އަޒުމަކަށް ހަދަންވީ ދިވެހިރާއްޖޭގެ ކަރާމަތާއި ދިވެހިންގެ މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމުގައި ސާބިތުވެ ތިބުމަށް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ހިތާބުގައެވެ.

ރައީސް ސޯލިހް ގޮވާލެއްވީ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން ދުރުހެލިވެ ތިބެ، ފަރުދީ މަސްލަހަތުގެ މައްޗަށް ގައުމީ މަސްލަހަތު އިސްކުރުމަށެވެ. އަދި ދިވެހިން މަސައްކަތް ކުރަންވީ، ދަރިންގެ ހިތްތަކުގައި ގައުމުގެ މިނިވަންކަމާއި، ސިޔާދަތު ރައްކާތެރިކުރުމަށް ފަރުދީ ގޮތުން މަސައްކަތް ކުރުމުގެ ރޫހު އަށަގެންނެވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުޑަކުދިންގެ ހިތްތަކުގައި ގައުމީ ލޯބި އާލާކޮށް، ގައުމީ މަސްލަހަތު އިސްކުރުމުގެ ސިފަ އެކުދިންގެ ކިބައިގައި ހަރުލެއްވުމަކީ، ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ވަރަށް މުހިންމު ބޭނުމެއްކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ނަސްރުގެ ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސަރުކާރާއި ރައްޔިތުން ގުޅިގެން، އެއް ރޫހެއްގައި އެއް އަޒުމެއްގައި އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ހޭލުންތެރިވުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ ނޮވެންބަރު 3 ވަނަ ދުވަހު ދިވެހިންނާ ކުރިމަތިވި ބިރުވެރި ހާދިސާގައި، ދިވެހިންނަށް ނަސްރު ލިބުމުގެ ސިއްރަކީ، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރު ގުޅިގެން ކުރި މަސައްކަތާއި، ޖިހާދުގެ ސަބަބު ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެވުނީ، ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި، މިނިވަންކަމަށްޓަކައި ގުރުބާންވުމުގެ ރޫހު ވަރުގަދަކަމުން ކަމަށެވެ.

މީގެއިތުރުން މިއަދުގެ ހިތާބުގައި ރައީސް ވަނީ ނުރައްކާތެރި ލާއިންސާނީ އުދުވާންތަކަކާ ކުރިމަތިލާންޖެހިފައިވާ، ފަލަސްތީނުގެ މުސްލިމް އަހުންނާއި އުހުތުންގެ ހާލަތު ފާހަގަކުރައްވާފައެވެ. އެގޮތުން ފަލަސްތީނުގެ މިނިވަންކަމާއި ސިޔާދަތު ނިގުޅައިގަނެ، ޒަޔަނިސްޓުންގެ އިސްތިއުމާރީ އަޅުވެތިކަމުގައި ފަލަސްތީނުގެ ރައްޔިތުން ކަސްތޮޅު އަޅުވާފައި ތިބޭތާ 75 އަހަރު ވެގެން ދިޔައިރު، ފަލަސްތީނުގެ ގާޒާގެ ރައްޔިތުން މިއަދު ތަހައްމަލު ކުރަމުން ދަނީ، މިޒަމާނުގެ އިންސާނީ ތާރީހު ނުދެކޭހާ އަނިޔާވެރި ލާއިންސާނީ އަމަލުތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ މުޖްތަމައުގެ ހުރިހާ ކަންކޮޅެއްގައި، ޒަމާނީ ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކުގެ އަޑު ގުގުމަމުންދާ މި ޒަމާނުގައި، ފަލަސްތީނުގެ ރައްޔިތުންނަށް ވުރެ ވަކިން ބޮޑަށް، އެ ހައްގުތަކުން މަހުރޫމް ކުރެވި ނިކަމެތި ކުރެވިފައިވާ އެހެން ބަޔަކު އަދުގެ ދުނިޔޭގައި ނެތެކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.