ވަޒީފާގައި ހުންނަވައި ނާޖާއިޒް ގޮތުގައި މަންފާ ލިބޭނެ އެއްވެސް ކަމެއް ކުރައްވައި ނުވާނެ ކަމަށާއި ކުރެއްވި ކަމެއް ކުރައްވާފައި ވާނީ ކުންފުނީގެ ކުރިއެރުމަށް ކަމަށް ފިއުލް ސަޕްލައި މޯލްޑިވްގެ މެޖޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް ނައްތާލި މައްސަލައިގައި ގަސަމްއަށް ގިނަ ބަޔަކު ފާޑުކިޔަމުން ދާތީއެވެ. ގަސަމް ވިދާޅުވީ، އެ ކަމަކީ އޭނާ ހިންގަވާފައިވާ ނުރަނގަޅު ކަންތައްތަކެއް ފޮރުވުމަށް ކޮށްފައިވާ ކަަމެއް ކަން މީހުންގެ ސިކުނޑިއަށް ވެއްދުމަށް ސޯޝަލް މިޑިއާ މެދުވެރިކޮށް ބަޔަކު ކުރާ މަސައްކަތަކީ ވަރަށް ވެސް ފިނޑި އަމަލެއް ކަމަށެވެ.

އަދި އޭނާގެ އާއިލާއަށާއި ގާތްތިމާގެ މީހުންނަށާއި އެކުވެރިންނަށް އޭނާ އެފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީން ކަން ދެއްވަމުން ގަސަމް ވިދާޅުވީ އަދިވެސް ހުންނެވީ މައިންބަފައިން ދިން ހެޔޮ ތަރުބިއްޔަތުގެ މަތީގައި ކަމަށެވެ. އޭނާ ކުރައްވާފައިވާ ހަލާލު މަސައްކަތުން ލިބިވަޑައިގަންނަވާ އެއްޗެއް މެނުވީ އޭނާގެ އަނބިދަރިންގެ އަރުން އެތެރެ ނުވޭތޯ އަބަދުވެސް ޔަގީން ކުރައްވަމުން ގެންދަވާ ކަމަށް ވެސް ގަސަމް ވިދާޅުވިއެވެ.

އެފްއެސްއެމްގައި ކުރެއްވި މަސައްކަތެއް ކުރައްވާފައި ވާނީ އެ ކުންފުނީގެ ކުރިއެރުމަށް ކަމަށް ގަސަމް ވިދާޅުވިއެވެ. އަދި ފޮރުވަން ޖެހޭ ނާޖާއިޒް މަންފާއެއް ލިބިވަަޑައިގަންނާނެ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް އޭނާ ވިިދާޅުވިއެވެ.

އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައިގެން ކ. ތިލަފުށީގައި ނައްތާލަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމު ވެފައެވެ. މި ވީޑިއޯ އާންމުވުމާ އެކު ގިނަ ބައެއްގެ ފާޑުކިޔުން އެފްއެސްއެމްއަށް ވަނީ އަމާޒުވެފައެވެ.

އެކަމާ ގުޅިގެން އެފްއެސްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ، އެކުންފުނީގެ މުހިންމު އެއްވެސް ލިޔެކިއުމެއް ކުންފުނިން ނައްތާލާފައި ނުވާނެ ކަމަށާއި ނަމަވެސް ގިނަ ދުވަސްވެފައި ހުންނަ ކުންފުންޏަށް އިތުރަށް ބޭނުންނުވާ ބައެއް ލިޔުންތައް ނައްތާލާފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިދާރީ ގޮތުން އެކުންފުނިން ބަލަމުންދާ ކަމަށް ވެސް އެފްއެސްއިން ބުނެއެވެ. އެފްއެސްއެމް އިން ވަނީ ދައުލަތުގެ އެއްވެސް އިދާރާއަކުން މައުލޫމާތެއް ސާފު ކުރަން ބޭނުންވާނަމަ އެކުންފުނިން މަރުހަބާ ކިޔާނެ ކަމަށް ވެސް ބުނެފައެވެ.

އެފްއެސްއެމް އިން މިހެން ބުނެފައިވާއިރު، ސޯޝަލް މީޑިއާގައި އެ ވީޑިއޯ އާންމު ކޮށްފައި ވަނީ އަހުމަދު އަނީސް ނަމަކަށް ކިޔާ އެފްއެސްއެމްގެ މުވައްޒަފެކެވެ. އޭނާ ވަނީ އެ މަންޒަރު ވީޑިއޯކޮށް އާންމުކުރީ ނައްތާލި ލިޔުންތަކަކީ ކުންފުނިން ހިންގާފައިވާ ކޮރަޕްޝަންތަކާ ގުޅޭ ލިޔުންތަކެއް ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ބުނެފައެވެ. އެވީޑިއޯ އާންމު ކުރުމުން އިއްޔެ އިން ފެށިގެން އަނީސް، އެ ކުންފުނީގެ މަގާމުގެ މަސްއޫލިއްޔަތު ތަކުން ވަގުތީ ގޮތުން އެކަހެރި ކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި މައްސަލަ އޭސީސީން ބަލަމުން އަންނަ އިރު ގައުމީ އަރްޝީފުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ލިޔެކިޔުންތައް ނައްތާލުމާ ގުޅޭ ގޮތުން އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާ ކަމަށާއި، އެކަން ކޮށްފައި ވަނީ ގައުމީ އަރުޝީފުގެ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި މި މައްސަލަ ފުލުހަށް ހުށަހަޅާނެ ކަމަށް ވެސް އެތަނުން ވަނީ ބުނެފައެވެ.