އޮކްޓޯބަރު 7، 2023 އިން ފެށިގެން ގާޒާއަށް ހުއްޓުމެއް ނެތި ބޮން އަޅާ މުޅި ތަން ސުންނާފަތި ކުރަމުން، އިރު އޮއްސުނު ގަޑީގައި އިޒްރޭލުގެ ޓޭންކްތައް ގާޒާއަށް ވަދެއްޖެއެވެ.

އާންމުވެފައިވާ ސެޓެލައިޓް ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، ގާޒާގެ އިމުގައި ގާއިމުވެ ތިބި އިޒްރޭލުގެ ފައުޖުތަކުން 20 އަކަށް ޓޭންކަރު ވަނީ ގާޒާއަށް ވަދެފައެވެ. ގާޒާއަށް އިޒްރޭލުން ވަނީ ގާޒާ ވަކިކޮށްލަން އިޒުރޭލުން ހަދާފައި ވާ ބޮޑުފާރުގެ ބައެއް ވައްޓާލައި މަގު އެއްވަރު ކުރާ އުޅަނދަކުން [ބުލްޑޯޒަރަކުން] މަގު އެއްވަރު ކުރުމަށް ފަހުއެވެ.

މި އޮރަޕޭޝަންގައި ގާޒާގެ މާ އެތެރެއަށް ނުވަދެ އިދުކޮޅެއް ކޮށްލުމަށް ފަހު ޔަހޫދީން ވަނީ ފައިބާފައެވެ.

މުރާސިލުން ބުނާގޮތުގައި، މިއީ ފުޅާދާއިރާއެއްގައި އެއްގަމު މަގުން އޮޕަރޭޝަން ފެށުމުގެ ކުރިން މަގު ސާފުކޮށްލައި ހަމަޖައްސާލުމަށް ހިންގި ރިހާސަލެކެވެ.

ހުއްޓުމެއް ނެތި ގާޒާގެ ރައްޔިތުންގެ ބޮލަށް ބޮން އަޅަައި 7000 މީހުން މިހާރުވެސް ޝަހީދުކޮށްލާފައި ވާ އިރު ޔަހޫދީ ބޮޑުވަޒީރު މިއަދު ބުނެފައި ވަނީ ކޮންމެ ވަގުތަކުވެސް އެއްގަމު މަގުން އަރާފާނެ ކަމަށާއި ދެން އޮތީ އެ މަރުހަލާ ކަމަށެވެ.

މި އޮަޕަރޭޝަންގައި ފާރު ވައްޓާލައި އެތެރެއަށް ވަން ބައެއް ޓޭންކަރު ތަކުން އައްސޭރި ފަށުގައި މިހާރު ފަޅަށް ހުރި ބައެއް އިމާރާތްތަކަށް ބޮޑުބަޑީގެ ހަމަލާ ވެސް ވަނީ ދީފައެވެ.

ގަޒާ ބޯޑަރުގައި ތިބެ ޔަހޫދީން ގާޒާއަށް ހަމަލާ ދެނީ

އިޒްރޭލުގެ އަސްކަރިއްޔާ [އައިޑީއެފް] އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއީ އެއްގަމު މަގުން އަރައިގަތުމަށް ތައްޔާރު ވުމުގެ ގޮތުން ހިންގި އޮޕަރޭޝަނެއް ކަމަށާއި ހުރިހާ ފައުޖުތައް މިހާރު ތިބީ ތައްޔާރީ ހާލަތުގައި ކަމަަށެވެ.

މީގެ ކުރިންވެސް ޔަހުދީ ސިފައިން ބޯޑަރު ހުރަސް ކޮށް ގާޒާއަށް ވަދެފައި ވެއެވެ. ނަމަވެސް މިއީ އެއްގަމުން ޓޭންކަރާއި ބަރުހަތިޔާރާއެކު މިފަދަ އޮޕަރޭޝަނެއް ހިންގާ ފުރަތަމަ ފަހަރެވެ.

އިޒްރޭލުން ބުނަނީ އެއްގަމު މަގުން އަރަނީ ވަކި އަމާޒެއް އޮވެ ވަކިވަކި ތަންތަނަށް ހަމަލާ ދީ ހަމާސްގެ ދުވަސް ދުއްވާލުމަށް ކަމަށެވެ. އިޒްރޭލުން އެހެން ބުނާ އިރު ބޮން އަޅާތާ 3 ހަފްތާ ވީއިރު ގާޒާ މިހާރު ފެންނަނީ އަނދާ އަޅިއަށް ވެފައި އޮތް ސަހަރާއެއް ގޮތަށެވެ. އާންމުން ދިރިއުޅޭ އިމާރާތްތަކަށް ބޮން އަޅާ އެތައް ހާސް ފުރާނައެއް ދުއްވާލާފައި ވާ އިރު އަދިވެސް ބުނަނީ އެއީ ހަމާސް ކަމަށެވެ. އަދި އާންމުން ޝަހީދު ވަނީ، ގެދޮރު ދޫކޮށް ދާން އެންގުމުން ނުގޮސް ތިބުމުން ކަމަށާއި، އެގޮތަށް ނުގޮސް ތިބި އެންމެންނަކީ ހަމާސްއަށް ވާގިވެރިވާ މީހުން ކަމަށް ބަލާނެކަމަށް ވެސް ބުނެފައި ވެއެވެ.

އިޒްރޭލުގެ ހަމަލާތައް ވިލަރެސް ކޮށްދޭން އެމެރިކާގެ އެކްސްޕާޓުން އިޒްރޭލުގައި ހަރަކާތްތެރި ވާއިރު ގާޒާއަށް އެއްގަމު މަގުން އަރާ އޮޕަރޭޝަންވެސް ހިންގަމުން ގެންދަނީ ސީދާ އެމެރިކާ ސިފައިންގެ ބެލުމުގެ ދަށުންނެވެ. ހަބަރުތައް ބުނާގޮތުން އެ އޮޕަރޭޝަންގައި އިޒްރޭލު ސިފައިންނާ އެކު އެމެރިކާގެ 30،000 ސިފައިން ހަރަކާތްތެރިވަމުން އެބަ ގެންދެއެވެ. ގާޒާއަަށް އަރައިގަތުމުގެ މި އޮޕަރޭޝަންގެ ސިފަތަކަށް ބަލައި އަސްކަރީ މާހިރުން ބުނެފައި ވަނީ، އެކަން އެކުރަނީ އެމެރިކާއިން އީރާގަށް އެރި އިރުވެސް އަމަލު ކުރި ގޮތަށް ކަމަށާއި ގެންގުޅެނީ އެ ޓެކްނިކްތައް ކަމަށެވެ. އެއީ، އަރައިގަނެ ހަމަލާދީ މަޑުނުކޮށް ފަހަތަށް ޖެހުމެވެ. ނުވަތަ ފޭބުމެވެ. އަނެއްކާ އެތެރެއަށް ވަދެ ހަމަލާ ދީ ފަހަތަށް ޖެހުމެވެ.

އިޒްރޭލުން ގާޒާއަށް އަރައިގަންނަ އޮޕަރޭޝަން ފެށުމަށް 'ގޯ' [ކޮމާންޑް ދިނުން] ދޭ އިރަށް އަރައިގަންނަން ހުރިހާ ކަމެއް ރެޑީކޮށްފައި ވާ އިރު އިޒްރޭލުގެ އަސްކަރިއްޔާގެ ބާރުވެސް ވަނީ ގަދަ ކޮށްފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާގެ ބާރު؛

  • ސިފައިން: 169،500
  • ރިޒާވް ސިފައިން: 465،000
  • ޓޭންކަރު: 2200
  • ބޮޑުބަޑި: 530

ވައިގެ ބާރަށް ބަލާއިރު؛

  • އެފް16: 196 ބޯޓު
  • އެފް15: 83 ބޯޓު
  • އެފް35: 30 ބޯޓު
  • ހެލިކޮޕްޓަރު: 142 މީގެ ތެރޭގައި އެޕާޗޭ ހެލިކޮޕްޓަރުގެ 43 އުޅަނދު ހިމެނޭ
  • އަސްކަރީ މަނަވަރު: 49
  • ސަބްމެރީން: 5

އިޒްރޭލުގެ ލޯ ހުރީ ހަމައެކަނި ގާޒާއަށް ކަމުގައި ނުވާ އިރު ފަލަސްތީންގެ ހުޅަނގު އައްސޭރިއަަށް ހަމަލާދީ ހިންގާ އޮޕަރޭޝަންގައި މިހާތަނަށް 1200 މީހަކު ވަނީ ހައްޔަރު ކޮށްގެން ގެންގޮސް އިޒްރޭލުގެ ޖަލުތަކަށް ލައިފައެވެ.

އަނެއްކޮޅުން ލުބުނާނުގެ ބޯޑަރުގައި ތިބި ހިޒްބުއްލޯގެ މަގާމުތަކަށް ވެސް ދަނީ ހަމަލާ ދެމުންނެވެ. މީގެ އިތުރުން އިންވެގެން އޮންނަ ސީރިއާގެ މަގާމުތަކަށް ވެސް ހަމަލާ އެބަދެއެވެ.