އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން 5 އަހަރުގެ ދައުރުގެ ބޮޑުބައި ނުދަނީސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ޖެހޭ ކަަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރަށު ބަންދުގައި ހުންނަވައި މިރޭ ޕީޕީއެމް ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، އިންޑިއާ އާ އެކީ ރަހްމަތްތެރި ވާހަކަތަކެއް ދައްކައިގެން މުއްދަތުތަކެއް ކަނޑައަޅައިގެން އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ޖެހޭ ކަމަށެވެ. ނަމަވެސް މުއިއްޒުގެ ވެރިކަމުގެ 5 އަހަރުގެ ދައުރުގެ ބޮޑުބައި ނުނިމެނީސް އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ފައިބަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައާއި ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލައަކީ 'ހެޔޮ ކިޔައިގެން' ދޫދެވޭނެ ކަންކަން ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ. މިއީ ދިވެހިރާއްޖޭގެ ދިވެހި ދައުލަތަށް ގެއްލުނު ހައްގުތަކެއް ކަަމަށާއި އެހެން ކުރިހާ ކަމެއް ދޫކޮށްލައިގެން ތިބި ނަމަވެސް މި ދެކަންތައް ދޫކޮށް ނުލެވޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
އެހެންކަމުން މި ދެކަމަކީ މުއިއްޒު ހުވާ ކުރެއްވުމާ އެކު އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެ ދެ ކަންތައް ކަމަށާއި ދުވަސް ކޮޅުކޮޅުން މި ދެ މަސައްކަތް ކުރިއަށްދާ ގޮތުގެ އަޕްޑޭޓެއް ދެއްވަން [މުއިއްޒަށް] ޖެހިވަޑައިގަންނަވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އެހެން ނޫން ނަމަ "އިންޑިއާ އިން" ޖަހައިގެން ޓީޝާޓު ތުރުކުރައްވައިގެން ނިކުންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި މި ވަރުގެ މަސައްކަތްޕުޅުތަކެއް [އިންޑިއާ ސިފައިން ބާލަން ކުރެއްވި މަސައްކަތްޕުޅު] ކުރެއްވީމައި އެވަރުގެ "ދުއްތުރާއެއް" ޖެހިގެން ނުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންގެ ތެރޭގައާއި ހޮވިވަޑައިގެން ފަހުން އެތައް މުނާސަބަތެއްގައި އިންޑިއާ ސިފައިން ބާލާނެ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ދާދި ފަހުން ބައިނަލްއަގްވާމީ ނޫޙަކަށް ދެއްވި އިންޓަވިއުއެއްގައި، ވެރިކަން ލިބިވަޑައިގަންނަވާތާ ހަފާތާއެއްހާ ދުވަސްތެރޭ ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ބާާލާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އަދި ބޭރުގެ ގައުމުތަކާއެކު އަސްކަރީ ގުޅުން ދަމަހައްޓަވާނެ ކަމަށާއި ނަމަވެސް ބޭރުގެ އެއްވެސް ސިފައިންގެ ބަޔަކަށް ރާއްޖޭގައި ނުތިބެވޭނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.