ބޮލީވްޑްގެ މަޝްހޫރު އެކްޓަރު އަދި އެތައް ޒަމާނެއް ވަންދެން އދ ގެ އެމްބެސެޑަރުކަން ކުރި އެންޖެނީލާ ޖޮލީ، އިޒްރޭލުގެ އުދުވާން ކުށްވެރި ކޮށް ދުނިޔޭގެ ލީޑަރުން އެކަމުގައި ބައިވެރިވާކަމަށް ބުނެ ފާޑުކިޔާފައިފިއެވެ.

އޭނާ ބުނީ، ދާނެ ތަނެއް ނެތި އަމިއްލަ ވަޒަނުގައި ބަންދުވެފައި ތިބި ބޮޑު އާބާދީއަކަށް އިޒްރޭލުން ބޮން އަޅަމުން ދާ އިރު، ދުނިޔޭގެ ލީޑަރުން ތިބީ އެކަމަށް ހިތްވަރު ދޭން ކަމަށެވެ.

އޯޕަން އެއާ ޖަލެއް ފަދައިން ގާޒާގެ ރައްޔިތުން އެތާނގައި ބަންދުވެފައި ތިބޭތާ 20 އަކަށް އަހަރު ވީ ކަމަށާއި މިއަދު އެތަން ބަދަލުވަމުން އެ ދަނީ މާ ސިންގާ ގަބުރުސްތާނަކަށް ކަމަށެވެ.

"ޝަހީދު ކޮށްލި މީހުންގެ 40 ޕަސެންޓަކީ ކުޑަކުދިން، އާއިލާތައް ހުރި ގޮތަށް ޝަހީދު ކޮށްލައިފި"
އެންޖެލީނާ ޖޮލީ

ކުރިން ޔޫއެންއެޗްސީއާރުގެ އެމްބެސެޑަރުކަން ވެސް ކުރި ޖޮލީ ބުންޏެވެ.

އޮކްޓޯބަރު 7 ގެ ފަހުން މި ވީ 26 ދުވަހުގެ ތެރޭގައި އިޒްރޭލުން ވަނީ ޕަލަސްތީނުގެ 8500 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައެވެ.

"ދުނިޔޭގެ ބައެއް ގައުމުތަކުގެ ފުރިހަމަ ތާއީދާއެކު އެންމެންގެ ލޮލުގެ ކުރިމަތީގައި ކުޑަކުދިންނާއި އަންހެނުންނާއި އާއިލާތައް ހިމެނޭހެން އެތައް މިލިއަން ރައްޔިތުންނަށް އެދަނީ އަނިޔާ ދެމުން، ކާބޯތަކެއްޗާއި، ބޭހާއި އިންސާނީ އެހީ ފޭރިގަންނަމުން އެދަނީ ބައިނަލްއަގުވާމީ ގާނޫނު ތަކާ ހިލާފަށް"
އެންޖެލީނާ ޖޮލީ

އަދި އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި ހަނގުރާމަ ހުއްޓާލުމަށް އދ ގެ އިދާރާގެ ތެރެއިން ހުރަސް އަޅަމުން އެދަނީ މި ނުބައި ޖަރީމައި ދުނިޔޭގެ ލީޑަރުންވެސް ބައިވެރިވަމުން ކަމަށް އޭނާ ބުނެ ވަނީ ފާޑުކިޔާފައެވެ.

ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު މިއަދު އިޒްރޭލުން ބުނެފައި ވަނީ، ހަމާސްގެ އަތްދަށުގައި ހުރި ގިނަ އަދަދެއްގެ ގޮވާތަކެއްޗާއި، ހަތިޔާރާއި ރޮކެޓާއި، ރޮކެޓް ލޯންޗް ކުރަން ބޭނުން ކުރާ ސާމާނުތަކެއް އަތުލާފައި ވާ ކަމަށެވެ.

އަނެއް ކޮޅުން ހަމާސް އިން ވަނީ، ޓަނަލްތަކުން ނުކުމެ އިޒްރޭލުގެ ޓޭންކަރުތަކަށް ހަމަލާ ދެނީ ކަމަށް ބުނާ ވީޑިއޯއެއް މިއަދު އާންމު ކޮށްފައެވެ. އަދި ޒައިތޫން އަވަށުން ގިނައަދަދެއްގެ ޓޭންކަރުތައް ހަލާކު ކޮށްލި ކަމަށް ވެސް ބުނެއެވެ.

މި ވާހަކަތަކާ ގުޅިގެން މެދުއިރުމަތީގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ ގަރަތު ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށް ވާ މަހްޖޫބް ޒްވެއިރީ ވިދާޅުވީ، ދެފަރާތުންވެސް އެބައެއްގެ ކާމިޔާބީ ދައްކާ އާންމުންގެ މަގުބޫލުކަން ހޯދުމަށް މަސައްކަތް ކުރަމުން ދާ ކަމާ މެދު ޝައްެކެއް ނެތް ކަމަށެވެ.

އެގޮތުން، ހަމާސް އިން އެ ދައްކަނީ އެމީހުންގެ އަމަލުތައް ރަނގަޅު ކަމަށާއި އެގޮތުން އިޒްރޭލުންވެސް ދައްކަމުން ދަނީ އެމީހުން ހިންގާ އުދުވާނަކީ ހަމަ ރަނގަޅު އުދުވާނެއް ކަމަށެވެ. ދެފަރާތުންވެސް އެކަން އެގޮތަށް މިވަގުތު ކުރާ އެއްބޭނުމަކީ ސިޔާސީ ގޮތުން ނިންމާ ނިންމުންތަކަށާއި ކުރިއަށް އޮތް ދުވަސްތައް ބަދަލުވެގެން ދާނެ ކަމަށް ލަފާކުރާ ގޮތްތަކަށް ނުފޫޒު ފޯރުވުން ކަމަށެވެ.

އެހެން ބައެއް ހަބަރުތައް ބުނާގޮތުން އިޒްރޭލު ސިފައިން ގާޒާގެ 4 ދިމާއަކުން ކުރިއަށް ޖެހެމުން ދާ އިރު ގާޒާ ސިޓީ އާއި ގާޒާ ވަކިކޮށްލުމަށް ގާޒާ ސްޓްރިޕްގެ ހުރަހަށް މިހާރު ވަނީ މަގެއް ހަދާފައެވެ. އެ މަގުގެ ދެކޮޅާއި މެދުތެރޭގައި އަސްކަރީ ޓޭންކަރުތަކުގައި ޔަހޫދީ ސިފައިން ތިބި އިރު ގިނަ އަދަދެއްގެ އާންމުން ގާޒާ ސިޓީގެ އެތެރޭގައި ބަންދުވެފައި ތިބިކަމަށް ބުނެއެވެ. ގާޒާ ސިޓީ އަކި އިޒްރޭލާ އެންމެ ގާތަށް އޮންނަ ކޮޅެވެ. އެތާނގައި ވަރުގަދައަށް ހަމަލާ ބަދަލުކުރަމުން ދާ އިރު، އިޒްރޭލުން ދެފަހަރު މަތިން ހަމަލާ ދިން ޖަބަލިއާ ކޭމްޕް ވެސް އޮންނަނީ އެތާނގައެވެ.

ގިނަ އަދަދެއްގެ ރެފިއުޖީން ދިރިއުޅޭ އެ ކޭމްޕް ސުންނާފަތި ކޮށްލާފައި ވާ އިރު އިޒްރޭލުން ބުނަނީ، ހަމާސްގެ ބިންގަރާސްތަކާއި ޓަނަލްތައް ހުރީ އެ ކޭމްޕްގެ އަޑީގައި ކަމަށެވެ.

ހަނގުރާމައިގެ ބިރަށް މިއަދުވެސް ގިނަ އަދަދެއްގެ ބަޔަކު ގާޒާ ދޫކޮށް މިސްރަށް ވަންނަމުން ދާ އިރު، 7000 މީހަކު މިސްރަށް ވައްދާނެ ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ. މިހާރުވެސް މިސްރާއި ރަފާ ގުޅޭ ހަރަތުއަނގޮޅީގައި ގިނަ އަދަދެއްގެ ބަޔަކު ކިއު ޖެހިފައި ވާ އިރު، މިވަގުތު އެންމެ އިސްކަމެއް ދެނީ، ގާޒާ ބޯޑަރުގައި ހަދާފައި ވާ ވަގުތީ މެޑިކަލް ފެސިލިޓީތަކުގައި ފަރުވާން ދޭނެ ޖެހޭ މީހުން ބޭރު ކުރުމަށާއި ބޭރު ގައުމުތަކުގެ ޕާސްޕޯޓް އޮންނަ މީހުން ބޭރު ކުރުމަށެވެ.

އދ އިން މީގެ ކުރިން ބުނެފައި ވާ ފަދައިން ގިނަ އަދަދެއްގެ މައިން މިވަގުތު ވިހަމުން ދާ އިރު، ތުއްތު ދަރިފުޅަށާއި މައިމީހަށް ފަރުވާ ދެވޭނެ ގޮތެއް ނެތުމަކީ އުފެދެމުން ދާ ނުތަނަވަސް ކަމެކެވެ. މި ނިމިދަޔަ އޮކްޓޯބަރުގައި ވިހާނެ ކަމަށް ބުނެފައި ވާ 5000 އަންހެނުން ތިބި އިރު، މި ހިނގާ މަރުހަލާގައި ގިނަ ބަޔަކު މިހާރުވެސް ވިހައިފިއެވެ. ނަމަވެސް އިޒްރޭލުން ތެޔޮ ބަންދު ކުރުމާއެކު ގާޒާގެ ހޮސްޕިޓަލްތަކުގެ ހިދުމަތްތައް ހުއްޓެމުން އައިސް، ޖަބަލިއާ ކޭމްޕާ ކައިރީގައި ހުންނަ އިންޑޮނީޝިއަން ހޮސްޕިޓަލް މިހާރު ވަނީ ހުއްޓިފައެވެ. ވަރަށް ހާއްސަ ހާލަތެއްގައި ދޭން ޖެހޭ ފަރުވާއެއް ފިޔަވައި އެހެން ހުރިހާ ފަރުވާއެއް ހުއްޓިފައި ވާ އިރު، އިމަޖެންސީ ޖަނަރޭޓަރުވެސް މިއަދު ހުއްޓޭނެ ކަމަށް ހަބަރުތައް ބުނެއެވެ.

އިޒްރޭލުގެ އުދުވާން ވަރުގަދަ ކުރަމުން، ކޮންމެ ދުވަހަކު އެތައް ބަޔަކު ޝަހީދު ކުރަމުން ދާ އިރު، ދުނިޔޭގެ ބަސް ވިކޭ ގައުމުތަކުން، ކުށްވެރި ކުރުމާއި، ކަންބޮޑުވުމާއި، ހުއްޓާލަން ގޮވާލުން ފިޔަވައި އަމަލީ ގޮތުން ހުއްޓުވަން ކުރާ ކަމެއް ނުފެނެއެވެ. ފަލަސްތީނާ އިންވެގެން އޮންނަ އަރަބޮ ބޮޑު 4 ގައުމުންވެސް އެކަށީގެންވާ ވަރަށް އަޅާނުލާ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނަމުން ދެއެވެ.