ފަލަސްތީނުގެ ގާޒާގައި، ހައްދުފަހަނަޅާފައިވާ އިޒްރޭލުން ހިންގަމުން ދާ ލާ އިންސާނީ އަމަލުތަކާ ގުޅިގެން އދ، ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި އިތުރު ދެ ގަރާރެއް ފެއިލް ކޮށްލައިފިއެވެ.
ގާޒާއަށް ދެމުން ދާ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމަށާ، ގާޒާއަށް ވީ އެންމެ އަވަހަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ގޮވާލާ ހުށަހެޅި މި ދެ ގަރާރުގައިވެސް ޔަހޫދީން ހިންގަމުންދާ ގަތުލު އާންމު ކުށްވެރިކޮށް ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެއް ނުވެއެވެ.
އދ. ގެ ސަލާމަތީ މަޖިލީހަށް އެމެރިކާއިން ހުށަހެޅި ގަރާރުގައި ވަނީ އަމިއްލަ ދިފާއުގައި މުސްލިމުންނަށް ހަމަލާދިނުމުގެ އިހްތިޔާރު އިޒްރޭލަށް ލިބިގެން ވާކަމަށް ބުނެ ވަކާލާތު ކޮށްފައެވެ. މީގެ އިތުރުން މި ގަރާރުގައި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތަކަށް އަލިއަޅިވާލާފައި ނުވާއިރު ރަޝިއާ އާއި ޗައިނާއިން ވަނީ ވީޓޯގެ ބާރު ބޭނުންކޮށް، މި ގަރާރު ބޭރުކޮށްލާފައެވެ.
މީގެ އިތުރުން ސަލާމަތީ މަޖިލީހަށް ދެވަނަ ގަރާރެއް ހުށަހަޅާފައި ވަނި ރަޝިއާ އިންނެވެ. ރަޝިއާ އިން ހުށަހެޅި ގަރާރުގައި ވަނީ ގާޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ގާޒާގެ އުތުރުގެ ރަށްތައް ހުސްކުރަން އިޒްރޭލުން އެންގި އެންގުން ބާތިލުކޮށް އެއްގަމު މަގުން ގާޒާއަށް އެރުމަށް ވަމުންދާ ތައްޔާރީތަކާ ދެކޮޅަށް އެ ގަރާރުގައި ވަނީ ވަކާލާތު ކޮށްފައެވެ. އެހެންނަމަވެސް ރަޝިއާ އިން ހުށަހެޅި މި ގަރާރުވެސް ވަނީ އެމެރިކާގެ ބާރާއެކު ސަލާމަތީ މަޖިލީހުން ބޭރުކޮށްލާފައެވެ.
ރަޝިއާ އިން އިސްނަގައިގެން ފަލަސްތީނުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު މިއީ އެ ގައުމުން ސަލާމަތީ މަޖިލީހަށް ހުށަހެޅި ދެވަނަ ގަރާރެވެ. މި މަހުގެ 16 ވަނަ ދުވަހު ރަޝިއާ އިން ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރުވެސް ވަނީ ބޭރުކޮށްލާފައެވެ.