ފާސްޓްފުޑް ޗެއިންގެ ތެރެއިން މުޅި ދުނިޔެއަށް ވެސް މަޝްހޫރުކަން ހޯދާފައިވާ ކެންޓަކީ ފްރައިޑް ޗިކަން (ކޭއެފްސީ) ގެ މާލެ އައުޓްލެޓް ބޮއިކޮޓް ކުރުމަށް ގޮވާލައިފިއެވެ.

ކޭއެފްސީ ބޮއިކޮޓް ކުރުމަށް ގޮވާލާފައި ވަނީ މިހާރު އިޒްރޭލުގެ ޔަހޫދީން ފަލަސްތީނުގެ މުސްލިމުންނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި އެ ކުންފުނިން ޔަހޫދީންނަށް ވާގިވެރިވާ ކަމަށް ބުނެއެވެ. ގަލޮޅު އަމީނީމަގުގައި ހުންނަ ކޭއެފްސީގެ ރެސްޓޯރެންޓްގެ ބޭރުގައި ހުރި ކަރަންޓް ފޮށީގައި ހިއްޕާފައި ވަނީ ކޭއެފްސީ ބޮއިކޮޓް ކުރުމަށް ގޮވާލާ ހަރުކޮށްފައިވާ ޕޯސްޓަރެކެވެ.

އަދި މީގެ އިތުރުންވެސް އިޒްރޭލަށް ނިސްބަތްވާ އިތުރު ބްރޭންޑްތަކާއި އުފެއްދުންތައް ބޮއިކޮޓް ކުރުމަށް އެ ޕޯސްޓަރުގައި ގޮވާލާފައި ވެއެވެ. ރާއްޖޭގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކުންވެސް ދަނީ އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލައި އަޑު އުފުލަމުންނެވެ.

އެގޮތުން މަޝްހޫރު ފާސްޓް ފުޑް ރެސްޓޯރެންޓްތައް ކަމަށްވާ މެކްޑޮނަލްޑް އާއި ސްޓާބަކްސްގެ އިތުރުން ޕޫމާ، ކެލްވިން ކްލެއިންގެ އިތުރުން ވިކްޓޯރިއާ ސީކްރެޓް ފަދަ ބޮޑެތި ބްރޭންޑްތައްވެސް ބޮއިކޮޓް ކުރަމަށް ގޮވާލާ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އަޑު އުފުލަމުން ދެއެވެ. މިފަދަ ބްރޭންޑް ތަކަކީ އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާކީ އަމަލުތަކަށް އަމަލީ ގޮތުން ބައިވެރި ނުވި ނަމަވެސް އެކަންކަމަށް ހިތްވަރުދީ އަދި އެކަމަށް ބޭނުންވާ ފަންޑް ފޯރު ކޮށްދޭ ބްރޭންޑް ތަކާއި އުފެއްދުންތައް ކަމަށް ބޭރުގެ މީޑިއާ ތަކުން ވެސް ރިޕޯޓުކޮށްފައި ވެއެވެ.

ހުސްވި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލު އާންމުގައި މިހާތަނަށް ވަނީ 9000 އަށްވުރެގިނަ ފަލަސްތީނު މީހުން ޝަހީދުވެފައެވެ. މެދު ނުކެނޑި އިޒްރޭލުން ފަލަސްތީނަށް ބޮން އަޅަމުންދާއިރު އެމީހުންގެ ރޫހު ހުރީ އިންސާނީ ދަރިފަސްކޮޅެއް ނެތި ކޮށްލުމުގެ ރޫހެވެ.