މާލޭޝިއާއަށް އެތެރެ ނުވެވޭ ގޮތަށް ހިފެހެއްޓި އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) މިރޭ މާލެއަށް ފުރުވާލާފައި ވާ ކަަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފޮރިން މިނިސްޓްރީން ބުނީ، ރޭގެ ވަގުތެއްގައި މާލޭޝިއާއަށް ދަތުރުކުރި ދިވެހި ރައްޔިތެއް ކަމަށްވާ، ޅ. ކުރެންދޫ، ނޫރާނީގެ އަބްދުﷲ މުހައްމަދު މެލޭޝިއާއަށް އެތެރެ ނުވެވޭ ގޮތަށް މެލޭޝިއާ އިމިގްރޭޝަނުން ހިފަހައްޓާފައި ވާކަމުގެ މައުލޫމާތު މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން އަށް ލިބިފައި ވަނީ މެލޭޝިއާ ގަޑިން ގާތްގަނޑަކަށް ރޭގަނޑު 9:40 ގައި ކަމަށެވެ. އަދި މައުލޫމާތު ލިބުމާއެކު މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން އިން ގެންދިއައީ އެފަރާތަށް ބޭނުންވާ ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

އެގޮތުން މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ކޮންސިއުލާ މުވައްޒަފެއް ވަނީ ވަގުތުން އެއާޕޯޓަށް ގޮސް ބޭނުންވާ ހުރިހާ ކޮންސިއުލާ ހިދުމަތްތައް ފޯރޮކޮށްދީފައި ކަމަށް ބުނެއެވެ. މެލޭޝިއާގެ އިމިގްރޭޝަން އިން އާންމުކޮށް އަމަލުކުރާ އުސޫލަކީ، އެގައުމަށް އެތެރެވުން މަނާކުރާ ފަރާތެއް ނަމަ މެލޭޝިއާއަށް އެތެރެ ވިޔަ ނުދީ، އެފަރާތެއް މެލޭޝިއާއަށް އެތެރެ ވުމަށް ދަތުރުކުރި އެއާލައިނެއްގެ އެންމެ އަވަހަށް ފުރަން އޮންނަ ފްލައިޓަކުން މެލޭޝިއާ އިން ފުރުވުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މަދަނީ އަބްދުﷲ ދަތުރުކުރި އެއާލައިންސް އިން ރާއްޖެއަށް އައުމަށް އެންމެ އަވަހަށް އޮންނަ ފްލައިޓެއް އޮތީ މި މަހުގެ 4 ވަނަ ދުވަހު ކަމުން، މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ އެހީތެރިކަމާއެކު މިއަދު މެލޭޝިއާ އިން ރާއްޖެއަށް ދަތުރުކުރި އެހެން އެއާލައިނެއްގެ ފްލައިޓަކުން ރާއްޖެ އައުމުގެ މަގު ފަހިކޮށްދީ ފުރުވާލާފައި ވާ ކަމަށެވެ.

މަދަނީ އަބްދުﷲ އަކީ ކުރިން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ. އަދި މީގެ އަހަރުތަކެއް ކުރިން ގިނަ މަދަނީ ޖަމިއްޔާތަކެއް އިންތިހާދުވެ ހެދި "މަދަނީ އިއްތިހާދު" ގައި އިސްކޮށް އުޅުއްވި ބޭފުޅާއެވެ.

އޭނާ މި ފަހުން ފާހަގަ ވެގެން ގޮސްފައި ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލައިގައި އަޑުހަރުކޮށް ވާހަކަ ދައްކަވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން އެކި ޕޯޑިއަމް ތަކާއި ޗެނަލް 13 އިން ފޮނުވާ ބައެއް ޝޯ ތަކުގައި ވެސް އޭނާ އެ މައުޟޫގައި ވާހަކަ ދައްކަވާފައި ވެއެވެ.