މިއީ 'ހެލް ލެޓް ލޫސް' ނުވަތަ 'ސްކްއޮޑް' ނުވަތަ 'އެންލިސްޓެޑް' ފަދަ ހަނގުރާމަ އަށް ހާއްސަ ގޭމެއް ނޫނެވެ.

މިއީ ގާޒާގެ ގޮނޑުދޮށާ ވީ ފަޅިން ގާޒާގެ އުތުރުން ދެކުނަށް ދެވެން އޮންނަ އަލް ރާޝިދު ރޯޑެވެ.

މަގުމަތީވައި ވެއްޓި ޝަހީދުވެފައި އެ ތިބީ ގޭމުތަކުގައި ފެންނަ ކަހަލަ ވާޗުއަލް ކެރެކްޓާތަކެއް ނޫނެވެ. އެއީ ފަލަސްތީނުގެ ރައްޔިތުންނެވެ. އަންހެނުންނާއި ކުޑަކުދިންނާއި ފިރިހެނުންނެވެ.

މަގުގެ އެކިއެކި ހިސާބަށް އެމީހުން ވެއްޓިފައި އެތިބީ ޔަހޫދީ ނުލަފާ އިޒްރޭލުން ޝަހީދު ކޮށްލުމުންނެވެ.

ގާޒާގެ އުތުރަކީ ހަނގުރާމައިގެ މައިދާނެއް ކަމަށާއި ފުރާނަ ސަލާމަތް ކުރަން ބޭނުންނަމަ ގާޒާގެ ދެކުނަށް ދާން އިޒްރޭލުން އިންޒާރު ކުރުމަށް ފަހު, ދެކުނަށް ދާން ރައްކާތެރި މަގެއް ކަމުގައި އަލް ރާޝިދު ރޯޑް ކަނޑައަޅާ އިއުލާން ކުރިއެވެ.

ޝަހީދުވެގެން ވެއްޓިފައި އެ ތިބަ 14 މީހުން އެ މަގުން ދިޔައީ ގާޒާގެ ދެކުނަށް ދާށެވެ. މަގުގެ މެދަކާ ހަމައަށް ނުދެވި އުޅެނިކޮށް އިޒްރޭލުން ވައްޓާލީ ބޮމެކެވެ. އެއާއެކު 14 ފުރާނަ ދުނިޔެ ދޫކޮށް އެ ދިޔައީ އެމީހުންގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ.

ރާޝިދު ޜޯޑުން ހިނގާފައި ދިޔަ މީހުންނަށް ހަމަލާ ދީ ޝަހީދު ކޮށްލާފައި --- ސްކްރީންގްރެބް

ކޮންމެ ގަޑިއަކުން 14 މަރު

އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން އިޒްރޭލުގެ ހަމަލާތަކުގައި ކޮންމެ ގަޑިއަކު 14 މީހުން ފަލަސްތީނުން ޝަހީދު ވަމުން އެބަދެއެވެ. ކޮންމެ 10 މިނެޓަކުން ކުޑަކުއްޖަކު ޝަހީދު ވެއެވެ. އިޒްރޭލުން ގާޒާއަށް ހަމަލާ ދޭން ފެށިފަހުން 26 ދުވަސް ވެފައި ވާ އިރު, މިހާތަނަށް 15,000 ތަނަކަށް ހަމަލާ ދީފައި ވާ އިރު ހަމަލާ ތަކުގެ ބޮޑުމިން, އެމެރިކާއިން ޖަޕާނުގެ ހީރޯޝީމާ އަށް ވައްޓާލި 13,000 ޓަނުގެ އެޓޮމިކް ބޮމުގެ ދެކުނައަށް އަރައިފިއެވެ. އޭގެ މާނަ އަކީ 26,000 ޓަނުގެ ގޮވާތަކެތި ގާޒާއަށް އެޅުމެވެ.

ޝަހީދުވި ޖުމްލަ އަދަދު 9370 އަށް އަރާފައި ވާ އިރު ގެއްލި ނުފެނި ވާ 4000 މީހުން ވެއެވެ. އޮފިޝަލުން ގަބޫލުރާ ގޮތުގައި އެ މީހުންވީ އިޒްރޭލުން ފުނޑުފުނޑު ކޮށްލާފައި ވާ އިމާރާތްތަކުގެ ދަށުގައެވެ. ޒަހަމްވި އަދަދު 34616 އަށް އަރާފައި ވާ އިރު 40 ޕަސެންޓަކީ ކުޑަކުދިންނެވެ. މި މީހުންގެ އިތުރުން ފަލަސްތީނުން ހައްޔަރު ކޮށްގެން އިޒްރޭލުގެ ޖަލުތަކަށް ގެންދިޔަ މީހުންގެ އަދަދުވެސް 4000 އަށް އަރައެވެ.

'ދަ ޔޫރޯ މިޑް ހިއުމަންރައިޓްސް މޮނިޓާ' ގްރޫޕުން ބުނީ, ފަލަސްތީނުގެ ރައްޔިތުންނަށް ގާޒާ އަކީ މިހާރު 'ދުނިޔެމަތީގެ ނަރަކައަށް' އިޒްރޭލުން ހަދައިފި ކަމަށެވެ. މަރުން ފިލަން ގޮސް ވަންނަން ޖެހެނީ ވެސް މަރަށް ކަމަށެވެ. ރައްކާތެރި އެއްވެސް ތަނެއް ނެތް ކަމަށާއި, ރައްކާތެރިވާނެ ކަމަށް ބުނެ ދަތުރު ކުރަން ވަކި މަގުތަކެއް ދައްކާ އެ މަގުތަކުން މީހުން ގޮސްގޮސް ތިއްބާވެސް ހަމަލާދީ ޝަހީދު ކޮށްލަނީ ކަމަށެވެ.

ޞިފާ ހޮސްޕިޓަލްގެ ދޮރުމައްޗަށް އިޒްރޭލުން ދިން ޑްރޯން ހަމަލާ

އަލް ޝިފާ ހޮސްޕިޓަލްގެ ދޮރުމައްޗައް ޑްރޯން ހަމަލާއެއް

އިޒްރޭލުގެ ހަމަލާތަކުގައި ޒަހަމްވެފައި ތިބި މީހުން ރަފާ ހުރަސް ކޮށް މިސްރަށް ގެންދިޔުމުގެ ފުރުސަތު އޮތީ ދީފައެވެ. ގާޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް ފުރި ބާރުވެފައި ވާ އިރު ޒަހަމްވެފައި ތިބި ބަޔަކު އަރުވައިގެން މިސްރަށް ދާން ނައްޓާލި ރެޑް ކްރެސެންޓުގެ އެމްބިއުލާންސް އާ އެކު ޝިފާ ހޮސްޕިޓަލްގެ މައި ގޭޓަށް އިޒްރޭލުން ވައްޓާލީ ޑްރޯން އެކެވެ.

މިހަމަލާގައި ބަޔަކު ޝަހީދު ވި އިރު ޒަހަމްވި މީހުންގެ އަދަދުވެސް ގިނައެވެ. ސީދާ އަދަދުތައް އަދި ސާފު ނުވާ އިރު, މިފަދަ ދެވަނަ ހަމަލާއެއް ވަނީ އލް ރާޝިދު ރޯޑުގައި ވެސް ދީފައެވެ. އެ ހަމަލާ ދިނީ, ޒަހަމްވެފައި ތިބި މީހުން އުފުލަން އެމްބިއުލާންސްތައް ހޮސްޕިޓަލަށް ދާން ދުއްވަނިކޮށެވެ.

ގާޒާގެ ސިއްހީ ވުޒާރާއިން ބުނީ, ހޮސްޕިޓަލްގައި މިވަގުތު 5000 މީހަކު އެޑްމިޓް ކޮށްގެން ފަރުވާ ދޭ އިރު, ހަމަލާތަކުން ސަލާމަތް ވުމަށް ހިޔާވަހިކަން ހޯދައިގެން ތިބި މީހުންނައިގެން ހޮސްޕިޓަލްގެ ކުރިމަތީ ކޮރިޑޯއާއި ފަހަތުން އޮންނަ ޖާގަ އާއެކު ހޮސްޕިޓަލް އެތެރެވެސް ވަނީ ފުރިފައި ކަމަށެވެ. ގިނަ ބަޔަކު އަރުވައިގެން އެމްބިއުލާންސް ނައްޓާލި ވަގުތު ދިން ޑްރޯން ހަމަލާ އާއެކު ޝަހީދުވި މީހުންނާއި ޒަހަމްވި މީހުން ޖެހުނީ އަލުން ހޮސްޕިޓަލަށް ވައްދާށެވެ.

އަލް ޝިފާ ހޮސްޕިޓަލްގެ ޑިރެކްޓަރު މުހައްމަދު އަބޫ ސިލްމެޔޭ ވިދާޅުވީ, ހޮސްޕިޓަލްގެ އިންޖީނުތައް ހުއްޓި ބޮޑުބައި އަނދިރީގައި އޮތް ކަމަށާއި, ހޮސްޕިޓަލްތައް ފުރި މޯގް ]މަރުވާ މީހުން ބައިތިއްބާ ތަން[ ފުރި, ފްރީޒަރުތަކުގައި ޑެޑް ބޯޑީސް ބަހައްޓައިގެން ހަމަޖެއްސޭތޯ ބެލިނަމަވެސް އެކަން ވާން ނެތް ކަމަށާއި އެހީވެދޭން އެދި މުޅި ދުނިޔެއަށް އެސްއޯއެސް މެސެޖްތައް ފޮނުވަމުން ގެންދާ ކަމަށެވެ.

"ކަލޭމެން ބޭނުންވަނީ އަހަރެމެން މަރަން ކަމަށް ވަންޏާ ދެން އޮތީ ކޮން ގޮތެއްތޯ ސީދަލަށް ބުނޭ, މި ހޮސްޕިޓަލް ހުއްޓިއްޖެނަމަ މުޅި ގާޒާގެ ސިއްހީ ނިޒާމު ހުއްޓޭނެ"
ޑައިރެކްޓަރު

މީގެ އިތުރުން ދެވަނަ އަށް އެންމެ ބޮޑު އެއް ހޮސްޕިޓަލް އަލް ގުދުސް އަށް އަމާޒުކޮށްވެސް ޔަހޫދީން ހަމަލާ ދެމުން އެބަގެންދެއެވެ. އެއީ އެޑްމިޓް ކޮށްފައި ތިބި ގިނަ ބައެއްގެ އިތުރުން ހިޔާވަހިކަން ހޯދައިގެން ތިބި 14,000 މީހުން މިހާރުވެސް ތިބި ހޮސްޕިޓަލެކެވެ.

ބައިބޯ ރެފިއުޖީ ކޭޕްޕްތަކުގެ މެދަށް ބޮން އަޅާ ސުންނާފަތި ކޮށްލާފައި ވާ އިރު ޝަހީދުވާ މީހުންގެ އަދަދުދުތައް 100 އިން 100 އިން ވަނީ އަރައިގެން ގޮސްފައެވެ.

މީގެ އިތުރުން އިންޑޮނީޝިއާ ހޮސްޕިޓަލަށް އަމާޒުކޮށްވެސް މިއަދު ވަނީ އާ ހަމަލާތަކެއް ދީފައެވެ. ގާޒާއަށް އިރު އޮއްސި އަނދިރިވެފައި ވާ މިވަގުތުގައި ޖައްވުގެ ތެރެއަށް އަރައިގެން ދާ ބޯ ދުމާއި ރޯވެ އަނދަމުން ދާ އަލިފާން ފެންނަ އިރު އާންމުން ފޯނުން އަލިކޮށްގެން ގާކުނޑިތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

މިހަމަލާގައި ޝަހީދު ވި މީހުންގެ އަދަދެއްވެސް އަދި ޒަހަމްވި މީހުންގެ އަދަދެއްވެސް އަދި ސާފެއް ނުވެއެވެ.

ހިޒްބުއްލޯގެ ރޮކެޓް ތައްޔާރީ ހާލަތުގައި

އިރާގާއި ހިޒްބުއްލޯ އިން އިޒްރޭލަށް ހަމަލާ ދެނީ

އިރާގުގައި އޮންނަ އިސްލާމިކް ރެސިސްޓޭންސް ގްރޫޕުން ބުނީ, އިޒްރޭލުން ހިފާ ވަޒަން ވަޒަންވެރި ވެގެން އުޅޭ އީލަތު އަވަށަށް މިއަދު އެމީހުން ހަމަލާތަކެއް ދީފައި ވާ ކަމަށެވެ. މިހަމަލާތަކުގައި މީހަކު މަރުވި ކަމެއް އަދި ލިބުނު ގެއްލުމެއް ސާފު ނުވާ އިރު ލުބުނާނުގައި އޮންނަ ހިޒްބުއްލޯ އިން ބުނީ, މިއަދު ޔަހޫދީ ފޯސްތަކުގެ ބައްދަލުވުމެއް އޮތް ތަނަކަށް ހަމަލާ ދީ ބައެއް މީހުން ޒަހަމް ކޮށްލާފައި ވާ ކަމަށެވެ. މީގެ އިތުރުންވެސް ހިޒްބުއްލޯ އިން ދަނީ ބޯޑަރު ސަރަހައްދުން ދޭތެރެ ދޭތެރެއިން އިޒްރޭލުގެ ތެރެއަށް ހަމަލާ ދެމުންނެވެ. އެ ހަމަލާތަކުގައި ޔަހޫދީންގެ ދެމީހަކު ޒަހަމްވި ކަމަށް ބުނެފައި ވެއެވެ. ސީދާ ހިޒްބުއްލޯގެ ހަނގުރާމަވެރިންގެ އިތުރުން އެ ހަމަލާތައް ދިނުމުގައި އެމީހުންނާއެކު ހަރަކާތްރިވާ ހަމާސްގެ ހަތިޔާރު އެޅި ގޮފިން ލުބުނާނު ފަޅިން ރޮކެޓް ހަމަލާވެސް ދެމުން ގެންދެއެވެ. އެގޮތުން މިއަދު އިޒްރޭލަށް އަމާޒު ކޮށް ރޮކެޓް ތަކެއް ފޮނުވާލި ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ.

އެކިއެކި ޖަމާއަތްތަކުން އިޒްރޭލަށް ހަމަލާ ދެމުން ގެންދާ އިރު, މިއަދުގެ ހަމަލާތަކުގައި ޝެބާ ފާމްގައި ތިބި އިޒްރޭލުގެ މީހުންގެ ތެރެއިން ދެމީހަކު ޒަހަމްވި ކަމަށް އިޒްރޭލުން ވެސް ވަނީ ބުނެފައެވެ.

އިޒްރޭލުގެ އުދުވާން ހައްދުފަހަނައަޅާ ގޮސްފައި ވާ އިރު މިއަދު ހިޒްބުއްލޯގެ ލީޑަރު ނަސްރުالله ވަނީ އިޒްރޭލާއި އަރަބި ދުނިޔެއަށް އަދި އެމެރިކާއަށް އިންޒާރުތަކެއް ދީފައެވެ. އޭނާ ބުނީ, ހަމަލާތައް ފުޅާ ކޮށް ލުބުނާނަށް ހަމަލާތައް އަމާޒު ކުރަމުން ގެންދާ ނަމަ ނަތީޖާ ހިތިވާނެ ކަމަށާއި ހިޒްބުއްލޯ އިން ވެސް ބޭނުން ވަނީ ހަނގުރާމަ ހުއްޓެން ކަމަށެވެ. ނަމަވެސް ކާމިޔާބު އެދެނީ ހަމާސް އަށް ކަމަށާއި ހަނގުރާމަ ހުއްޓުވުމަށް ހުރިހާ އަރަބިން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެމެރިކާއަށް އިންޒާރު ދެމުން އޭނާ ބުނީ, ހިޒްބުއްލޯގެ ހަމަލާތަކުގެ ބަދަލުގައި އެމެރިކާއިން އީރާނަށް ހަމަލާ ދޭނެ ކަމަށް ބުނަނީ, މެދުއިރުމަތީގައި ހުރި އެމެރިކާގެ ބޭސްތަކާއި ސިފައިންނާއި މަނަވަރުތަކާއި އަދި ވައިގެ ބާރުތައް ސަލަމާތުން ބެހެއްޓޭނެ ކަމަށް ހީކޮށް ކަމަށާއި, އެ ހުރިހާ ތަނަކަށް ހަމަލާ ދިނުމުގައި ހިޒްބުއްލޯ ފުރިހަމައަށް ތައްޔާރުވެފައި ވާ ކަމަށެވެ. އެހެން ކަމުން އެފަދަ ހަމަލާއެއް އެމެރިކާއިން ދީފިނަމަ ގެއްލުން ފިސާރި ބޮޑުވާނެ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.