އިޒްރޭލުން ގާޒާގެ ކުށެއް ނެތް ރައްޔިތުން ޝަހީދު ކޮށް ހިންގާ ގަތުލު އާންމު ހުއްޓާލުމަށް އުދުރުންގައި ބޭއްވި އަރަބި ސަމިޓުގައި ގޮވާލުމުން އެކަމަށް އެމެރިކާއިން ދެކޮޅު ހަދައިފިއެވެ.
އިޒްރޭލު ހަނގުރާމަ ފެށިފަހުން އިޒްރޭލަށް ހިތްވަރު ދެއްވުމަށް 3 ވަނަ ފަހަރަށް އިޒްރޭލަށް ވަޑައިގެންނެވި އެމެރިކާގެ ހާރިޖީ ހަޒީރު އުރުދުންގައި އޮތް ސަމިޓަށް ވަޑައިގަތުމުން އަރަބި ލީޑަރުން ވަނީ ހަމަލާތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ. އެގޮތުން މިސްރާއި އުރުދުންގެ ހާރިޖީ ވަޒީރުން ސާފުބަހުން އެކަމަށް ގޮވާލެއްވުމުން ބްލިންކަން ވިދާޅުވީ ހަމަލާތައް ހުއްޓާލައިފި ނަމަ ހަމާސް އަލުން އެރުތިލައި އާރޫހެއްގައި ނިކުމެ އޮކްޓޯބަރު 7, 2023 ގައި ދިން ފަދަ ހަމަލާއެއް ދިނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެން ކަމުން ހަމަލާތައް ހުއްޓާލުމާ އެމެރިކާއިން ދެކޮޅު ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް ބްލިންކަން ވިދާޅުވީ, އޮކްޓޯބަރު 7 ގައި ހަމާސް އިން ދިން ފަދަ ހަމަލާތައް އަދިވެސް ދޭނެ ކަމަށް އެޖަމާއަތުން ބުނެފައި ވާ ކަމަށާއި އެހެން ކަމުން އިޒްރޭލަށް, އަމިއްލަ ދިފާއުގައި ކުރާ ހަނގުރާމަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މިއީ މިފަދަ ފޯރަމެއްގައި އަރަބި ލީޑަރުންނާއި އެމެރިކާ މިހާ ފާޅުކަންބޮޑު ގޮތެއްގައި ދެބަސްވި ފުރަތަމަ ފަހަރެވެ.
އަރަބި ލީޑަރުން ވިދާޅުވީ, އެކަމުގައި އެމެރިކާ އާ ދެބަސް ވާ ކަމަށާއި, އެންމެންގެ ލޯ ކުރިމަތީގައި ބައިނަލއަގުވާމީ ގާނޫނުތަކާ ހިލާފު ކިތަންމެ އަމަލެއް އިޒްރޭލުން ހިންގަމުން ދާ ކަމަށެވެ. އަދި ޝަހީދުވެގެން ދާ މީހުންގެ އަދަދުތައް މައްޗަށް އަރައިގެން ދާ ކަމަށާއި އިޒްރޭލުގެ ފައުޖުތަކުން ގާޒާގެ އެތެރެއަށް ވަންނަމުން ދިޔުމަކީ އަދަދުތައް މައްޗަށް އަރައިގެން ދާ ސަބަބު ކަމަށެވެ.
މިވަގުތާ ހަމައަށް ތަފާސް ހިސާބުތައް;
- ކޮންމެ 10 މިނެޓަކުން ކުއްޖަކު ޝަހީދުވޭ
- މިހާތަނަށް 9500 މީހުން ޝަހީދު ވި އިރު 3900 ކުޑަކުދިން ހިމެނޭ
- ގެއްލިފައި [އިމާރާތްތަކުގެ ދަށުގައި] 4000 ކުދިން ނުވަތަ މީހުން ވޭ
- ޒަހަމްވި އަދަދު 35،000 އަށް ވަނީ އަރާފައި
- ނޫސްވެރިންގެ 46 މީހަކު މަރާލައިފި
- ހިދުމަތެއް ނުދެވޭ ވަރަށް 16 ހޮސްޕިޓަލް ހަލާކު ކޮށްލައިފި
- ކްލިނިކްތަކާއި އެހެނިހެން މެޑިކަލް ފެސިލިޓީ ހިމެނޭހެން 32 ތަނެއް ހަލާކު ކޮށްލައިފި
- 27 އެމްބިއުލާންސް ގޮއްވާލައިފި
- ހުރިހާ މެޑިކަލް ފެސިލިޓީއެއް ހިމެނޭހެން ޖުމްލަ 105 ތަނަކަށް އެކިވަރުގެ ގެއްލުން ދީފި
- 3 ޔުނިވާސިޓީ ބިމާ ހަމަކޮށްލައިފި
- އާންމު އިމާރާތްތަކުގެ 8500 އިމާރާތް ފުނޑުފުނޑު ކޮށްލައިފި
- އާންމުން ދިރިއުޅޭ 220,000 ޔުނިޓް އެއްކޮށް ބިމާ ހަމަކޮށްލައިފި
- ދިރިނޫޅެވޭ ވަރަށް 40,000 ޔުނިޓެއް ހަލާކު ކޮށްލައިފި
- ސްކޫލު އިމާރާތްތަކުގެ ގޮތުގައި ހިންގާ 220 ތަނެއް ހަލާކު ކޮށްލާފައި ވާ އިރު 60 ތަނެއްގެ ހިދުމަތް އެއްކޮށް ވަނީ ހުއްޓިފައި
- ގާޒާ ސަރުކާރު އިމާރާތްތަކުގެ 88 ތަނެއް ބިމާ ހަމަކޮށްލައިފި
- މިސްކިތާއި ޗާޗް ހިމެނޭހެން 55 ތަނެއް ބިމާ ހަމަކޮށްލައިފި
- ގާޒާގެ މަސްވެރިން މަހަށް ދާން ބޭނުން ކުރާ 10 އުޅަނދެއް ގޮއްވާލައިފި
މި އަދަދުތައް މިހެން ހުރި އިރު, ގާޒާއަށް ސާފު ބޯފެނާއި ކާބޯތަކެއްޗާއި ބޭހާއި ކަރަންޓުގެ އަލިކަން ވެސް ހަމައަށް ނުލިބެއެވެ. ގާޒާ އާއި ގާޒާ ސިޓީ ޔަހޫދީ ސިފައިން މުޅިން ވަކިކޮށްލާފައި ވާ އިރު ގާޒާ [އުތުރު ކޮޅު] މިހާރު އޮތީ ހުރިހާ ހިދުމަތެއް ހުއްޓި ކަނު އަނދިރީގައެވެ. ވަކި ކޮށްލި އަނެއް ބައިގައި ދިއްލުމަކަށް ހުރި ސޯލާ ޕެނަލްތަކަށް ހަމަލާ ދީ މިއަދު ވަނީ އެތަންތަން ވެސް ހަލާކު ކޮށްލާފައެވެ. އުތުރު ފަޅީގައި 400,000 އެއްހާ މީހުން ތާށިވެފައި ތިބި އިރު އެމީހުންނާއި އަނެއް ފަޅިއާ އެއްކޮށް ގުޅުން ކެނޑިފައި ވާ އިރު, އދ ގެ އެހީ ފޯރާ މީހުން ތިބީ ގާޒާގެ ދެކުނު ބިތުގައެވެ. އުތުރު ބިތުގައި ތިބި މީހުންގެ ތެރެއިން ގިނަ ބަޔަކަށް ދުވާލުގެ ކެއުމަށް ފަލަސްތީން ބްރެޑް [ދެ ބަނަސް] ވެސް ނުލިބޭ ކަމަށާއި އަމުދުން ބޯނެ ފެންފޮދެއް ނުލިބޭ ކަމަށް އދ ގެ މަންދޫބުން ވިދާޅުވެއެވެ.
ހައިހޫނު ކަމާއެކު ގާޒާގެ ރައްޔިތުން ތަހަންމަލް ކުރަމުން ދާ މި ދަތި ވަގުތުގައި ވެސް ހަނގުރާމަ ހުއްޓާލަން އެމެރިކާ އާއި ޔަހޫދީ އިޒްރޭލުން ބޭނުން ނުވާ އިރު މިރޭ ޔަހޫދީ ޑިފެންސް މިނިސްޓަރު ބުނީ, ގާޒާ ސްޓްރިޕްގެ ހަމާސްގެ ބޮސް ޔަހްޔާ ސިންވާރު ނުފެނި ފިލައިގެން އުޅޭ ކަމަށާއި ކޮންމެ ގޮތެއް ހަދާފައި ވެސް އޭނާ ހޯދާ މަރާލާނެ ކަމަށެވެ.
ހަމާސްގެ އަލް ގަސަމް ބްރިގޭޑުން މިރޭ ބުނީ, ޔަހޫދީ ފައުޖުތަކާ ދެކޮޅަށް ވަރުގަދަ ހަމަލާތައް ދެމުން ގެންދާ ކަމަށާއި އެގޮތުން ގާޒާ ސިޓީއާއި އެ ސިޓީގެ ދެކުނާއި ބައިތް ހަނޫނާއި އުތުރުގައި ހަމަލާތައް ބަދަލުކުރަމުން ދާ ކަމަށެވެ.
ހަތިޔާރު އެޅި ހަމާސްގެ ގޮފި އަލް ގަސަމްގެ ތަރުޖަމާން އަބޫ އުބައިދާ ބުނީ, ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޔަހޫދީންގެ 24 އުޅަނދު ހަލާކު ކޮށްލާފައި ވާ ކަމަށެވެ. އޭގެ ތެރޭގައި ޓޭންކަރާއި އަސްކަރީ ވެހިކަލާއި ބުލްޑޯޒަރާއި އެންޓި އާމާ ވެހިކަލް ހިމެނޭ ކަމަށެވެ.