ކުޑަކުދިންނަށް ހާއްސަ ދިވެހި ވާހަކަ މޯބައިލް އެޕްލިކޭޝަން އެއް ކަމަށްވާ "އޯލަ" ބޭނުންކުރާ ބެލެނިވެރިންނާއި މުދައްރިސުންނަށް އެމްފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފިއެވެ.
އައިއޯއެސް، އެންޑްރޮއިޑް އަދި ޓެބްލެޓްތަކަށްވެސް ޑައުންލޯޑް ކުރެވޭ އޯލަ އެޕްލިކޭޝަނަކީ ތުއްތުކުދިންގެ މެދުގައި ދިވެހި ބަހަށް އޮތް ލޯބި އާލާ ކުރުމަށް ފަރުމާކޮށްފައިވާ މޯބައިލް އެޕެލިކޭޝަންއެކެވެ. އޯލަ އެޕްގެ އެންމެ ފަހުގެ އަޕްގްރޭޑާއެކު، ރާއްޖެ އާއި އަދި ރާއްޖެއިން ބޭރުގައި އުޅުއްވާ ފަރާތަކަށްވެސް މި އެޕްއަށް ފަސޭހަ ކަމާއެކު ލޮގިން ކުރެވޭނެއެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސާ، ހުސައިން ނިޔާޒް ވިދާޅުވީ، ޒުވާން ކިޔުންތެރިންގެ މެދުގައި ދިވެހި ބަސް ކުރިއެރުވުމަށް އޯލަ އެޕްލިކޭޝަނުން ކުރާ މަސައްކަތަކީ ޑިޖިޓަލް ހިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހިންގެ ދިރިއުޅުން މުއްސަނދި ކުރުމަށް އުރީދޫ އިން ކުރާ މަސައްކަތާ ވަރަށް ފުރިހަމައަށް ގުޅިފައިވާ މަސައްކަތެއް ކަމަށެވެ.
"އެހެންކަމުން އެމްފައިސާ އިންޓަގްރޭޓްކޮށްގެން، ބެލެނިވެރިންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އޯލާގެ މުއްސަނދި ދިވެހި ކޮންޓެންޓް ލިބިގަނެ، އަޅުގަނޑުމެންގެ އެންމެ ޒުވާން ޖީލުގެ މެދުގައި ބަހަށް އޮތް ލޯބި އާލާ ކުރުމަށް އިތުރަށް މަގުފަހި ވެގެންދޭ. ސަގާފީ އަދި ތައުލީމީ ކުރިއެރުމަށް މާނަހުރި ބަދަލެއް ގެނައުމަށް މި މަސައްކަތުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް" ނިޔާޒް ވިދާޅުވިއެވެ.
އޯލާ އެޕް ބޭނުންކުރާ ފަރާތްތަކަށް ދެ ވާޝަނެއް ހުށަހަޅައިފާވާއިރު "އަޖުމަ" ވާޝަންގައި އެއްވެސް އަގަކާ ނުލައި ދިވެހި ވާހަކަތަކާއި މުނިފޫހިފިލުވުން ހޯދަން ބޭނުންވާ ފަރާތްތަކަށް ހިލޭ ކޮންޓެންޓް ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ. އަދި ހަމައެހެންމެ ޕްރިމިއަމް ކޮންޓެންޓް ބޭނުންވާ ފަރާތްތަކަށް "ކިޔާމާ" ވާޝަންއަށް އަށް ސަބްސްކްރިބް ކުރުމުން ކޮންމެ މަހަކު މަދުވެގެން ތިން އާ ކޮންޓެންޓު ލިބިގެންދާނެ ކަމަށް ވެއެވެ.
އަދި ސަބްސްކްރައިބް ކުރައްވަން ބޭނުންވާ ފަރާތްތަކަށް ކޮންމެ މަހަކު 150 ރުފިޔާގެ ސަބްސްކްރިޕްޝަން ނުވަތަ މުޅި އަހަރަށް 1440 ރުފިޔާގެ ސަބްސްކްރިޕްޝަން އެއް ލިބޭނެ ކަމަށާއި މި ސަބްސްކްރިޕްޝަންއަށް ފައިސާ ދެއްކުމަށް އެމްފައިސާ ގެ ހިދުމަތް، އޯލަ އެޕް ބޭނުންކުރާ ފަރާތްތަކަށް ހިޔާރު ކުރެވޭނެ ކަމަށްވެސް އުރީދޫއިން ވަނީ ބުނެފައެވެ.
އުރީދޫއިން ބުނީ އޯލާ އެޕް އަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށް ޕޭމަންޓް މެތަޑެއްގެ ގޮތުގައި އެމް-ފައިސާ އިންޓަގްރޭޓް ކުރެވިގެން ދިއުމަކީ އެ ކުންފުންޏަށް ލިބިގެންދިޔަ ބޮޑު އުފަލެއް ކަމަށެވެ. އަދި އުރީދޫގެ އަމާޒަކީ އަބަދުވެސް ފެންވަރު ރަނގަޅު ދިވެހި ބަހުގެ ކޮންޓެންޓް ޒުވާން ކިޔުންތެރިންނަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށާއި މި އެޕްލިކޭޝަން ބޭނުންކުރުމުގައި ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބެލެނިވެރިންނަށް ވަކި ލޮގިން އެއް ހެދޭނެ ކަމަށްވެސް އުރީދޫއިން ވަނީ ބުނެފައެވެ.