ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ގައި މަސައްކަތް ކުރި މުވައްޒަފެއްގެ މައްޗަށް ހިޔާނާތުގެ ތުހުމަތުގައި ކުރި ދައުވާއެއް ސާބިތު ނުވާކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި ކުށުގެ ދައުވާ އުފުލާފައި ވަނީ ކ. މާލެ މ. މޫސިރު / މޫސާ ޔާސިރުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ މޫސާ ޔާސިރު އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް ހިންގުމާ ހަވާލުވެ ހުރި ދުވަސްވަރު 2008 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 19 ވަނަ ދުވަހު، ބިލަކަށް ފައިސާ ނުލިބެނީސް އެބިލަށް ފައިސާ ލިބުނުކަމުގެ ނިޝާން ޖަހަން އަންގައި އެ ބިލަށް މުދާ ދޫކޮށްފައިވާ ކަމަށެވެ.
އަދި އެބިލަށް ލިބެންޖެހޭ 299،200 (ދެ ލައްކަ ނުވަދިހަ ނުވަހާސް ދުއިސައްތަ ރުފިޔާ) ރުފިޔާ އެސްޓީއޯއަށް ލިބިފައި ނުވާކަމަށް ދައުވާގައި ބުނެފައި ނުވާއިރު މި މައްސަލަ ހިނގި ދުވަސްވަރުގައި ކުންފުނިން މުދާ ދޫކުރުމާ ގުޅޭ އުސޫލެއް ލިޔެވިފައި ނެތްކަމަށްވެސް ދައުވާގައި ފާހަގަ ކޮށްފައި ވެއެވެ.
އަދި ކޭޝް ބިލަކަށް މުދާ ދޫކުރުމުގެ ކުރިން ފައިސާ ލިބުނުކަން ކަށަވަރު ކުރުމުގެ ޒިންމާއަކީ މުދާ ދޫކުރާ ފަރާތުގެ މަސްއޫލިއްޔަތެއް ނޫންކަންވެސް ހެކިވެރިންނާއި ހުށަހަޅާފައިވާ ހެކިތަކުން އެނގޭކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.
ދައުވާ ލިބޭ މޫސާ ޔާސިރު ބުނެފައި ވަނީ އޭނާގެ ޒިންމާއަކީ ފައިސާ ލިބުނުކަމަށް ކޭޝް ކައުންޓަރުން ތައްގަނޑު ޖަހާ ސޮއިކުރުމަށް ފަހު ބިލެއް ފޮނުވުމުން، އެ ފައިސާއަށްވާ އަދަދަށް މުދާ ދޫކުރުން ކަމަށާއި ބިލުގައި ފައިސާ ލިބުނުކަމަށް ތައްގަނޑު ޖަހާފައި ވާނަމަ އެއީ ފައިސާ ލިބިފައިވުން ކަމަށް ބެލިދާނެ ކަމަށެވެ.
އެގޮތުން ފައިސާ ބިލުގައި ތައްގަނޑު ޖެހި މީހާގެ ހެކިބަސް ނަގާފައި ވާއިރު އޭނާ ބުނެފައި ވަނީ ތައްގަނޑު ޖެހީ މޫސާ ޔާސިރު އެ ބިލުގައި ތައްގަނޑު ޖެހުމަށް އޭނާއަށް އެންގުމުން ކަމަށެވެ. ނަމަވެސް މުވައްޒަފުގެ ބަސް ފިޔަވައި އެކަން ސާބިތު ކުރާނެ އިތުރު އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާކަން ފާހަގަކޮށް ހުކުމުގައި ބުނެފައި ވަނީ ދައުވާ ލިބޭ މީހާ މި މައްސަލާގައި މުދާ ދޫކުރުމުގައި އޭރު އެސްޓީއޯގައި އަމަލުކުރަމުން އައި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފުވި ކަމަށް ބަލަންޖެހޭނެ ސަބަބެއް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކުން ފެންނަން ނެތްކަމަށެވެ.
މި މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ދެ ހެއްކަކު ޝަރީއަތަށް ހާޒިރު ކުރަން ތަކުރާރުކޮށް މަސައްކަތްކޮށް ހާޒިރު ކުރެވިފައި ނުވުމާ ގުޅިގެން އެމީހުން ހާޒިރުކޮށް ހެކިބަސް ނެގުމުގެ އިތުރު ފުރުސަތެއް ނުދިނުމަށް ޝަރީއަތުން ނިންމާފައި ވެއެވެ.
ދެފަރާތުގެ ހެކިތަކަށް ރިއާޔަތްކޮށް މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހްސާން ހުކުމް ކުރައްވާފައި ވަނީ، ހެކިތަކުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުވާ ލިބޭ ފަރާތުގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުނުވާ ކަމަށެވެ.