ޕީޕީއެމްގެ މެންބަރުން ޕީއެންސީއާ ގުޅެން ފޯމު ފުރަން ނުޖެހޭނެ ކަމަށް އިދިކޮޅު ސިޔާސީ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ރޭ ޕީޕީއެމްގެ އޮފީހުގައި އެ ޕާޓީގެ މެންބަރުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީންގެ އަރިހުގައި އެމަނިކުފާނުގެ އިސްވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު އިންނެވިއިރު އޭނާ ވަނީ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު އިތުރަށް ތަފްސީލު ކޮށްދެއްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ، ޕީޕީއެމަކީ އެންމެ ވަރުގަދަ ސިޔާސީ ޕާޓީ ކަމަށާއި ޕާޓީގެ އަމާޒަކަށް ވާންވާނީ ޒުވާން ޖީލަށް ޕާޓީގެ ސިޔާސަތު ކިޔައިދީ މި ފިކުރު ވިއްކުން ކަމަށެވެ.

ރޭގެ ބައްދަލުވުމުގައި ރައީސް ޔާމީން އިތުރަށް ވިދާޅުވީ ޕީޕީއެމްގެ އެއްވެސް މެންބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީ އަށް ފޯމުފުރަން ނުޖެހޭނެ ކަމަށާއި ޕީޕީއެމް އާއި ޕީއެންސީއަކީ އެއް ފިކުރެއްގެ ދެ ޕާޓީ ކަމަށެވެ. އަދި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރަން ވަރަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ޖަލު ހުކުމް ތަންފީޒް ކުރައްވަމުން ގެންދެވި ޔާމީން މި މަހުގެ 1 ވަނަ ދުވަހު ވަނީ ގޭ ބަންދަށް ބަދަލު ކޮށްފައެވެ. އެއަށް ފަހު އިއްޔެ ރޭގެ ވަގުތެއްގައި ޔާމީން ރަށު ބަންދަށް ބަދަލު ކުރި ކަމަށް ޗެނަލް 13 އިން ވަނީ ރިޕޯޓް ކޮށްފައެވެ.

ރައީސް ޔާމީނަށް މި ލިބިވަޑައިގެންނެވި ލުޔާ އެކު މާލެ ސަރަހައްދުގައި ހިމެނޭ މާލެ ވިލިމާލެ އަދި ހުޅުމާލެއަށް އެމަނިކުފާނަށް ވަޑައިގެންނެވޭނެ ކަމަށާއި އާންމު ރައްޔިތުންނާ ބައްދަލުކުރުމުގެ އިތުރުން ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުސަތު ވެސް ލިބިވަޑައިގަންނަވާނެ ކަމަށް އެ ޗަނަލުން ވަނީ ބުނެފައެވެ.

މި ކަމާ ގުޅިގެން ކަރެކްޝަންސް އިން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ސިއްހީ ކަންކަމުގައި ފަރުވާ ހޯއްދެވުމަށް ކަރެޝަންސް އަށް އެންގެވުމަށް ފަހު ގެކޮޅުން ބޭރަށް ވަޑައިގެންނެވޭ ގޮތަށް ޔާމީނަށް ލުއި ދީފައިވާ ކަމަށެވެ.

ރައީސް ޔާމީން މާލެ ބަންދަށް [ރަށު ބަންދަށް] ބަދަލު ކޮށްފައި ވާ އިރު، އަންނަ މަހުގެ 6 ގައި، މިހާރު ކުރިއަށް ދާ މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.

ރަށު ބަންދަށް ރައީސް ޔާމީން ބަދަލު ކުރި ފަހުން މިއީ އެ މަނިކުފާނު ޕީޕީއެމްގެ މެންބަރުންނާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.