އެމެރިކާއިން ވިލަރެސް ކޮށްދީގެން އިޒްރޭލުން ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލު އާންމަށް ހިތްވަރު ދެއްވަން އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކަން އިޒްރޭލަށް ވަޑައިގެންފިއެވެ.

މިއީ އޮކްތޯބަރު 7، 2023 ގައި ހަނގުރާމަ ފެށިފަހުން އޭނާ އިޒްރޭލަށް ވަޑައިގަންނަވާ 3 ވަނަ ފަހަރެވެ.

ކުރީ 2 ދަތުރުގައި ވެސް ހަނގުރާމަ ކުރިއަށް ދާ ގޮތާ ބެހޭ މައުލޫމާތު އޭނާ އޮޅުންފިލުއްވާފައި ވާ އިރު، ހަނގުރާމަ ކުރިއަށް ގެންދިޔުމުގައި އެމެރިކާގެ ފުރިހަމަ އެހީއާއި މަދަދު ދެއްވާނެ ކަމަށް ވިދާޅުވެ ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ އަށް ހިތްވަރު ދެއްވާފައި ވެއެވެ.

މިއަދުގެ ދަތުރުގައި، ހަނގުރާމަ ކުރިއަށް ގެންދިޔަޔަސް ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރު ކުރަން މަޝްވަރާ ކުރައްވާނެ ކަމަށް އޭނާ އެމެރިކާއިން ފުރާވަޑައިގަންނަވަމުން އިއްޔެ ވިދާޅުވެފައި ވެއެވެ. އަދި ހަނގުރާމަ އަށް ފަހު 2 ސްޓޭޓް ސޮލިއުޝަން [ދެ ދައުލަތް ވަކިން] ގާއިމު ކުރުމަށް ބާރު އަޅުއްވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

1948 އިން ފެށިގެން ފަލަސްތީނުގެ ދައުލަތް ގާއިމު ނުކޮށް ޔަހުދީ ދައުލަތް ގާއިމު ކުރުމަށް ވޯޓު ދެއްވައި، ކޮންމެ އަހަރަކު 3 ބިލިއަން ޑޮލަރުގެ އެހީ އިޒްރޭލަށް ދެމުން އަންނަ އެމެރިކާއިން ދެ ދައުލަތުގެ ވާހަކަ ދެއްކުމަކީ ޖޯކެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އަދި މިފަހަރު ހަނގުރާމަ ފެށުނު ފަހުން، ހަތިޔާރުގެ ގޮތުންނާއި، ޖާސޫސީ ގޮތުން، އަދި އަމަލީ ގޮތުން އިޒްރޭލާއެކު އެމެރިކާއިން ބައިވެރިވަމުން ގެންދާ އިރު، އެވާހަކަ އެގޮތަށް ދައްކަނީ ދުނިޔޭގެ ލޮލުގައި އަނދުން އަޅުވަން ކަމަށް ވެސް ގިނަ ބަޔަކު ބުނެއެވެ. އޭގެ އިތުރުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އދ އަށް މި ފަހުން ހުށަހެޅި 3 ގަރާރަށް ވެސް ދެކޮޅު ހަދާ އެމެރިކާއިން ވީޓޯކޮށް ބޭރުކޮށްލުމަށް ފަހު އެ ދައްކާ ވާހަކަ ގަބޫލު ނުކުރާނެ ކަމަށް ވެސް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައެއް ފަރާތްތަކުން ބުނެއެވެ.

އިޒްރޭލުގެ އުދުވާން ހުއްޓުވުމުގެ ނިޔަތެއް އެމެރިކާގެ ނެތް އިރު، ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ގޮވާލުމަށް ދެކޮޅު ހަދާ ބުނަމުން ދަނީ ހަނގުރާމަ ހުއްޓާލަން އެމެރިކާއިން ތާއީދު ނުކުރާ ކަމަށާއި ނަމަވެސް އިންސާނީ އެހީ ފޯރުކޮށްދޭން ތާއީދު ކުރާ ކަމަށެވެ.

އިޒްރޭލުން މިހާރު ހިންގާ އުދުވާނުގައި އެމެރިކާގެ 5000 ސިފައިން ބައިވެރިވާ ކަމަށް ހަމާސް އާއި، އަދި ހިޒްބުއްލޯގެ އިތުރުން އިސްލާމިކް ޖިހާދާ ގާތް ގުޅުމެއް އޮންނަ އީރާނުގެ އިންޓެލިޖަންސުން ބުނެފައި ވެއެވެ. އެގޮތުން އީރާގު ހަނގުރާމައިގައި އެއްގަމުގައި ހަރަކާތްތެރިވި ސިފައިން އިޒްރޭލަށް ލަފާދީ އަދި އަމަލީގޮތުން ބައިވެރިވަމުން ދާ ކަަމަށް ހަނގުރާމައިގެ ހަބަރުތައް ގެނެސްދޭ ފަރާތްތަކުން ވެސް ބުނެފައި ވެއެވެ. މީގެ އިތުރުން ގާޒާގެ މަތީގައި އުދުހެމުންދާ ގޮތް ނޭނގޭ އުޅަނދުތަކަކީ އެމެެރިކާއިން ފޮނުވާފައި ވާ ޖާސޫސީ އުޅަނދުތައް ކަމަށް އެމެރިކާއިން އިއްޔެ އިއްބަސްވެފައި ވެސް ވެއެވެ. އޭގެ ބޭނުމަކީ، ހަނގުރާމަ ފެށި ދުވަހު ހަމާސް އިން އަސީރު ކުރި މީހުން ހޯދުން ކަމަށާއި، އެ އުޅަނދުތަކުގެ އެހީގައި ލިބެ ޖާސޫސީ މައުލޫމާތު އިޒްރޭލަށް ފޯރުކޮށްދެމުން ގެންދާ ކަމަށް ވެސް ބުނެފައި ވެއެވެ.

ނަމަވެސް އެމެރިކާގެ ސިފައިން އަމަލީ ގޮތުން އިޒްރޭލުގެ ސިފައިންނާއެކު ބައިވެރިވާ ކަމަަށް އެމެރިކާއިން ދެކޮޅު ހަދައެވެ.

މި ހަނގުރާމަ ފެށުނު ފަހުން މެޑިޓެރޭނިއަން ކަނޑަށް އެމެރިކާގެ އެންމެ ވަރުގަދަ 2 މަނަވަރު 30،000 ސިފައިންނާއެކު ފޮނުވާފައި ވާ އިރު ގަތަރުގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭހަށް އިތުރު 900 ސިފައިން ފޮނުވާފައި ވެއެވެ. އަދި އީރާގުގައި އޮންނަ އަސްކަރީ ބޭހަށް ވެސް އިތުރު ސިފައިން ފޮނުވާ، މިސައިލާއި ރޮކެޓް ހަމަލާއިން ދިފާއުވާ އިތުރު ބެޓެރިތައް ވެސް އެމެރިކާއިން ވަނީ އިޒްރޭލަށް ފޮނުވާފައެވެ.