ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދިވެހި ތަރިން އިސްނަގައިގެން ހިންގާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން އޮލިމްޕަހާއި ޝުވެކް ސިނަމާގައި ދިވެހި ފިލްމު ފެސްޓިވަލެއް ބާއްވަން ނިންމައިފި އެވެ.

"އިންސާނިއްޔަތަށް ޓަކައިި" ނަމުގައި ފަލަސްތީނަށް އެހީތެރިވުމަށްޓަކައި ދިވެހި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަންނާނުންވެގެން ކުޑަކުދިންގެ ހަވީރެއްވެސް ވަނީ އިއްޔެ ބާއްވާފައެވެ. އޭގެ އިތުރުން ޖަމްބަލް ސޭލް އާއި ފަންޑު ފޮށި ވެސް ވަނީ މާލޭގެ އެކި ހިސާބުތަކުގައި ބަހައްޓާފައެވެ. މި އިވެންޓުތަކުން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނަށް ހަދިޔާކުރަން ނިންމާފައިވާއިރު ތަރިންގެ ބޮޑު އިވެންޓް ހަފްތާއެއްހާ ދުވަހަށް ދެމިގެންދާނެއެވެ. އެގޮތުން ދިވެހި ފިލްމީ ތަރިން އިސްނަގައިގެން ކުރިން ރިލީޒްކޮށްފައިވާ ފިލްމުތަކެއް އޮލިމްޕަހުގައި އަޅުވަން ވަނީ ނިންމާފައެވެ. ހަމައެއާއެކު ބައިސްކޯފުން އިސްނަގައިގެން ހުޅުމާލޭ އަދި މާލޭ ޝްވެކް ސިނަމާގައި ވެސް މި ފިލްމުތައް އަޅުވަން ވަނީ ނިންމާފައެވެ. މި ފިލްމު ފެސްޓިވަލުގައި އަޅުވާނެ ދިވެހި ފިލްމުތަކަކީ "ފަތިސްހަނދުވަރު"، "ޔޫސުފް"، "ދިލަކަނި"، "ހެހެސް"، "އަމާނާތް"، "އިނގިލި"، "އުދަބާނީ"، "ބަވަތި" އަދި "ވާށޭ މަށާ އެކީ" އެވެ. ފިލްމެއްގެ ޓިކެޓް 100 ރުފިޔާ އަށް އުޅޭއިރު ފިލްމު ފެސްޓިވަލުން ލިބޭ ފައިސާ ވެސް ފަލަސްތީނަށް ހަދިޔާކުރަން ވަނީ ނިންމާފައެވެ.

ޝްވެކް ސިނަމާގައި ހަތަރު ފިލްމެއް ދައްކަން ނިންމާފައިވާއިރު އެ ސިނަމާގައި ދައްކާނެ ފިލްމުތަކަކީ "މާމުއި"، "ވިޝްކާ"، "ނިވައިރޯޅި" އަދި "ބޮސް" އެވެ. މި ފިލްމުތައް ހުޅުމާލެ އަދި މާލޭގައި ހުންނަ ޝްވެކް ސިނަމާގައި އަޅުވަން ވަނީ ނިންމާފައެވެ. އެމްއެފްއޭ އިން އިސްނަގައިގެން ފަލަސްތީނަށް އެހީ ހޯދުމަށް މާލޭގައި ގިނަ ހަރަކާތްތަކެއް ބާއްވަން ވަނީ ނިންމައިފަ އެވެ. އެ އެސޯސިއޭޝަނުންވަނީ މާލޭ ކައިރީ ރަށްތަކުގައި ވެސް އެކި އިވެންޓުތައް ބާއްވާފައެވެ. ނިމިދިޔަ ބަންދު ހަފްތާގައި މާލޭގައި މި އިވެންޓުތައް ބޭއްވުނުއިރު ހުޅުމާލޭގައި ވެސް އިވެންޓެއް ބޭއްވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ބެލެވޭ ގޮތުގައި އަންނަ ހަފްތާގައި ހުޅުމާލޭގައި ތަރިންގެ އިވެންޓު ބާއްވާނެއެވެ.

ތަރިންގެ ފެސްޓިވަލެއް މިހާރު ބާއްވަމުން އަންނައިރު ދިވެހި ފިލްމު އިންޑަސްޓްރީގެ ރާނީ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް ގެނެސްދިން ފިލްމު "ކަޅަކި" ގެ އެއް ޝޯއިން ލިބުނު ފައިސާ ފަލަސްތީނަށް ހަދިޔާ ކުރަން ވަނީ ނިންމާފައެވެ. އެ ފައިސާ ހަވާލުކުރާނީ ތަރިންގެ އިވެންޓު ބޭއްވުމަށްފަހު، އެ އިވެންޓުން ލިބުނު ރުފިޔާ އާއެކުގައެވެ.