އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ހުކުމް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދުން ރަށު ބަންދަށް ބަދަލު ކޮށްފިއެވެ.
މި ލުއި އެމަނިކުފާނަށް ދެއްވާފައި ވަނީ މީގެ 15 ވަރަކަށް ދުވަސް ކުރިން ރައީސް ޔާމީން އަމިއްލަފުޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ވާހަކަފުޅު ދައްކަވާ ކުރެއްވި އިލްތިމާސް އަށް ފަހުގައި ކަމަށް ރައީސް ޔާމީންގެ ރަސްމީ ޓީވީ ޗެނަލް، ޗެނަލް 13 އިން ވަނީ ބުނެފައެވެ.
މި ހަބަރު ކަށަވަރު ކުރުމަށް ރައީސް ޔާމީންގެ ލޯޔަރުންނާއި ރައީސް އޮފީހުގެ ތަރުޖަމާން އަށް ގުޅިނަމަވެސް އެއްވެސް ފަރާތަކުން ފޯނަށް ޖަވާބު ދީފައި ނުވާކަން ފާހަގަ ކުރަމެވެ.
ނަމަވެސް ކަރެކްޝަންސް އިން ބުނީ، ކަރެކްޝަންސް އަށް އެންގުމަށް ފަހު މެޑިކަލް ކަންކަމަށް ގެއިން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދީފައި ވާ ކަމަށެވެ.
ރައީސް ޔާމީނަށް މި ލިބިވަޑައިގެންނެވި ލުޔާ އެކު މާލެ ސަރަހައްދުގައި ހިމެނޭ މާލެ ވިލިމާލެ އަދި ހުޅުމާލެއަށް އެމަނިކުފާނަށް ވަޑައިގެންނެވޭނެއެވެ. އަދި އާންމު ރައްޔިތުންނާ ބައްދަލުކުރުމުގެ އިތުރުން ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުސަތު ވެސް ލިބިވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް ޔާމީން މާލެ ބަންދަށް [ރަށު ބަންދަށް] ބަދަލު ކޮށްފައި ވާ އިރު، އަންނަ މަހުގެ 6 ގައި، މިހާރު ކުރިއަށް ދާ މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.