ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ނުނިމެނީސް މަޖިލީހުގައި އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމާއި، ނަޝީދު ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އެހެން މެންބަރަކާ ހަވާލުކުރުމަށް މަޖިލީހުގެ އިދާރާ އަށް އެންގުމަށް އެދި އެމްޑީޕީން ސުޕްރީމް ކޯޓަށް ހިނގައްޖެއެވެ.

އެމްޑީޕީގެ ގާނޫނީ ޓީމުގެ ފަރާތުން ވާހަކަ ދެއްކެވި އެ ޓީމުގެ މެންބަރު އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މަޖިލީހުގެ 44 ވަނަ މާއްދާ އާއި 205 ވަނަ މާއްދާ އަށް ރިއާޔަތްކުރުމަށް ފަހު ކަމަށެވެ.

މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައިވާ ގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ނަމަ، އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން ގާނޫނުއަސާސީގެ 82 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައަޅަން ވާނެއެވެ.

އެގޮތުން ރިޔާސަތު ބެލެހެއްޓުމަށް ފަސް މެންބަރުކަމުގެ މުއްދަތަށް ރިއާޔަތްކޮށް ފަސް މެންބަރަކު ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް އެ މާއްދާގައިވެއެވެ.ނަމަވެސް މަޖިލީހުގެ ގާނޫނުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުުގެ ނައިބު ރައީސެވެ. ހަމަ އެ މާއްދާގެ (ރ) ގައިވާ ގޮތުން، މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށްފަހުގައެވެ.

ނަޝީދުގެ މައްސަލަ އެޖެންޑާކޮށްފައިވާ ޖަލްސާ ކުރިއަށް ނުދިއުމުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ހަތަރު ސަބަބަކަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށް އަފީފް ވިދާޅުވިއެވެ.

އެ ސަބަބުތަކަކީ:

  • ނަޝީދުގެ މައްސަލަ ގެންދެވޭނެ ގޮތް ސާފުކޮށް ގަވައިދުގައި ބަޔާންކޮށްފައި އޮތް ނަމަވެސް އެއަށް އަމަލުމުކޮށް މަޖިލީހުގެ އިދާރާ އިން އެ މައްސަލަ ކުރިއަށް ގެންދިޔަ ނުދީ ޖަލްސާ ހުއްޓުވާފައިވާތީ
  • ނަޝީދުގެ މައްސަލައިގައި މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ އިދާރާ އިން ކަނޑައަޅާފައި ވަނީ މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ ބާރު ކެނޑޭ ގޮތަށް ކަމަށް ބެލެވޭތީ
  • މަޖިލީހުގެ ދުސްތޫރީ އަދި ގާނޫނީ ކަންކަން ބެލެހެއްޓުމާއި މަޖިލީހުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެ ގޮތަށް ތަނަވަސްކޮށްދީފައި އޮތް ނަމަވެސް އެގޮތަށް މަޖިލީހުގެ އިދާރާ އިން އަމަލުކޮށްފައި ނުވާތީ
  • ގައުމު ދުސްތޫރީ ނިޒާމުން ބޭރުވެދާނެ ފަދަ މައްސަލައަކަށް ނަޝީދުގެ މައްސަލަ ވާތީ

އަފީފް ވިދާޅުވީ، މިއަދު ދިމާވި ފަދަ ހާލަތެއް ކުރިމަތިވީމާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ ތަންފީޒުކުރުން ލާޒިމް ކަމަށެވެ. އެހެން ނޫން ނަމަ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގާނޫނު ތަސައްވަރުކޮށްފައި ނުވާ ހާލަތެއް ކުރިމަތިވާނެ ކަމަށް އަފީފް ވިދާޅުވިއެވެ.

ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޖަލްސާ އަށް އީވާ ސަލާމް ވިދާޅުވެފައި ވަނީ ޑެންގޫ ހުން ޖެހިވަޑައިގަތުމުގެ ސަބަބުން އާލާސްކަންފުޅާ އުޅުއްވާތީއެވެ.

އީވާ ސަލާމުގައި ހުންނެވިކަން ހާމަކުރައްވައި މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވުމުން އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ ނުރުހުން ފާޅުކުރައްވައި އިހްތިޖާޖުކުރައްވައިފައެވެ.ނިއުޝާ މިފަދައިން ވިދާޅުވެފައި ވަނީ އީވާ އަށް މިއަދުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެންނެވޭ ގޮތް ނުވި ނަމަވެސް، ޖަލްސާ ކުރިއަށް ގެންގޮސްދިނުމަށް އެދިވަޑައިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ނިއުޝާ އަށް ސިޓީ އެއް ވެސް ފޮނުއްވާފައި އޮއްވައެވެ.