ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމަށްް ކުރާ މަސައްކަތުގައި ފަހަތަށް ޖެހުމެއް ނެތް ކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
ނިޔާޒު މިފަދައިން ވިދާޅުވެފައި މިވަނީ ރައީސް ނަޝީދު މަގާމުން ވަކި ކުރަން އުޅެގެން ވެސް އެމްޑީޕީ ބަލިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވުމާ ގުޅިގެންނެވެ.
ނިޔާޒު ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޖަލްސާގެ ރިޔާސަތަށް ވަޑައިނުގަތުން ނުވަތަ ޖަލްސާގެ ނިޒާމު ގެއްލުވާލުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް އެ 2 ކަމަށް ވެސް އެމްޑީޕީގައި ހައްލު އެބައޮތް ކަމަށާއި އަދި ފަހަތަށް ޖެހުމެއް ނެތް ކަމަށެވެ.
ރޭ ޑިމޮކްރެޓްސްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ މައްސަލަ އެމްޑީޕީއިން ބޭނުންވާ ގޮތަށް ނިންމުމަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެމްޑީޕީ ދަނީ އަނެއްކާވެސް ބޮޑުތަނުން ބަލިވާން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކޮށްފައި ވާއިރު ނައިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ އެ ޖަލްސާ ބޭއްވޭނެ ކަމާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. މިކަމާ ގުޅިގެން "ދަ ޕްރެސް" އިން ސުވާލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، ޖަލްސާ ނުބޭއްވޭނެ ކަމަށް ވިދާޅުވެ އީވާ ވަކި އެއްޗެއް ނާންގަވާ ކަމަށާއި، އެހެންކަމުން ޖަލްސާ އޮތީ އެޖެންޑާ ކުރެވިފައިވާ ގޮތަށް ކުރިއަށް ދާ ގޮތަށް ކަމަށެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސެވެ. އެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގައި އެހެން މައްސަލައެއް ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށްފަހުގައެވެ.
ތަކުރާރުކޮށް މަޖިލީހުގެ ގަވައިދުތަކާ ނަޝީދު ހިލާފުވެވަޑައިގަންނަވަމުންދާ ކަމަށް ވިދާޅުވެ، އެމްޑީޕީއިން އެމަނިކުފާނު ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންދިއުމަށް ފަހު، އަލުން އެ މައްސަލަ ހުށަހަޅާފައި ވަނީ 49 މެންބަރުންގެ ސޮޔާ އެކުގައެވެ.