އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާއާއެކު އަސީރު ކުރި 250 މީހުންގެ ތެރެއިން 4 މީހަކު ދޫކޮށްލާފައި ވީ ނަމަވެސް ހަމަލާތައް ހުއްޓާނުލަނީސް ދެން އެކަކުވެސް ދޫނުކުރާނެ ކަމަށް ހަމާސް އިން ބުނެފިއެވެ.

ހަމާސްގެ ބައެއް އޮފިޝަލުން މިހާރު ރަޝިއާއަށް ގޮސް އުޅޭ ދަތުގައި އެގައުމުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާ ބައްދަލުކޮށް ހަމާސް އިން އެހެން ބުނެފައި ވާ އިރު، ހަމާސްގެ އޮފިޝަލުން ރަޝިއާ އަށް ގެންދިޔަ މައްސަލައިގައި އެމެރިކާ އާއި އިޒްރޭލުން ވަނީ ރުޅިގަދަވެފައެވެ.

ރަޝިއާއިން ބުނީ، އިޒްރޭލް- ހަމާސް ހަމަނުޖެހުމުގެ މައްސަލަ ހައްލުކުރަން ހުރިހާ ފަރާތަކާ ވާހަކަ ދެއްކުން މުހިންމު ކަމަށާއި ރަޝިއާއިން ގަބޫލު ކުރާ ހަމައަކީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުން ކަމަށެވެ.

ރަޝިއާ އަށް ގޮސް އުޅޭ ހަމާސްގެ އޮފިޝަލުންގެ މައުލޫމާތު ސާފު ނުވި ނަމަވެސް އެ ޖަމާއަތުން ރަޝިއާ އަށް ދިޔައީ، ގާޒާއިން ބޭރަށް ހަނގުރާމަ ފުޅާވެދާނެ ފަދަ ހާލަތެއް މިހާރު ކުރިމަތިވެފައި ވާ އިރު، ފަލަސްތީނާ އިންވެގެން އޮންނަ ސީރިއާ އަކި ރަޝިއާގެ ފައުޖުތައް ހަރަކާތްެރިވާ ތަނަކަށް ވާތީ ލިބިދާނެ މަދަދެއް އޮތްތޯ ބެލުން ކަމަށް މުރާސިލުން ބުނެއެވެ.

ރަޝިއާ އިން ބުނީ، ސީރިއާގައި ހުރި އީރާން އާއި ސީރިއާގެ އަސްކަރީ ސާމާނު ރައްކާކޮށްފައި ހުރި ދެ ގުދަނަކަށް ރޭ އެމެރިކާއިން މިސައިލް ހަމަލާ ދީ ގޮއްވާލާފައި ވާ ކަމަށާއި އެއީ ވަރަށް ނުރައްކާތެރި މައްސަލައެއް ކަމަށެވެ. އަދި އެމެރިކާއިން މަސައްކަތް ކުރަނީ ހަނގުރާމަ ފަލަސްތީނުން ބޭރަށް ގެންދަން ކަމުގއި ތުހުމަތުވެސް ރަޝިއާއިން ވަނީ ކޮށްފައެވެ.

ސީރިއާއަށް ދިން ހަމަލާ ދިފާއު ކޮށް އެމެރިކާގެ ދިފައީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވީ، އެއީ އީރާގުގައި ތިބޭ އެމެރިކާ ސިފައިންނަށް އަމާޒު ކޮށް ދިން ޑްރޯން ހަމަލާގެ ބަދަލު ހިފުމުގެ ހަމަލާއެއް ކަމަށާއި އެއީ އީރާނުގެ ރެވެލިއުޝަނަރީ ގާޑުން ބޭނުން ކުރާ ހަތިޔާރު ގުދަންތަކެއް ކަމަށެވެ. އެމެރިކާއިން ތުހުމަތު ކުރަނީ އީރާގުގައި އޮންނަ އެމެރިކާ ބޭސް އަށް ހަމަލާ ދިނީ އީރާނުގެ ރޭވުމަކުން ކަމަށެވެ. ނަމަވެސް އެ ހަމަލާ ދީފައި ވަނީ އީރާގުގައި ހަރަކާތްތެރިވާ ޖަމާއަތްތަކުން ކަމަށް ވާ އިރު އީރާގުގެ ގިނަ އަދަދެއްގެ ޒުވާނުން އެމެރިކާ ބޭސް ތެރެއަށް ވަންނަންވެސް މަސައްކަތް ކޮށްފައި ވެއެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން

އިތުރަށް އެމެރިކާއިން ބުނީ، އެއީ އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކާ ގުޅުން ހުރި ކަމެއް ނޫން ކަމަށާއި އެއީ އެމެރިކާގެ އަމިއްލަ ދިފާއުގައި ދިން ހަމަލާތަކެއް ކަމަށެވެ.

އެމެރިކާއިން ބުނަނީ އޮކްތޯބަރު 7، 2023 ގެ ހަމަލާތައް ފެށުނު ފަހުން އެމެރިކާ އާއި ކޯލިޝަން ގައުމުތަކުން ސީރިއާ އަދި އީރާގުގައި ގާއިމުވެ ތިބޭ ބޭސްތަކަށް އަމާޒު ކޮށް 12 ފަހަރު ހަމަލާ ދީފައި ވާ ކަމަށާއި އެ ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 21 މީހަކަށް އެކިވަރުގެ އަނިޔާވެފައި ވާ ކަމަށެވެ.

"އީރާނުން ސްޕޮންސާ ކޮށްގެން ދޭ މި ހަމަލާތައް ބަލައެއް ނުގަންނަން، ހުއްޓުވާނަން، ކޮންހެންވެސް ހުއްޓުވަން ޖެހޭ"
ލޮއިޑް އޮސްޓިން

އެމެރިކާގެ ރައީސް ޖޯ ބައިޑަންވެސް ވެސް ވަނީ އީރާނަށް އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ އެމެރިކާގެ މަގާމުތަކާއި ސިފައިންނަށް އަމާޒުކޮށް ހަމަލާ ދިނުމަކީ މަސްރަހު ގޯސްވާނެ ކަމެއް ކަމަށާއި އެފަދަ ކަމެއް ނުކުރުމަށެވެ.

ޔަހޫދީ އިޒްރޭލުން ގާޒާއަށް ބޮން އަޅާ ހިންގާ ލާއިންސާނި އުދުވާން ހުއްޓުވުމަށް އދ ގެ އާންމު މަޖިލީހުގައި ކުރިއަށް ދާ ޖަލްސާގައި އިއްރޭލުގެ އެމްބެސެޑަރާއި އެމެރިކާގެ އެމްބެސެޑަރުން އީރާނަށް އިންޒާރު ދީ، އީރާނުގެ ރައީސް އާޔަތުﷲ އަލީ ހާމަނާއީގެ އަތްޕުޅު ވަނީ ޔަހޫދީންގެ ލެއިން ތަތްތެޅިފައި ކަމަށާއި އޭނާގެ 'ދުވަސް ދުއްވާލަން' ޖެހެ ކަމަށް ބުނެފައެވެ.

މީގެ ކުރިންވެސް ޔަހޫދީ ލީޑަރުން އެންމެ ރުޅިއަޅާ އަދި ނައްތާލަން ގޮވާލައި 'ބޮޑު ހަރުފައިގެ ބޯ ކަނޑާލާނެ' ކަމަށް ބުނެ އާޔަތުﷲ އަށް އަމާޒުކޮށް ހަރުބަސްތައް ބުނެފައި ވެއެވެ.

"އީރާނުން ސްޕޮންސާ ކޮށްފައި ވާ ޖަމާއަތްތަކުން އެމެރިކާގެ މަގާމުތަކަށް އިތުރަށް ހަމަލާ ދީފިނަމަ، އިތުރު ފިޔަވަޅު އަޅަން އެމެރިކާ ފަހެއް ނުޖެހެނޭ"
ލޮއިޑް އޮސްޓިން

އީރާނަށް އިންޒަރު ދެއްވަމުން އެމެރިކާގެ ދިފާއީ ވަޒީރު އޮސްޓިން ވިދާޅުވިއެވެ.

ރޭ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އީރާނުގެ ހާރިޖީ ވަޒީރު ހޮސައިން އަމިރުއަބްދުﷲހައިން ވިދާޅުވީ، މިހާރު ހިނގަމުންދާ ހަނގުރާމަ މެދުއިރުމައްޗަށް ފުޅާކޮށްފިނަމަ ވޮޝިންޓަން [އެމެރިކާ] ވެސް ދޫނުކުރާނެ ކަމަށެވެ.

އެމެރިކާއިން މިހާރު ވަނީ މާސިންގާ އަސްކަރީ މަނަރުތަކާއެކު 900 އަށް ވުރެ ސިފައިން މެޑިޓެރޭނިއަން ކަނޑާއި ގަތަރާއި އީރާގަށް ފޮނުވާފައެވެ.

އެމެރިކާއިން ގާޒާ ހަނގުރާމަތެރެއަށް ނުވަންނަ ކަމަށް ބުނާ އިރު އިޒްރޭލުގެ ހަނގުރާމަ ވިލަރެސް ކޮށްދިނުމުގައި އެމެރިކާގެ އެކްސްޕާޓުން ހަރަކާތްތެރި ވެއެވެ. އިޒްރޭލުން ގާޒާއަށް އޮއްސަމުން ގެންދާ ބޮންތަކަކީ އެމެރިކާގެ އުފެއްދުމެވެ. އިޒްރޭލުގެ އެއްގަމުގެ ފައުޖާއެކު އެމެރިކާގެ 30،000 ސިފައިން ހަރަކާތެރިވަމުން ދެއެވެ.