ފަލަސްތީނުގެ މުސްލިމުން ނެތި ކޮށްލުމުގެ މަގްސަދުގައި ޔަހޫދީ އިޒްރޭލުން ދެމުންގެންދާ ލާ އިންސާނީ ހަމަލާތަކާ ގުޅިގެން އެ ގައުމުގެ މުސްލިމުންނާއެކު ތިބިކަން ހާމަކޮށް އުރީދޫ މޯލްޑިވްސް އިން ހަމަހިމޭން ކަމުގެ ސުކޫތެއް ގެންގޮސްފިއެވެ.

އެ ކުންފުނީގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން މި ސުކޫތުގައި ވަނީ ބައިވެރިވެފައެވެ. އުރީދޫއިން މޯލްޑިވްސް އިން ބުނީ ޔަހޫދީން ދެމުން ގެންދާ ހަމަލާތަކުގެ ޝިކާރައަކަށް އުރީދޫ ފަލަސްތީނުގެ މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކުގެ އިތުރުން ގާތް ތިމާގެ މީހުންވެސް ވަމުންދާ ކަމަށާއި މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި އެމީހުންނާއެކު އުރީދޫ މޯލްޑިވްސް އިން އަބަދުވެސް ދެމި ތިބޭނެ ކަން ހާމަކުރާ ކަމަށެވެ.

އަދި ހުއްޓުމެއްނެތި ދުއާ ކުރުމާއެކު އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނަށް ފުރިހަމަ ތާއީދު ދެމުންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ފަލަސްތީނުގެ މުސްލިމުންނާއެކު ތިބިކަން ހާމަކޮށް އުރީދޫއިން ކުރިއަށް ގެންދިޔަ ސުކޫތު / ފޮޓޯ: އުރީދޫ

މި މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ހަމަލާގެ ބަދަލު ހިފުމަށް އިޒްރޭލުން ރެއާއި ދުވާލު ގާޒާގެ އެކި ސަރަހައްދުތަކަށް ބޮން އަޅަމުން ދާ އިރު ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 6000 އަށްވުރެ މައްޗަށް އަރާފައެވެ.

ފަލަސްތީނުގެ މުސްލިމުންނާއެކު ތިބިކަން ހާމަކޮށް އުރީދޫއިން ކުރިއަށް ގެންދިޔަ ސުކޫތު / ފޮޓޯ: އުރީދޫ

ގާޒާ އަށް ބޭނުންވާ ބޯފެނާއި، ކާބޯތަކެއްޗާއި، ބޭހާއި ކަރަންޓާއި ތެލަކީވެސް އިޒްރޭލުން ދިނިއްޔާ ލިބޭގޮތަށް އޮތް އެއްޗަކަށް ވާއިރު، މި މަހު ފެށި ހަނގުރާމަ އާއެކު އެހުރިހާ ހިދުމަތެއް އިޒްރޭލުން ވަނީ ހުއްޓާލާފައެވެ. އަދި ދުނިޔޭގެ އެތައް ގައުމަކާއި ޖަމިއްޔާ ޖަމާއަތްތަކަކުން، އިންސާނީ އެހީ ފޯރުކޮށްދޭން ގޮވަމުން ދާ އިރުވެސް އެކަން ނުކޮށް ހިފަހައްޓާ އެމެރިކާއިން ބުނީމައި އެފުރުސަތު ދިން ނަމަވެސް ތެޔޮ ވެއްދުމުގެ ހުއްދައެއް އަދިވެސް ނުދެއެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ބައިނަލްއަގްވާމީ އަދި އިންސާނީ ހައްގުތަކާބެހޭ އެންމެހާ ގާނޫނުތަކާ ހިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާތައް ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުށްވެރި ކުރަމުންނެވެ.