އުމުރުން 33 އަހަރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ބިލިއަނަރަކަށް ވެއްޖެއެވެ.

ޓޭލާގެ މިލްކިއްޔާތުގައި މިހާރު 1.1 ބިލިއަން ޑޮލަރު ހުރިއިރު ލަވަކިޔުންތެރިޔާ ބިލިއަނަރަކަށްވީ "ދި އިރާސް ޓުއާ" އާއި އޭގެ ކޮންސެޓް ފިލްމުން މިހާތަނަށް ލިބުނު އާމްދަނީގެ ސަބަބުންނެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ލިސްޓުގެ ޖާގައިގައި ވެސް ހިމެނޭ ޓޭލާ ގެ "ދި އީރާސް ޓުއާ" އަކީ މިދިޔަ މާޗު މަހު ފެށި ޓުއާއެކެވެ. މި ޓުއާ އެއްކޮށް ނިމިގެންދާނީ އަންނަ މަހުގެ 23 ވަނަ ދުވަހު ޓޮރޮންޓޯގައި ބާއްވާ ޝޯ އިންނެވެ. ހަމައެކަނި މި ޓުއާގައި ވެސް ޖުމްލަ 53 ޝޯ ދީފައިވާއިރު އެ ޝޯތަކުން ވަނީ އޭނާއަށް 780 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ. މިހާތަނަށް 12 ގްރެމީގެ އިތުރުން ވެސް މިއުޒިކް ދާއިރާގައި ދެވޭ ގިނަ އެވޯޑުތަކެއް ހާސިލްކޮށްފައިވާ ޓޭލާ ވަނީ މިދިޔަ އަހަރު "މިޓްނައިޓްސް" ގެ ނަމުގައި އަލްބަމެއް ގެނެސްދީފައެވެ. އޭގެ އިތުރުން ލަވަކިޔުންތެރިޔާ ވަނީ 2014 ވަނަ އަހަރު އޭނާ ނެރުނު "1989" އަލްބަމުގެ އާ ވާޝަނެއްވެސް ނެރެފައެވެ.

އުމުރުން ނުވަ އަހަރުގައި މިއުޒިކަށް ޝައުގުވެރިކަން އުފެދުނު ޓޭލާ ވަނީ ނިއު ޔޯކު ސިޓީގައި ވޯކަލް އަދި އެކްޓިން ކުލާސްތަކެއް ވެސް ނަގާފައެވެ. އޭގެ ފަހުން ކަންޓްރީ މިއުޒިކަށް ހާއްސަ ސަމާލުކަމެއް ދިނުމަށްފަހު ކެރިއަރު އިތުރަށް ފުޅާކުރުމަށް ޓޭލާ ވަނީ ނަޝްވިލް އަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އޭނާގެ ފުރަތަމަ އަލްބަމް 2016 ވަނަ އަހަރު ނެރުނުއިރު، ޓެލާގެ މިއުޒިކީ ކެރިއަރުގައި ވަނީ މިހާތަނަށް ވަނީ އޭނާގެ އަލްބަމްތަކުގެ އާ ވާޝަންތައް ނުލައި 10 އަލްބަމް ނެރެފައެވެ. އާ ވާޝަން އާއެކު ޖުމްލަ 14 އަލްބަމް ޓޭލާ ވަނީ މިހާރު ނެރެފައެވެ.