ޓައިމް މަޖައްލާއިން ކޮންމެ އަހަރަކުވެސް ނެރެމުން އަންނަ "ޕާސަން އޮފް ދަ އިޔާ" މަޖައްލާ މިފަހަރު ނެރުމުން، ވަރަށް ގިނަ މީހުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ.
1928 ވަނަ އަހަރު މި މަޖައްލާ އެންމެ ފުރަތަމަ ނެރެން ފެށީ "މޭން އޮފް ދަ އިޔާ" ގެ ނަމުން، ފިރިހެނުންނަށް ހާއްސަކޮށެވެ. ނަމަވެސް މިހާރު އެއީ އަންހެނުން، ފިރިހެނުން އަދި ގްރޫޕްތައް ވެސް ހާއްސަކޮށް ޝާއިއުކުރަމުން އަންނަ މަޖައްލާއެކެވެ.
2023 ވަނަ އަހަރުގެ ހިތާމަވެރި ހާދިސާތަކަށް ބަލާއިރު، އެންމެ ހިތްވަރު ކޮށްގެން މަސައްކަތް ކުރާ މީހުން ކަމަށްވާ ފަލަސްތީނުގެ ރައްޔިތުންނަށް މިއަހަރު "ޕާސަން އޮފް ދަ އިޔާ" ހައްގެވެ. ފަލަސްތީނުގެ ޑޮކްޓަރުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން، އެމީހުންގެ ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން ވަމުން އަންނަ ގުރުބާނީތައް ފާހަގަކުރަން ޖެހެއެވެ.
އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގައި ފަލަސްތީނުގެ 21،000 އަށްވުރެ ގިނަ މީހުން މަރާލާފައެވެ. ޓެކްސަސްގެ ޑޮކްޓަރު އޮސައިދު އަލްސަ ގުޅިގެން ފެށި މިނިވަން މޮނިޓަރިން އިނީޝިއޭޓިވް އެއް ކަމަށްވާ ހެލްތްކެއާ ވޯކާސް ވޮޗް - ފަލަސްތީން އިން ބުނި ގޮތުގައި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އިޒްރޭލުން ގާތްގަނޑަކަށް 340 ސިއްހީ ހިދުމަތްތެރިން ޝަހީދުކޮށްލާފައިވާއިރު އޭގެ ތެރޭގައި 118 ޑޮކްޓަރުންނާއި 104 ނަރުހުން ހިމެނެއެވެ.
މިސާލަކަށް، ނޮވެމްބަރު މަހު އިޒްރޭލުން އެމީހުންގެ ގެއަށް ދިން ވައިގެ ހަމަލާއެއްގައި އަމިއްލަ ބައްޕައާއެކު މަރުވި ކުޑަ ދެ ކުދިންގެ ބައްޕަ، އުމުރުން 36 އަހަރުގެ ނެފްރޮލޮޖިސްޓް ޑރ.ހައްމާމް އަލޯހްގެ ހާދިސާއަށް ބަލާށެވެ. ޑިމޮކްރަސީ ނައު އަށް އޮކްޓޫބަރު މަހު ދެއްވި އިންޓަވިއުއެއްގައި އަލޯހް ވަނީ އިޒްރޭލުން ނެރުނު އަމުރާ އެއްގޮތަށް ޣައްޒާ ސިޓީގެ އަލް-ޝިފާ ހޮސްޕިޓަލް ދޫކޮށް، ދެކުނަށް ދިރިއުޅުން ބަދަލުކުރަން ދެކޮޅު ހެއްދެވީ ކީއްވެތޯ ކުރި ސުވާލަށް ޖަވާބު ދެއްވާފައެވެ. "މެޑިކަލް ސްކޫލްތަކަށް ގޮސް ތައުލީމް އުނގެނުމުގައި 14 އަހަރު އަހަރެން ހޭދަކުރީ ހަމައެކަނި އަހަރެންގެ ދިރިއުޅުމާ މެދު ވިސްނާކަށް ނޫން. އަހަރެން ވިސްނަން ޖެހޭ އަހަރެންގެ ޕޭޝަންޓުން ތިބޭނެ."
އަދި ފަލަސްތީނުގެ ޑޮކްޓަރުންނާއި، އާންމުންނާއި، ހޮސްޕިޓަލްތަކަށާއި އެމްބިއުލާންސްތަކަށް އަމާޒުކޮށް ބޮން އަޅާ، ހަމަލާތައް ދީ އިންސާނިއްޔަތުގެ ވިސްނުން ނައްތާލުމަށް އިޒްރޭލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ފަލަސްތީނުގެ ހޮސްޕިޓަލްތަކަށް ދިން ބޮމުގެ ހަމަލާއަށް ހިތްވަރު ދިނުމުގެ ގޮތުން އިޒްރޭލުގެ ޑޮކްޓަރުންތަކެއް ވެސް ވަނީ އަސްކަރީ ބަނދަރަށް ފުންމާލާފިއެވެ.
އިޒްރޭލުގެ އަސްކަރިއްޔާގެ ހަމަލާތަކުގެ ޝިކާރައަކަށް ފަލަސްތީނުގެ ސިއްހީ މަސައްކަތްތެރިން ވެފައި ވާއިރު، ފަލަސްތީނުގެ ހޮސްޕިޓަލްތަކަށް ވަނީ ތެލާއި ބޭހާއި އަސާސީ ސާމާނުގެ ދަތިކަމާ ވެސް ކުރިމަތިލާން ޖެހިފައެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން އަންނަނީ ފަލަސްތީނުގެ ސިއްހީ ހިދުމަތްތެރިން ރަހީނުކޮށް އަނިޔާކުރަމުންނެވެ.
ދާދި ފަހުން ވޮޝިންޓަން ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި، އިޒްރޭލުން ދިން ގިނަ ހަމަލާތަކުގައި ޣައްޒާގައި މެޑިކަލް ޓީމްތަކާ އެކު ވޮލަންޓިއާކޮށް މަސައްކަތް ކުރައްވާފައިވާ އަދި މިފަހަރު ވަށާލާފައިވާ ޣައްޒާގައި 43 ދުވަސް ހޭދަކުރެއްވި އިނގިރޭސި-ފަލަސްތީނުގެ ސާޖަން ޑރ.ޣައްސާން އަބޫ ސިތާހު ވަނީ އޭނާވެސް މާ ދުވަހު ދިރިނުހުރެދާނެ ކަމުގެ ބިރުވެރި އިހުސާސް ކުރެވެމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ޖުމްލަގޮތެއްގައި ދަންނަވާނަމަ ހީރޯއަކީ ހަމައެކަނި ޣައްޒާގެ ޑޮކްޓަރުންނެއް ނޫނެވެ.
ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ ނުރައްކާތެރި ޖަރީމާތަކަށް ހެކި ބަސް ދިނުމުން ފަލަސްތީނުގެ ނޫސްވެރިންނަށް ވެސް ވަނީ އިޒްރޭލުގެ ހަމަލާތައް އަމާޒުވެފައެވެ. ނިއުޔޯކްގެ ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ފާހަގަކޮށްފައިވާ ގޮތުގައި މި ހަނގުރާމައަކީ 1992 ވަނަ އަހަރު ސީޕީޖޭއިން ޑޭޓާ އެއްކުރަން ފެށި ފަހުން ނޫސްވެރިންނަށް ކުރިމަތިވި އެންމެ ނުރައްކާތެރި ދުވަސްތަކެވެ. އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް 69 ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ މީހުން މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ފަލަސްތީނުގެ 62 މީހަކާއި އިޒްރޭލުގެ ހަތަރު މީހަކާއި ލުބުނާނުގެ ތިން މީހެކެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ފަލަސްތީނުގެ ނޫސްވެރިޔާ އާޔަތު ހަދުރާ ޣައްޒާގެ އުތުރުގައި ހުންނަ އޭނާގެ ގެއަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވީ - "ދުނިޔެއަށް އެންމެ ފަހު މެސެޖެއް" ހިއްސާކުރިތާ ދެ ހަފުތާ ފަހުންނެވެ.
ސީޕީޖޭއިން ލިޔެފައިވާ އެހެން ނުރައްކާތެރި ހާދިސާއަކަށް ބަލާއިރު ފަލަސްތީނުގެ ނޫސްވެރިޔާ މުހައްމަދު އަބޫ ހަސީރާ ވަނީ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު އާއިލާގެ 42 މީހުންނާ އެކު ޣައްޒާގައި ހުންނަ އޭނާގެ ގެއަށް ދިން ހަމަލާއެއްގައި ޝަހީދުވެފައެވެ. އެހެންނަމަވެސް، ހުޅަނގުގެ ކޯޕަރޭޓް މީޑިއާގައި، ނޫސްވެރިންނާއި އެމީހުންގެ އާއިލާތަކަށް ދެމުން އަންނަ ހަމަލާތަކަކީ މުހިންމު ހަބަރުތަކަށް ވެގެންދާތަނެއް ނުފެއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އަލްޖަޒީރާ އަރަބި ކެމެރާމަން ސަމީރު އަބޫދާކާ ޣައްޒާގެ ދެކުނުގައި އިޒްރޭލުން ދިން ހަމަލާއެއްގައި ޝަހީދުވި އިރު، އިޒްރޭލު ސިފައިން އެމްބިއުލާންސްތައް ފަސް ގަޑިއިރަށް ވުރެ ގިނައިރު ވަންދެން ހިފެހެއްޓުމުން، އޭނާއަށް ސިއްހީ ފަރުވާ ނުލިބި ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން އަބޫދާކާގެ އެކުވެރިޔާ އަލްޖަޒީރާގެ ބިއުރޯ ޗީފް ވައިލް ދަހުދުހު ވެސް ޒަހަމްވި އިރު، މިދިޔަ އޮކްޓޯބަރު މަހު އިޒްރޭލުން ދިން ހަމަލާއެއްގައި އޭނާގެ އަނބިކަނބަލުންނާއި އޭނާގެ ދަރިންނާއި ކާފަ ދަރިންނާއި އާއިލާގެ ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ.
ބުނަން ނޭނގޭ ވަރުގެ ހިތާމައެއް ލިބުނު ނަމަވެސް ދަހުދު އަންނަނީ ރިޕޯޓް ކުރަމުންނެވެ.
ޓައިމް މަޖައްލާއިން ވަނީ އެމެރިކާގެ ބިލިއަނަރު ލަވަލިޔުންތެރިޔާ އަދި ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް 2023 ވަނަ އަހަރުގެ "ޕާސަން އޮފް ދަ އިޔާ" ގެ ގޮތުގައި ހޮވާފައެވެ. ޓައިމް ލިޔުމުގައިވާ ގޮތުން ޓޭލާއަކީ ހަގީގަތުގައި "ދުނިޔޭގެ މައި ކެރެކްޓާ" އެވެ. މީގެ ކުރިން މި ޝަރަފު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެޑޮލްފް ހިޓްލަރ، ޑޮނަލްޑް ޓްރަމްޕް، ޖޯ ބައިޑަން-ކަމަލާ ހެރިސްގެ ޖޯޑު އަދި އެލޮން މަސްކް ހިމެނެއެވެ.
ޓޭލާ އަކީ ހަގީގަތުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ބަތަލާއަކަށް ވިޔަސް، ހަގީގީ ދުނިޔޭގެ ހީރޯންނަށް އިތުރު ކްރެޑިޓް ދީފައި ނުވުމުން ޓައިމް މަޖައްލާއަށް އާންމުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އަދި 2023 ވަނަ އަހަރު ފަލަސްތީނުގައި ހިނގަމުން އަންނަ ގަތުލުއާންމުތަކަށް ނިމުމެއް ނާންނަ ނަމަވެސް، އެ ރައްޔިތުން ގައުމާއި ދީނަށްޓަކާ ވަމުން އަންނަ ގުރުބާނީއަކީ "ޕާސަން އޮފް ދަ އިޔާ" އެމީހުންނަށް ހައްގު ސަބަބެކެވެ.