ހެއްކެއް ގަރީނާއެއް ނެތި ބަޔަކު ބަދުނާމު ކުރުމުގެ ނުބައި ނިޔަތުގައި ކުރާ ކަންކަމަކީ އެމީހާ ނަރަކަވަންތަ ވެރިއަކަށް ވުމަށް ފުދި އިތުރުވާނެ އަމަލުތަކެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުކުރު ހުތުބާގައި ބުނީ ހިތްތިރި، މުއާމަލާތު ކުރުުން ރިވެތި އަދި މީސްތަކުންނަށް އެމީހުންގެ ކަންތައްތައް ލުއިކޮށްދޭ މުއުމިނުންނަށް، މާތް ﷲ ނަރަކަ ހަރާމް ކުރައްވާފައިވާ ކަމަށެވެ. އަދި މީސްތަކުންގެ ލޯބިން މަހްރޫމުވެފައިވާ މީހަކީ ނުވަތަ މީސްތަކުންނާއެކު ސުލްހަ މަސަލަސްކަން މަތީ ދިިރިއުޅެން ނޭނގޭ މީހާކައަކީ ހެވާލާބައިން މަހްރޫމުވެފައިވާ މީހެއް ކަމަށެވެ.

މީހުންނާ އެކުވެރި ނުވާ މީހެއްގެ ކިބައިގައި ހެޔޮކަމެއް ނެތް ކަމަށާއި ސުލްހަވެރި އަމާން ދިރިއުޅުމެއް އުޅެން ބޭނުންވާ މީހާ މީސްތަކުންނަށް، ހެޔޮ ފޯރުވާން ޖެހޭނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި މީހުންގެ ފުށުން ފެންނަ އިހުމާލުތަކަށް ކެތްތެރިވެ، އައިބުތައް ވަންހަނާ ކުރުމުގެ އިތުރުން އެމީހުންގެ ކުށްހޯދައި ބޭޒާރު ނުކުރުމަށް ވެސް ހުތުބާގައި ވަނީ ގޮވާލާފައެވެ.

މުއުމިނުންނަކީ ބަސްމަގު ރިވެތި، ހިތްސާފު މީހުން ކަމަށާއި ވާހަކަ ދައްކާއިރު އެކުވެރިކަން ދެމެހެއްޓޭގޮތަށް ރިވެތި ބަހުން އެންމެ ރަނގަޅު އުސްލޫބުތައް ބޭނުންކޮށްގެން ވާހަކަ ދެއްކުމަށް ހުތުބާގައި ނަސޭހަތްތެރި ވެފައި ވެއެވެ. ހަމައެއާއެކު ދަރިންނަށް ރިވެތި ބަސްމަގު ދަސްވާނީ އާއިލާގެ ތެރޭގައި ރިވެތި ބަހުން ވާހަކަ ދައްކާ ޒުވާބު ކުރުމާއި ނެތިމޮށުން ފަދަ ދުލުގެ އާފާތްތަކުން ރައްކާތެރި ވެގެން ކަން ވެސް ހުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.

އިސްލާމް ދީނަކީ ބިނާކުރުމުގެ ދީންކަން ފާހަގަކޮށް ހުތުބާގައި ބުނީ އިސްލާމް ދީން ގޮވާލަނީ އިންސާނާ އަދި ވަތަން ބިނާ ކުރުމަށް ކަމަށެވެ. އެހެންކަމުން ތަޅައި ފޮޅުމާއި، އަރާރުން ވުމާއި، އެކަކު އަނެކަކަށް ފުރަގަސް ދިނުން އިސްލާމް ދީންގައި މަނާކޮށްފައިވާ ކަމަށާއި ގައުމު ކުރިއަށް ގޮސް ތަރައްގީއާ ތަހުޒީބުގެ މައިދާނުގައި ކުރި ހޯދޭނީ ރައްޔިތުން އެކަތިގަނޑަކަށްވެ، ރައްޔިތުންގެ މެދުގައިވާ ގުޅުންތައް ހަރުދަނާ ކޮށްގެން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާގައި އިތުރަށް ބުނީ އެކަކު އަނެކަކާ މުއާމަލާތް ކުރަންޖެހޭނީ އިންސާފުވެރިކަމާއެކުގައި ކަމަށެވެ. އަދި މައްސަލައެއްގައި މީހަކު ނިޔާވެރިއަކަށް ވެއްޖެނަމަ އަދްލުވެރި ވާންޖެހޭނެ ކަމަށާއި ވަކި މީހަކަށް ބަލައި ވަކި އަތަކަށް ޖެހިގެން ނުވާނެ ކަމަށެވެ.

މީގެއިތުރުން މުއާމަލާތް ކުރާއިރު އެހެން މީހުންގެ ރައުޔާއި ހިޔާލަށް އިހްތިރާމު ކުރުމަށާއި އިސްލާމީ ޝަރީއަތް ހުއްދަކުރާ މިންގަނޑުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިފެހެއްޓުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. އެގޮތުން މުއައްސަސާތަކުގެ އިސްވެރިން އެ ތަނުގެ އެންމެންގެ ހިޔާލަށް އިހްތިރާމު ކުރުމަށް ހުތުބާގައި ގޮވާލާފައިވެއެވެ.

މުއާމަލާތް ކުރުމުގައި އަހްލާގީ މިންގަނޑުތަކަށް ތަބާވުމަށް އިސްލާމްދީނުގައި ގޮވާލާފައި ވާއިރު މީހުންލައްވާ މަސައްކަތް ކުރާ މީހުން ވެސް އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި ދޭދޭ އަފްރާދުންގެ މެދުގައި ކުރެވޭ މުއާމަލާތައް ރަނގަޅު ނުކޮށް އާހިރަތް ބާއްޖަވެރި ނުވާނެ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާގައި މީސްތަކުންނާ މުއާމަލާތްކުރާއިރު އިސްލާމީ ޝަރީއަތް ހުއްދަ ކުރާ މިންގަނޑުގައި ހިފެހެއްޓުމަށް ގޮވާލާފައިވާއިރު އީމާންކަން ފުރިހަމަވާނީ އަމިއްލަ ނަފްސުދެކެ ލޯބިވާ ވަރަށް މީސްތަކުންދެކެ ލޯބިވުމުން ކަމަށް ވެސް ބުނެއެވެ.