް ޓްވިސްޓު ބެލުމަށް އޮލިމްޕަހަށް ދާށެވެ. އަވަހަށް ޓިކެޓް ނަގާށެވެ.
ހީހީ ގޮސް މާނޭވާ ލަމުން ފިލްމު ބަލަމުން ގެންދިޔައިރު މުޅި އޮލިމްޕަސް ސިނަމާ ހޯލް ތެރެއިން އިވެނީ ހުނުމުގެ އަޑެވެ. ޕަކަ ޕަކަ އަޅާފައި ހޭއަޑެވެ. ބިލީ ބުނެލާ ބަހަކުން ނުވަތަ ސަނާމެން ކޮށްލާ ކަމަކުން ހީހީ ގޮސް ހަލާކުކޮށްލިއިރު ބައެއް ސީންތައް ބެލުމަށްފަހު ތަރުހީބުގެ އަތްތިލަބަޑި ވެސް މީހުން ޖެހިއެވެ. "ފްރީ ޑެލިވަރީ" ގެ ޕްލޮޓް ޓްވިސްޓް އަކީ ފިލްމަށް ވަރަށް އެކަށޭނެ ޓްވިސްޓެކެވެ. އުންމީދުނުކޮށް ހުއްޓާ މިވަރުގެ މޮޅު ޓްވިސްޓެއް އައުމުން އިނީ ހަމަ އާޝޯހުވެފައެވެ. މީހުން ބުނާހެން "އައުޓް އޮފް ދަ ބޮކްސް" އިން އިއްލެ ވިސްނާކަން އެނގުނެވެ. "ފްރީ ޑެލިވަރީ" އަކީ ހަގީގަތުގައިވެސް ވަރުގަދަ ޑާކް ކޮމެޑީއެކެވެ.
އާ ތަރިން ނަމަވެސް ތާތި އާއި ރައުފަތު ވަރެއް ނެތް!
ދެތަރިންގެ ވާހަކަ ދައްކަން ފަށާނެ ގޮތް ވެސް ހަމަނޭނގެއެވެ. ދެމީހުންގެ އެކްޓިންވެސް ހަމަ ފުރިހަމައީ އެވެ. އަލަށް ފިލްމެއް ކުޅޭ ހެން ވެސް ހީނުވެއެވެ. ރައުފަތު ބުނެލާ ޖުމްލަތަކުން ހީހީ ގޮސް ބަނޑަށް ގޮތްވާއިރު ވެސް ހުނުން ހުއްޓައެއް ނުލެވެއެވެ. ތާތިގެ މޮޅު އެކްޓިން ފެނި ހަމަ އަންތަރީސް ވާވަރު ވިއެވެ. ރައުފަތުގެ ކެރެކްޓާ އަކީ އެންމެ ކަމުދިޔަ ކެރެކްޓާއެވެ. އެއްވަނައިގެ ކޮމީޑިއަން އެކެވެ. އާ ތަރިންނަށް ވިޔަސް މޮޅަށް އެކްޓު ކުރެވިދާނެކަން ތާތި އާއި ރައުފަތު ސާބިތު ކޮށްދީފިއެވެ. ފިލްމުގައި އެންމެ ފާހަގަ ކޮށްލެވެނީ ވެސް ބިލީ އާއި ސަނާގެ ޑައިލޮގުތަކެވެ. ކޮށްލާ މޮޅެތި ކަންކަމެވެ. އުޅޭ ގޮތެވެ. ނުހީ ހުންނަން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއްނުވިއެވެ. ލޮލުން ފެން ފައިބަން ފެށީ ވެސް ހީހީ ގޮހެވެ. ރައުފަތު އާއި ތާތި ފިލްމުގައި ދައްކުވައިދިން އެކްޓަށް ހަމަ ސާބަހެވެ.
އައިޝާ ގެ އެކްޓިން މޮޅު!
ފިލްމުގައި އައިޝާ ކުޅުނީ ވަރަށް ތުއި ކޮށް އުޅޭ ޒަމާނީ އަންހެން ކުއްޖެއްގެ ކެރެކްޓާއެކެވެ. ފެޝަނަށް ލޯބިކުރާ އަދި ކުރާ ކޮންމެ ކަމެއްވެސް ސޯޝަލް މީޑިއާގައި ހިއްސާކުރާ އައިޝާގެ ފަރި ހަރަކާތްތަކާއެކު ވެސް ހޭންޖެހޭ ފަހަރު މަދެއްނޫނެވެ. އައިޝާ ކުރިން ކޮށްފައިވާ މަސައްކަތްތަކުން ވެސް އޭނާ އަކީ މޮޅު ތަރިއެއްކަން ވަނީ ސާބިތު ކޮށްދީފައެވެ. މި ފިލްމުގައި އޭނާ ކުޅުނީ ފަހަރުގައި އުނދަގޫ ކެރެކްޓާއެއް ކަމަށް ވެސް ވެދާނެއެވެ. އަބަދު "ތުއި" ކޮށް އުޅޭ ކެރެކްޓާއަކަށްވުމުންނެވެ. ކޮންމެއަކަސް އައިޝާގެ އެކްޓިން ކަމުދިޔައެވެ. ޑައިލޮގުތައް ވަރަށް މަޖަލެވެ. ބުނާނެ އެއްޗެއް ހަމަ ނެތެވެ. އައިޝާގެ ޖާދޫގައި ހުރިހާ އެންމެންވެސް ޖެހިއްޖެއެވެ.
އިއްލެ، އެއްވަނައިގެ ޑައިރެކްޓަރެއް!
އިއްލެ އަކީ ހަމަ އެއްވަނައެވެ. ހުސްވެސް ތައުރީފެވެ. ހަމަ ހަގީގަތުގައި ވެސް އިއްލެ ގެނެސްދިން ޑާކް ކޮމެޑީ އިން އެންމެ ހެއްވާލިއެވެ. ހަގީގަތުގައި ކޮމެޑީ ފިލްމުގެ ނަމޫނާ އަކީ މި ފިލްމެވެ. މި ޖޯންރާގެ ފިލްމެއް ގެނެސްދޭން އުޅޭކަން އެނގުމުން ފިލްމަށް އެކްސްޕެކްޓްކު ރަން ވެސް އަސްލު ނޭނގުނެވެ. އުފެދުނީ ހަމަ ސުވާލުތަކެކެވެ. ކޮމެޑީ ފިލްމެއް އެހާ ފުރިހަމައަށް ގެނެސްދެވިދާނެތޯ ހިތަށް އެރިއެވެ. ބުނާނެ އެއްޗެއް ނެތެވެ. ތްރިލާ އެއް ކޮމެޑީއެއް ކިޔާނެ ކަމެއް ނެތެވެ. އިއްލެގެ ފަރާތުން ފެންނަނީ ހަމަ ހުސްވެސް އަޖައިބެވެ.
ވާޝިޔާ ގެ ކެރެކްޓާ އަކީ ވެސް ވާހަކަ ދައްކާ ނުލާ ދޫކޮށްނުލެވޭ ވަރުގެ ކެރެކްޓާއެކެވެ. ތަފާތު ކެރެކްޓާއެކެވެ. ކުރިން ދިވެހި ފިލްމުތަކުން ނުގެންނަ ކެރެކްޓާއެކެވެ. ވާޝިޔާގެ އެކްޓިންވެސް ވަރަށް މޮޅެވެ. ފިލްމުގެ ސައިޑް ކެރެކްޓާތަކަކީ ވެސް ފިލްމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިން ކެރެކްޓާ ތަކެކެވެ. އެންމެންގެ ފަރާތުން ވެސް ފެނުނީ މޮޅު އެކްޓިންނެކެވެ. ބެލުންތެރިން ހެއްވާލައިފިއެވެ.
ކެރެކްޓާތަކުގެ މޭކަޕުން ފެށިގެން ފިލްމުން ފެނިގެންދިޔަ ހުރިހާ މަންޒަރުތަކަކީ ރީތި ހިތްގައިމު މަންޒަރުތަކެވެ. ކެމެރާގެ މަސައްކަތާއި ސިނަމެޓޮގްރަފީވެސް ވަރަށް ހިތްގައިމެވެ. އެޑިޓިން އަދި މިއުޒިކްވެސް ހިތްގައިމެވެ. ފިލްމުގައި ހިމަނާފައިވާ ލަވަތައް މަތިން ހަނދާން ނައްތާލީއެއް ނޫނެވެ. ފިލްމުގައި ހިމަނާފައި ހުރި ލަވަތަކަކީ ފިލްމަށް އެންމެ އެކަށީގެންވާ ލަވަތަކެކެވެ.
ފިލްމު ފެށުނީއްސުރެ ނިމެންދެން އިންނަން ޖެހުނީ ހީލަހީލައެވެ. ކަމުނުދާ ކަމެއްވެސް ފާހަގަކޮށްލާނަމެވެ. ފަހަރުގައި އެންމެ ފަހަތު ސީޓުގައި އިނުމުން ކަމަށްވެސް ވެދާނެއެވެ. ބައެއްފަހަރު ދައްކާ ވާހަކަ އެހާ ސާފުނުވާހެން ހީވިއެވެ. ސައުންޑުގެ މައްސަލައެއް ކަމަށްވެސް ވެދާނެއެވެ. އެނޫން ހުރިހާ ކަމެއްވެސް ބަރާބަރެވެ. އެއްވަނައެވެ.
މިއީ ފިލްމުގެ ޓީމުގެ ބުރަ މަސައްކަތެކެވެ. ތަރިންގެ ހިތްވަރެވެ. އިއްލެގެ ޖާދޫއެވެ. ކޮމެޑީ ފިލްމެއް ބަލަން ބޭނުންނަމަ ފްރީ ޑެލިވަރީ ނުބަލާ ދޫކޮށްނުލާށެވެ. މިއީ ނުބަލާ ދޫކޮށްނުލެވޭ ވަރުގެ މޮޅު މާސްޓާޕީސްއެކެވެ. ފިލްމު ނިމިގެންދިޔައީ ބެލުންތެރިންގެ ތަރުހީބާ އެކުގައެވެ. ފޯރީގެ ހަޅޭކާއެކުގައެވެ. ފިލްމުގެ މުޅި ޓިމަށް ހަމަ ސާބަހެވެ. ފްރީ ޑެލިވަރީ ވަރެއް ނެތެވެ!
ރިވިއު ލިޔަން ދަސްކޮށްފަ ރިވިއު ލިޔެބަލަ.